ތިނަދޫ ސިޓީގެ ތަރައްޤީއަށް ރައީސް ޞާލިޙުގެ ބޮޑެތި ވަޢުދުތަކެއް

31 Aug 2023 | 10:48
ރައީސް ޞާލިޙް ތިނަދޫ ސިޓީގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ

ގދ ތިނަދުއަށް ސިޓީ އެއްގެ ލަޤަބު ދެއްވައި ކުރިއަށް އޮތް ދައުރަށް ތަރައްޤީއާއި ގުޅޭ ބޮޑެތި ވަޢުދުތަކެއް ރައީސް އިބްރާހިމް މުޙައްމަ ޞާލިޙް ވެވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭނުގެ ތެރެއިން ރޭ ގދ ތިނަދުއަށް ވަޑައިގެން ރައީސް ޞާލިޙް ވަނީ ތަރައްޤީގެ ބޮޑެތި ވަޢުދު ތަކެއް ވެވަޑައިގެންފައެވެ.

"ހުވަދުއާއި މެދު އަޅުގަނޑުގެ ތަޞައްވުރެއް އެބައޮތް، އަދި ތިނަދުއާއި ދޭތެރޭގައިވެސް އަޅުގަނޑުގެ ތަޞައްވުރެއް އެބައޮތް، ޤަދީމީ މިއަތޮޅަކީ ރާއްޖޭގެ ތަރައްޤީއަށް އަޅުގަނޑުމެން ކުރާ ދަތުރުގައި އެންމެ ދުވެލި ބާރު އެއްއަތޮޅު، މިއީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އަތޮޅު، މިއީ ރާއްޖޭގައި އެންމެ ރަށް ގިނަ އަތޮޅު، މިއީ މަސްވެރިކަމުގެ ސިނާޢަތުގައި ރާއްޖޭގައި އެންމެ ކުރިއަރާފައި އޮތް އަތޮޅު" ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ހުވަދުއަކީ އެތައް ސިޔާސީ ލީޑަރުންނަކާއި އެތައް ވިޔަފާރި ވެރިންނެއް އުފެއްދި އަތޮޅެއް ކަމަށެވެ. މިކަންކަމުގައި ތިނަދޫ ޚާއްސަކޮށް ފާހަގަކޮށްލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިނަދޫ ސިޓީއަށް ހުވަދުއަތޮޅަށް ގެންނަން މިއުޅެނީ ބޮޑު ބަދަލެއް، ހެޔޮ ބަދަލެއް، ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިނަދޫގައި މިހާރު ހުރި ހޮސްޕިޓަލުގެ ޚިދްމަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރެވެމުން ދާއިރު ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރެވިފައިވާ ކަމަށެވެ.

ސިނާޢީ ގޮތުން ބޮޑު ބަދަލެއް ތިނަދުއަށް ގެންނަވަން ބޭނުންފުޅު ވާކަމަށާއި، ކޮމާޝަލް ހާބަރެއް ތިނަދޫގައި އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަނީ އެހެންވެގެން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭ އެތަނުގެ މަސައްކަތް ނިމި ރާއްޖެއިން ބޭރުން ސީދާ ތިނަދުއަށް މުދާ ގެނެވޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެޚިދްމަތްތައް ފެށުމާއި އެކު ސަރުކާރުގެ އެކި އިދާރަތަކާއި އެކި ކުންފުނިތަކުގެ ވަޒީފާގެ ފުރުސަތު ތިނަދޫގައި އިތުރުވެގެންދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ހުވަދުއަތޮޅާއި ތިނަދުއަކީ މަސްވެރި ބަޔަކު އުޅޭ ސަރަހައްދެއް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެގޮތުން ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 120 ޓަނުގެ ފްރީޒިން ކެޕޭސިޓީއާއި އެކު އެމަސައްކަތް ފަށައިގެން ކުރިއަށް ގެންދަވަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރުން ތިނަދޫ ސިޓީ އަށް އައިސް މަސްވެރިނަށް މަސްކިރޭނެ ކަމަށާއި މަސްވެރިންނަށް ބޭނުންވާ ހުރިހާ ޚިދްމަތެއް އެތަނުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި އެފަދަ 25 ޕްރޮޖެކްޓެއް މިހާރު ކުރިއަށް ގެންދާ ކަމަށާއި، މީގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން މަސްވެރިކަމުގެ ސިނާޢަތަށް މިއިން ދުވަހަކު ނާންނަ ވަރުގެ ބޮޑު ބަދަލެއް އަންނަތަން ފެނިގެންދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ތިނަދޫގެ ތަރައްޤީއަށް ޓަކައި ރައީސް ޞާލިޙް ވަނީ ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ކާޑެއްދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުން، އިތުރު 500 ހައުސިންގ ޔުނިޓް އެޅުން، ތިނަދޫ ފަޅު ތެރޭގައި ޕިކްނިކް އައިލެންޑެއް ހަދައި ދުވަސްވީ މީހުންނަށް މޫދަށް އެރޭވޭނެ ސަރަހައްދެއް ތައްޔާރު ކުރުން އަދި ތިނަދޫ ސިޓީގެ ހުރިހާ މަގެއް ހެދުން ހިމެނެއެވެ.

މީގެ އިތުރުން ހުނަރުވެރި ޒުވާނުންނަށް ޚާއްސަ ކޮށް ޓިވެޓް ކެމްޕަހެއް ހެދުން، ތިނަދޫގައި ހުރި ޑިޓޮކްސް ސެންޓަރު ފުރިހަމަ ރިހިބިލިޓޭޝަން ސެންޓަރަކަށް ހެދުން ހިމެނެއެވެ.

ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުން މިހާރު ހިންގަމުންދާ ހޮސްޕިޓަކް މެޑިކަލް ދާއިރާއިން މީހުން ބިނާ ކުރުމަށް ބޭނުންކުރަ ފެކަލްޓީއަކަށް ހެދުމަށް ޤައުމީ ޔުނިވަރސިޓީއާއި ވާހަކަދައްކަވާ އެކަން ހަމަޖައްސަވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement