Advertisement

ޝަކްތާ އަތުން މޮޅުވެ ބާސެލޯނާ އިން އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި

26 Oct 2023 | 08:52
ޝަކްތާ ކޮޅަށް ލަނޑުޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް އެޗްގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޔުކްރެއިންގެ ޝަކްތާ ޑޮނެޓްސްކް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓުކުރި އިރު، އެޓީމުން ވަނީ މިހާފުގައި ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފާމިން ލޮޕޭޒް އެވެ. މިއީ ފެރާން ޓޮރޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

Advertisement

މެޗުގެ ދެވަަނަ ހާފުގައި ޝަކްތާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔުކުރެއިންގެ މިޑްފީލްޑަރު ޖޯޖީ ސުޑަކޮވް އެވެ.

މީގެއިތުރުން ދެވަނަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ބާސެލޯނާ އެވެ. އަދި މިމެޗުން ބަލިވި ޝަކްތާ ކުޅުން ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. މިގުރޫޕްގެ ދެވަނައިގައި އޮތީ ތިން މެޗުން 6 ޕޮއިންޓް ހޯދާފައިވާ ޕޯޓޯ އެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement