އިސްރާއީލު ސިފައިން ޣައްޒާއަށް ބޮންއަޅައި އެރަށް ހަލާކުކުރުން
ރިޕޯޓް
19 Oct 2023 | 09:12
އިންޑިއާގެ މީޑިއާތަކުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ބޮން އަޅަމުންމިދަނި ކީއްވެ؟

އޮކްޓޫބަރ ހަތްވަނަ ދުވަހު ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަށްފަހު ފަލަސްތީނު މީހުން ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށް އިންޑިއާގެ މީޑިއާތަކުން ފަތުރަމުންދާ ޕްރޮޕެގެންޑާ އަދި ޕްރޯ އިސްރާއީލު ޚަބަރުތަކުން ދުނިޔޭގެ މުސްލިމު ގައުމުތަކުގެ ރައްޔިތުންގެ ހިތްތަކުގައި އިންޑިއާއާއިމެދު ވަރަށް ނުބައި ތަސައްވުރެއް އުފެދިގެންދާނެކަން ކަށަވަރެވެ. އިންޑިއާގެ ޓީވީ ޗެނަލްތަކާއި ނޫސްޕޭޕަރުތަކުގެ ކަވަރޭޖަށް ބަލާލުމުން ހީވަނީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފެށިގެން އިންޑިއާގެ ގައުމީ ވަންތަކަމުގެ ހައްގުގައި ޓީވީތަކުން ހިންގާ ކެމްޕޭނެއް ހެންނެވެ. އިންޑިއާގެ ކްރިކެޓް ޓީމުތައް ކުޅޭ މެޗްތައް ބަލަންވަދެތިބެ އިސްރާއީލުގެ ދިދަ އުފުލައި ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ފާޅުކުރަމުންދާ ޝުއޫރުތަކާއި ސޯޝަލް މީޑިއާގައި ފަލަސްތީނު ރައްޔިތުންނަށް ބަދުބަސްބުނެ ފަތުރަމުންދާ ދޮގު ޚަބަރުތަކުން މިއީ އާދައިގެ ކަމެއް ނޫންކަން އެނގެއެވެ.

ބޮޑުވަޒީރު މޯދީއަށް ލިބިވަޑައިގެންނެވި ޝޮކް

އިންޑިއާގެ ބޮޑުވަޒީރާއި އިސްރާއީލުގެ ބޮޑުވަޒީރު

މިފަހަރު ފަލަސްތީނު ރައްޔިތުންނާމެދު ނުބައި ޝުއޫރެއް ފުރަތަމަ ފެތުރުއްވީ އިންޑިއާގެ ވެރިކަންކުރާ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ދީނީ ޕާޓީއެއްކަމުގައިވާ ބީޖޭޕީން ވެރިކަމަށް ވަޑައިގެން ހުންނެވި ބޮޑުވަޒިރު ނަރެންދުރަ މޯދީއެވެ. ހަމާސް ޖަމާއަތުން ހަމަލާދިނުމާއެކު އެންމެ އަވަހަށް އެކަން ކުށްވެރިކޮށް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޓެރަރިސްޓުން އިސްރާއީލަށް ދިން ހަމަލާއިން ވަރަށް ބޮޑަށް ޝޮކް ލިބިވަޑައިގެންފިކަމަށާއި އިންޑިއާ އޮތީ އިސްރާއީލާއެކުގައި ކަމަށެވެ. އޭގެފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ގުޅުއްވާފައި މަސްރަހް އަޕްޑޭޓް ކޮށްދެއްވުމުން ޝުކުރު އަދާކުރައްވާ ކަމަށާއި ޝައްކެއްނެތް ގޮތުގައި އިންޑިއާގެ ރައްޔިތުން ތިބީ ވަރުގަދައަށް އިސްރާއީލާ އެކުގައި ކަމަށެވެ. އެއަށްފަހު އިސްރާއީލުގެ މަތިންދާ ބޯޓްތަކުންނާއި މިސައިލާއި ދުނިޔޭގައި އާއްމު ރައްޔިތުންނާ ދެކޮޅަށް މަނާހަތިޔާރެއްކަމުގައިވާ ފޮސްފަރަސް ބޮން އަޅައި ފަލަސްތީނުގެ ޣައްޒާ ތަޅައި ސުންނާފަތި ކުރަމުންދާއިރުވެސް އިންޑިއާގެ ބޮޑުވަޒީރުގެ ދުލުން ހިތްޕުޅުގައި ފަލަސްތީނު ރައްޔިތުންނާމެދު ކުޑަވެސް ރަހުމެއް އުފެދިފައި އޮތްކަން ބަޔާންވާފަދަ ބަހެއް ވިދާޅުނުވެއެވެ. އަދި ޣައްޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ފަލަސްތީނުގެ 500 އަށްވުރެ ގިނަ މީހުން އެއްފަހަރާ ޝަހީދުކޮށްލުމުން  ޝޮކް ލިބިވަޑައިގަތީ ވަރަށް ފަހުންނެވެ. އެ ޝޮކްގައިވެސް ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ލިބެންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަން  ފާޅެއް ނުކުރައްވައެވެ. ހޮސްޕިޓަލަށް ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ވިދާޅުވާން ފަސްޖެހިވަޑައިގެންނެވިއެވެ.

