ދީން
01 Feb 2024 | 11:02
މި ޛިކުރު ކިޔުން ދޫކޮށް ނުލާތި

ގިނަގުނަ ޘަވާބާއި ދަރުމަ ޙާޞިލުކުރުމަށް އޮތް އެންމެ ފަސޭހަ އެއްމަގަކީ މާތް ﷲ މަތިން ހަނދުމަކުރުމުގެ ގޮތުން ކިޔުމަށް އައިސްފައިވާ ޛިކުރުތައް ކިޔުމެވެ. މިފަދަ ޛިކުރުތަކަކީ ޢާއްމުކޮށް ކޮންމެ ޙާލަތެއްގައިވެސް، އުނދަގުލަކާނުލައި ފަސޭހަކަމާއެކު ކިޔާލެވޭ ޛިކުރުތަކެކެވެ. ހަމައެހާމެ ގިނަގުނަ ޘަވާބާއި ދަރުމަ ޙާޞިލުކުރެވޭ، ހިތަށް އުފާވެރިކަން ގެނެސްދޭ ޛިކުރުތަކެކެވެ.

އެ ޛިކުރެއް ކުރުމުން އެތައްކަމެއް ޙާޞިލުވާނެ އެއް ޛިކުރަކީ: ((لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) މި ޛިކުރުގެ މާނައަކީ: "ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހެއް ނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް ޝަރީކަކުނުވާ އެއްކައުވަންތަ ކަލާނގެއެވެ. އެންމެހާ އެއްޗަކާއި ކަމެއް މިލްކުވެވޮޑިގެން ވަނީ އެކަލާނގެއަށެވެ. އަދި އެންމެހާ ޙަމްދެއް ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލާނގެއެވެ." މި ޛިކުރަށް ވިސްނާލައިފިކަމުގައިވާނަމަ އެނގިގެންދަނީ މި ޛިކުރަކީ ﷲ تَبَارَكَ وَتَعَالَى އެއްކައުވަންތަކޮށް، އެކަލާނގެއަށް ޙަމްދާއި ޘަނާ ދެންނެވުމުގެ ޛިކުރެއްކަމެވެ.

މި ޛިކުރު ހެނދުނު 100 ފަހަރު އަދި ހަވީރު 100 ފަހަރު ކިޔުން ދޫކޮށްނުލާށެވެ! މިވަރު ނުވާކަމުގައިވާނަމަ ދުވާލުގެ ވަގުތުގައި 100 ފަހަރު ކިޔުން ދޫކޮށްނުލާށެވެ! މިވަރުވެސް ނުވާކަމުގައިވާނަމަ ފަތިސްނަމާދުގެ ފަހުންނާއި މަޣްރިބުނަމާދުގެ ފަހުން 10 ފަހަރު ކިޔުން ދޫކޮށްނުލާށެވެ! މިވަރުވެސް ނުވާކަމުގައިވާނަމަ ދުވާލަކު 10 ފަހަރު ކިޔުން ދޫކޮށްނުލާށެވެ! މިވަރުވެސް ނުވާކަމުގައިވާނަމަ ހެނދުނާއި ހަވީރު އެއްފަހަރުވިޔަސް މި ޛިކުރު ކިޔާށެވެ! މި ޛިކުރު ގިނައިން ކީވަރަކަށް ޘަވާބާއި ދަރުމަ އިތުރުވެ، މާތް މަތިވެރި މީހަކަށް ވާނެއެވެ.

މި ޛިކުރު ހެނދުނު 100 ފަހަރު އަދި ހަވީރު 100 ފަހަރު ކިޔުމުގެ މާތްކަމާބެހޭގޮތުން އައިސްފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ قَالَ: لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ مِائَةَ مَرَّةٍ إِذَا أَصْبَحَ، وَمِائَةَ إِذَا أَمْسَى، لَمْ يَجِئْ أَحَدٌ بِأَفْضَل مِمَّا عَمِلَهُ إِلَّا مَنْ قَالَ أَفْضَلَ مِنْ ذَلِكَ(( (النسائي في ((عمل اليوم والليلة))، وإسناده حسن) މާނައީ: "ފަތިސްކޮށްފިހިނދު ((لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) މިފަދައިން 100 ފަހަރު އަދި ހަވީރުކޮށްފިހިނދު 100 ފަހަރު ކިޔައިފިމީހަކަށްވުރެ މަތިވެރި ޢަމަލެއް ކުރިމީހަކު ނުވާނެއެވެ. އެއަށްވުރެ އިތުރަށް (މި ޛިކުރު) ކިޔައިފިމީހަކު މެނުވީއެވެ."

