ކްރޮސްރޯޑްސްގެ ކުޅުންތެރިން މެޗަށްފަހު ސަޕޯޓަރުންނާއި އެކު އުފާފާޅުކުރަނީ
ކުޅިވަރު
17 Oct 2023 | 09:08
ޕެނަލްޓީގައި ކަނޑޫމާ ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި މިއަދު ހަވީރު  ހޮލިޑޭ އިން ކަނޑޫމާ އާއި ކްރޮސްރޯޑްސް މޯލްޑިވްސް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުން މޮޅު ކްރޮސްރޯޑްސް އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ކަނޑޫމާ އިން މުބާރަތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ވާދަވެރި ކުޅުމަކަށްފަހު ކުއާޓާ ފައިނަލްގައި 5-3 ގެ ނަތީޖާއަކުން މާދޫ ބަލިކުރުމަށްފަހު އެވެ. އަދި ކްރޮސްރޯޑްސް އިން ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލްގައި ފަސޭހަކަމާއި އެކު 4-0 ގެ ނަތީޖާއަކުން އޮޅުވެލި މޯލްޑިވްސް ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކަނޑޫމާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު މުޞްޢަފް އިބްރާހީމް އެވެ.

މިއީ އެޓީމުގެ އިމްހާދު އަބްދުލް ގައްޔޫމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކްރޮސްރޯޑްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާއިފް ރަޝީދު އެވެ. މިއީ އެޓީމުގެ ހާފުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިއަށް އަރައި ކްރޮސްރޯޑްސްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް ޖެހިގެން އައި މިނެޓުގައި ކްރޮސްރޯޑްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސިނޫ މަހުމޫދު އެވެ. މިއީ އެޓީމުގެ ކެޕްޓަން ހަސަން ލައުހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝިފާޒު އާދިލް އެވެ.

މިއީ އެޓީމުގެ ހާފުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިއަށް އަރައި ކަނޑޫމާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ކްރޮސްރޯޑްސް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިިން ކްރޮސްރޯޑްސްގެ ނޫހް އިބްރާހިމް، ހަސަން ލައުހް، އަލީ މުނާޒް އަދި ޝިފާޒް އާދިލް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އިރު، އެޓީމުގެ އިސްމާއިލް ވަހީދުގެ ޕެނަލްޓީ ކަނޑޫމާގެ ކީއްޕަރު ވަނީ ދިފާއުކޮށްފައެވެ.

ކަނޑޫމާގެ ފަސް ޕެނަލްޓީގެ ތެރެއިިން އެޓީމުގެ އަހުމަދު ޝަރީފް، މުޙައްމަދު މުޞްޢަފް އިބްރާހީމް އަދި ކެޕްޓަން އިސްމާއިލް މަދީހު ކުރިއަށް ފޮނުވާލި ޕެނަލްޓީ ކަމިޔާބުކުރި އިރު، އެޓީމުގެ  އަހުމަދު މުހައްމަދު ކުރިއަށް ފޮނުވާލި ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ހަސަން ނިޔާފުގެ ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-5 ގެ ނަތީޖާއަކުން ކްރޮސްރޯޑްސް ކުރީގައި އޮވެގެންނެވެ.

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކްރޮސްރޯޑްސްގެ ހަސަން ލައުހް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.