އިންޑިއާގެ ބޮޑުވަޒީރާއި ސަރުކާރާއި އިންޑިއާގެ ޓީވީ ޗެނަލްތަކާއި ޕްރިންޓް މީޑިއާއިން ފަލަސްތީނު ރައްޔިތުންނާމެދު މިހާ ހަރުކަށިކޮށް މުއާމަލާތު ކުރުމުގެ ސަބަބަކީ ކޮބައިހެއްޔެވެ. އިނގިރޭސިން އިންޑިއާ އަޅުވެތިކޮށް އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކާއި އެއަޅުވެތިކަމާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ހުރިހާ މާނައެއްގައި ކުރި ހަނގުރާމައަކީ ޖިހާދެކެވެ. ހަނގުރާމައިގެ އިސްކޮށްތިއްބެވި މީހުންނަކީ ގައުމީ އަބްތާލުންނެވެ. އިނގިރޭސިން އިންޑިއާގެ ބިންތައް އަޅުވެތި ކުރުމާއި އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ބިންތައް އަޅުވެތިކުރުމާ އެއްވެސް ތަފާތެއް ނެތެވެ. އެކަމަކު މިއަދު އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ވެރިންނާއި ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ ކޯޕަރޭޓް މީޑިއާތަކުން އެކަން ގަބޫލުކުރަން ބޭނުން ނުވަނީކަން ނޭނގެއެވެ.

ފަލަސްތީނު ރައްޔިތުންގެ ބިންތައް އެރައްޔިތުންނަށް އަނބުރައި ލިބެންޖެހޭނެކަމަށް އިންޑިއާގެ މީގެ ކުރީގެ ސަރުކާރުތަކުން ވަކާލާތު ކުރަމުން އައިސްފައިވެއެވެ. އެވާހަކަ ދެއްކި ޖީލުގެ މީހުން މިހާރު މަރުވެއްޖެއެވެ.

ކަން މިހެން އޮތް އިރު އިންޑިއާގެ ޚަބަރު ފަތުރާ ޓީވީ ޗެނަލްތަކުންނާއި ނޫސްތަކުން މިހާވަރަށް ފަލަސްތީނު ރައްޔިތުންގެ ހައްގުތަކެއް އޮތް ކަމަށް ނުދެކި ޓެރަރިސްޓުންގެ ގޮތުގައި ސިފަކުރަންވީ ކީއްވެހެއްޔެވެ. އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލު އާއްމުތައް ފޮރުވުމަށް ހަގީގަތާއި ޚިލާފް މަންޒަރުތަކާއި ފޮޓޯތައް ހަދައިގެން ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދަކީ ޓެރަރިޒަމްކަމަށް ސޯޝަލް މީޑިއާގައި އެންމެ ވަރުގަދައަށް އަނބުރަމުންދާ ބަޔަކަށް އިންޑިއާ މީހުން ވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ.  އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ފުނޑުފުނޑުކުރަމުންދާއިރު އިންޑިއާގެ މީޑިއާތަކުން އިސްރާއީލުގެ މީހުންނަށް ލިބުނު ގެއްލުންތައް އެކަނި އިންޑިއާގެ ރައްޔިތުންނަށް ކިޔައިދެމުން މީހުންގެ ހިތްތަކުގައި އިސްރާއީލުގެ އިސްތިއުމާރީ އަނިޔާވެރިކަމަށް ރަހުމް އުފެއްދުމުގެ ޕްރޮޕެގެންޑާއެއް މިހާވަރަށް ފަތުރަނީ ކީއްވެގެން ހެއްޔެވެ.

ފުރަތަމަ ކަމަކަށް ބުނެވެން އޮތީ އިންޑިއާގެ އަވަށްޓެރި ޕާކިސްތާނުން ފަލަސްތީނަށް ތާއީދުކޮށް އެގައުމުގެ ޓީވީ ޗެނަލްތަކުން ފަލަސްތީނަށް ހަމްދަރްދީވެ ހަދާތީ ޕާކިސްތާނު މީހުންނާ އެއްގޮތް ނުވާކަން ދައްކަން ބޮޑަށް ކުރާ ކަމެކެވެ. ޕާކިސްތާނުން ތާއީދުކުރާ ކަންކަމަކީ އިންޑިއާގެ ހައިބަތަށްވުރެ މާ ދަށު ދަރަޖައިގެ ކަންކަން ކަމަށް ދުށުމެވެ.