ދުވާލަކު 100 ފަހަރު ކިޔުމުގެ މާތްކަމާބެހޭގޮތުން އައިސްފައިވެއެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ قَالَ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ؛ كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنْ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ، إِلَّا رَجُلٌ عَمِلَ أَكْثَرَ مِنْهُ(( (البخاري ومسلم) މާނައީ: "((لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) މިފަދައިން ދުވާލަކު 100 ފަހަރު ކިޔައިފިމީހަކަށް ދިހަ އަޅުން މިނިވަންކުރުމާ (ޘަވާބުގެ ގޮތުން) އެއްވަރުވެގެންވެއެވެ. އަދި އެމީހަކަށްޓަކައި ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އެމީހާގެ ކިބައިން ސަތޭކަ ފާފަ ފޮހެވޭނެއެވެ. އަދި ހަވީރުވެއްޖައުމަށް ދާންދެން ޝައިޠާނާގެ ކިބައިންވާ ރައްކަލަކަށް އެކަން ވާނެއެވެ. އަދި އެމީހާއަށްވުރެ ގިނައިން މި ޛިކުރު ކީމީހަކަށްވުރެ މަތިވެރި ޢަމަލެއް ކުރިމީހަކު ނުވާނެއެވެ." سُبْحَانَ الله. މާތް ﷲގެ ދީލަތިވަންތަކަމާއި ފަޟްލުވަންތަވެރިކަމުން މި ޛިކުރު ކިޔައިފިކަމުގައިވާނަމަ 5 ކަމެއް މާތް ﷲ އެމީހަކަށް ދެއްވާނެކަން މި ޙަދީޘްގައި މިވަނީ އައިސްފައެވެ. ޢިލްމުވެރިން ބަޔާންކޮށްދެއްވާފައިވާގޮތުގައި؛ މި ޙަދީޘުން އެނގޭގޮތުގައި އެއްވަގުތެއްގައި ސަތޭކަފަހަރު ހަމަނުކުރިނަމަވެސް ދުވާލުގެ ތެރޭގައި އެކި ވަގުތުތަކުގައި ކިޔައިގެންވެސް މި ޢަދަދު ހަމަކޮށްފިކަމުގައިވާނަމަ މި ޙަދީޘްގައި މިވާ ކަންކަން ޙާޞިލުވާނެއެވެ. އެހެންނަމަވެސް، ދުވާލުގެ ވަގުތު އެއްކޮށް ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށްޓަކައި ފަތިސްވުމަށްފަހު ވީހާވެސް އަވަހަކަށް މި ޢަދަދަށް ހަމަކުރުމަކީ މުހިއްމުކަމެކެވެ. އަދި މި ޙަދީޘުން އެނގޭގޮތުގައި؛ މި ޛިކުރު ސަތޭކަފަހަރު ކިޔުމަށްފަހު ހުއްޓާލަންވީއެއް ނޫނެވެ. އެއަށްވުރެވެސް އިތުރަށް ކިޔުމަކީ މަތިވެރި މާތް ކަމެކެވެ.

މި ޛިކުރު ފަތިސްނަމާދުގެ ފަހުންނާއި މަޣްރިބުނަމާދުގެ ފަހުން 10 ފަހަރު ކިޔުމުގެ މާތްކަމާބެހޭގޮތުން އައިސްފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ قَالَ إِذَا أَصْبَحَ: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ الْـمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ ـ عَشْرَ مَرَّاتٍ ـ كَتَبَ اللهُ لَهُ بِهِنَّ عَشْرَ حَسَنَاتٍ، وَمَحَا بِهِنَّ عَشْرَ سَيِّئَاتٍ، وَرَفَعَ لَهُ بِهِنَّ عَشْرَ دَرَجَاتٍ، وَكُنَّ لَهُ عَدْلَ عِتَاقَةِ أَرْبَعَ رِقَابٍ، وَكُنَّ لَهُ حَرْسًا حَتَّى يُمْسِيْ. وَمَنْ قَالَهُنَّ إِذَا صَلَّى الـمَغْرِبَ دُبْرَ صَلَاتِهِ فَمِثْلُ ذَلِكَ حَتَّى يُصْبِحَ)) (رواه أحمد، والنسائي، وابن حبان في صحيحه، وهذا لفظه. وحسنه الحافظ ابن حجر، والألباني) މާނައީ: "މީހަކު ފަތިސްކޮށްފިހިނދު ((لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) މިފަދައިން 10 ފަހަރު ކިޔައިފިނަމަ، އޭނާއަށްޓަކައި ﷲ ދިހަ ހެޔޮކަން ލިޔުއްވާނެއެވެ. އަދި އޭނާގެ ކިބައިން ދިހަ ނުބައިކަން ފުއްސަވައިދެއްވާނެއެވެ. އަދި ދިހަ ދަރަޖަ މަތިވެރިކޮށްދެއްވާނެއެވެ. އަދި ހަތަރު އަޅުން މިނިވަންކުރުމާ (ޘަވާބުގެ ގޮތުން) އެ ކަލިމަތައް އެއްވަރުވެގެންވެއެވެ. އަދި ހަވީރުވެއްޖައުމަށް ދާންދެން ރައްކަލެއްކަމުގައި އެ ކަލިމަތައް ވާނެއެވެ. އަދި މަޣްރިބުނަމާދުގެ ފަހުގައި މި ޛިކުރު މިގޮތަށް ކިޔައިފިނަމަ ފަތިސްވަންދެން މި ކަންކަން ލިބޭނެއެވެ." މި ޙަދީޘްގެ އެހެނިހެން ރިވާޔަތްތަކުގައި؛ ފަތިސްނަމާދާއި މަޣްރިބުނަމާދުކޮށް ނިންމުމަށްފަހު، އެހެންމީހަކާ ވާހަކަދެއްކުމުގެ ކުރިން، ނަމާދުކުރިތާ އިނދެގެން މި ޛިކުރު 10 ފަހަރު ކިޔުމަށް އައިސްފައިވެއެވެ. އެހެންކަމުން، ފަތިސްނަމާދާއި މަޣްރިބުނަމާދުކޮށް ނިމުމަށްފަހު، ޛިކުރު ތަސްބީޙައަށްފަހު ލަސްނުކޮށް މި ޛިކުރު 10 ފަހަރު ކިޔުމަށް ސަމާލުކަންދޭންޖެހެއެވެ.