ދެވަނަ ކަމަކީ އަލްޖަޒީރާފަދަ ބޮޑެތި މީޑިއާ ތަކުން ފާހަގަކުރާ ގޮތަށް އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް މިހާރު ފަތުރަމުންދާ ނަފްރަތުގެ ހަރަކާތްތަކެވެ. މިނަފްރަތުގެ ހަރަކާތްތައް އިންޑިއާގެ ބޯޑަރު ހުރަސްކޮށް ބޭރަށް ފަތުރަންފެށީއެވެ.

ތިންވަނަ ކަމަކީ އިންޑިއާގެ މީޑިއާތަކަކީ މަހުޖަނުން ކޮންޓްރޯލް ކުރާ ތަންތަންކަމަށްވާތީ އިސްރާއީލާއި އެމެރިކާއާއި އަދި އިނގިރޭސިވިލާތްފަދަ ޔޫރަޕްގެ ގައުމުތަކުގެ މުއްސަނދިން ރުހޭގޮތްގޮތަށް ޚަބަރުފަތުރައިގެން މަޝްހޫރުކަން ލިބޭތޯ ބެލުމެވެ. އަދި އިންޑިއާ ސަރުކާރުން އިސްރާއީލުގެ ކިބައިން ޒަމާނީ ޓެކްނޮލޮޖީއަށް ދަހިވެތިކަމާއެކު ކަޅިއަޅަނީއެވެ.

ގްލޯބަލް ސައުތުގެ އަޑެއްނޫން

ކޮންމެއަކަސް އިންޑިއާ މިބަދަލުވާ ބަދަލުވުން ވަށައިގެންތިބި އަވަށްޓެރި ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ ރައްޔިތުންނަށް އެބަފެނެއެވެ. އެރައްޔިތުންގެ ހިތުގައި އަށަގަންނަމުންދާ ނަފްރަތު އެއީ އިންޑިއާއިން ބޭނުންވާ މަސްލަހަތުގެ ގޮތުގައި ނުވެދާނެއެވެ. އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓްކުރަން އަރަބި ގައުމުތަކުގެ ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭންތަކަކީ ފެށުމެކެވެ. މުސްލިމުންނާ ދެކޮޅުވެރި ގައުމަކަށް އިންޑިއާގެ މީޑިއާ މެދުވެރިކޮށް އެގައުމުގެ ރައްޔިތުން ހަދައިގެން މެދުއިރުމަތީގެ ގައުމުތަކުގައި އިންޑިއާގެ ޑިޕްލޮމަސީ ވިއްކަން ފަސޭހަނުވާނެއެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑު އުފުލަން ޗައިނާއާއި ރަޝިޔާއާއަށް އަދި އެފްރިކާ ތަމްސީލުކުރާ ޖަމާއަތަށް ކެރުނުއިރު އިންޑިއާ މިދެއްކި ފިނޑި އަމަލަކީ ގްލޯބަލް ސައުތު ލީޑްކުރުމަށް އެކަށީގެން ނުވާކަމުގެ ހެއްކެކެވެ. އދ އިން އިސްރާއީލާއި ދެކޮޅަށް 800 އަށްވުރެ ގިނަ ގަރާރު ފާސްކޮށްފައިވާއިރު އަދި އެކަން އިންޑިއާއަށް ރަނގަޅަށް އެގޭއިރު މި ހުރިހައި ގަރާރަކަށް އިދިކޮޅު ހަދާ ގައުމެއް ދިފާއުކުރަން އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރަކަށް ވާން އިންޑިއާއިން ކުރާ މަސައްކަތާމެދު އިސްލާމީ ގައުމުތަކުން ޝައްކުގެ ނަޒަރަކުން ބެލުމުގެ ފުރުސަތު އޮންނާނެއެވެ.

އެންޓި އިސްލާމް ގައުމެއްގެ ގޮތުގައި އިންޑިއާ މަޝްހޫރުކޮށްގެން ސުޕަޕަވަރަކަށްވުމަށް ކުރާ ދަތުރު ގޮސް ނިމޭނީ ކިހާ ހިސާބަކުންތޯ ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެއެވެ.

ކޮމެންޓް
އާދަމް
އިންޑިޔާ ބޯއި ކަޓް
19 Oct 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.