މި ޛިކުރު ދުވާލަކު 10 ފަހަރު ކިޔުމުގެ މާތްކަމާބެހޭގޮތުން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ قَالَ: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، عَشْرَ مِرَارٍ كَانَ كَمَنْ أَعْتَقَ أَرْبَعَةَ أَنْفُسٍ مِنْ وَلَدِ إِسْمَاعِيلَ)) (البخاري ومسلم - واللفظ له -)

މާނައީ: "((لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) މިފަދައިން 10 ފަހަރު ކިޔައިފިމީހަކު، އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ހަތަރު އަޅުން މިނިވަންކުރިމީހަކާ (ޘަވާބުގެ ގޮތުން) އެއްފަދައެވެ."

އަދި ހެނދުނާއި ހަވީރު އެއްފަހަރު ކިޔުމުގެ މާތްކަމާބެހޭގޮތުން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ قَالَ إِذَا أَصْبَحَ: "لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ" كَانَ لَهُ عِدْلَ رَقَبَةٍ مِنْ وَلَدِ إِسْمَعِيلَ عليه السّلام، وَكُتِبَ لَهُ عَشْرُ حَسَنَاتٍ، وَحُطَّ عَنْهُ عَشْرُ سَيِّئَاتٍ، وَرُفِعَ لَهُ عَشْرُ دَرَجَاتٍ، وَكَانَ فِي حِرْزٍ مِنْ الشَّيْطَانِ حَتَّى يُمْسِيَ، وَإِنْ قَالَهَا إِذَا أَمْسَى كَانَ لَهُ مِثْلُ ذَلِكَ حَتَّى يُصْبِحَ)) (رواه أبو داود، وابن ماجه، وأحمد، وصححه الألباني) މާނައީ: މީހަކު ފަތިސްކޮށްފިހިނދު ((لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) މިފަދައިން ކިޔައިފިނަމަ، އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ހަތަރު އަޅުން މިނިވަންކުރުމާ (ޘަވާބުގެ ގޮތުން) އެއްވަރުވެގެންވެއެވެ. އަދި އެމީހަކަށްޓަކައި ދިހަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އެމީހާގެ ކިބައިން ދިހަ ފާފަ ފުއްސެވޭނެއެވެ. އަދި އެމީހަކަށްޓަކައި ދިހަ ދަރަޖަ އުފުއްލެވޭނެއެވެ. އަދި ހަވީރުވެއްޖައުމަށް ދާންދެން ޝައިޠާނާގެ ކިބައިންވާ ރައްކަލަކަށް ވާނެއެވެ. އަދި އެމީހަކު ހަވީރުކޮށްފިހިނދު، މި ޛިކުރު މިގޮތަށް ކިޔައިފިނަމަ ފަތިސްވަންދެން މި ކަންކަން ލިބޭނެއެވެ." މި ޙަދީޘްގައި މިވަނީ އެއްފަހަރު ކިޔުމެވެ. އިތުރަށް ކިޔާވަރަކަށް މަތިވެރިކަން އިތުރުވަމުންދާނެކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ޘަވާބާއި ދަރުމައަށް އެދޭ އަޅުތަކުންނޭވެ! މި މާތް ޛިކުރު ކިޔުމަށް އެކި މިންވަރު އައިސްފައި އެވަނީ މި ޛިކުރު ކުރުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. އެއީ މި ޛިކުރުގެ މާތްކަމާއި މަތިވެރިކަމުގެ ބޮޑުކަމުންނެވެ. ދިރިއުޅުމުގެ އެކި ކަންކަމުގެ ތެރޭގައި އުޅެމުންވެސް މި ޛިކުރުކޮށްލުމަކީ ނުހަނު ފަސޭހަކަމެކެވެ. މި ޛިކުރު 100 ފަހަރު ކިޔާލުމަށް ނަގާނީ އެންމެ ދިހަވަރަކަށް މިނިޓެވެ. އެހެންނަމަވެސް ގިނަގުނަ ޘަވާބާއި ދަރުމަ ލިބި، މަތިވެރިކަން ޙާޞިލުވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.