ދީން
12 Feb 2024 | 15:03
ބަންގި ގޮވަން ފެށުނު ހާދިސާ

ކޮންމެ ފަރުޟުނަމާދެއް ވަނުމާއެކު ގޮވާލެވޭ ބަންގިއަކީ މާތް މަތިވެރި ކަލިމަތަކެއް ހިމެނޭ ގޮވާލުމެކެވެ. ފަލާޙާއި ކާމިޔާބު ޙާޞިލުވާނެ އެންމެ މަތިވެރިގެންވާ އަޅުކަމަށް ޙާޒިރުވުމަށާއި އެ އަޅުކަންކުރުމަށް ހަނދާންކޮށްދެވޭ ހަނދާންކޮށްދިނުމެކެވެ. އަދި އިސްލާމީ މުޖުތަމަޢެއްގައި ފާޅުކުރެވޭ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ މަތިވެރި ޝިޢާރެކެވެ.

ޢަބްދު ﷲ ބުން ޢުމަރު رَضِيَ اللهُ عَنْهُمَا ގެ އަރިހުން ރިވާވެފައިވާ ގޮތުގައި؛ މައްކީ ދައުރުގައި ބަންގިގޮވާފައެއް ނުވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم މަދީނާއަށް ހިޖުރަކުރައްވައި މަސްޖިދުއްނަބަވީ ބިނާކުރެއްވިއެވެ. އެދުވަސްވަރު ބަންގިގޮވާލުމަކާނުލައި ނަމާދުގެ ޖަމާޢަތް ފެށޭތީ، ޞަޙާބީބޭކަލުންނަށް ނަމާދުގެ ޖަމާޢަތުގައި އެއްބައިފަހަރަށް ބައިވެރިވެވި އަދި އަނެއްބައިފަހަރަށް ބައިވެރި ނުވެވިދާން ފެށިއެވެ.

ހިޖުރީގޮތުން ފުރަތަމަ އަހަރުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ދިމާވެގެންމިއުޅޭ ކަންބޮޑުވުމަށް ޙައްލެއްހޯދޭނެ ގޮތަކާމެދު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އާއި އެކަލޭގެފާނުގެ ޞަޙާބީން މަޝްވަރާކުރެއްވިއެވެ. ނަމާދު ވަގުތު ވަދެއްޖެކަން އަންގާނެ ގޮތަކާމެދުގައެވެ. މިގޮތުން؛ ބައެއް ބޭކަލުން ހުށަހެޅުއްވީ އަލިފާންގަނޑެއް ރޯކުރުމަށެވެ. މިގޮތަކީ އަލިފާނަށް އަޅުކަންކުރާ މަޖޫސީންގެ ގޮތަކަށް ވާތީ އެކަލޭގެފާނު މިގޮތާމެދު ހިތްޕުޅަކާ ނުވިއެވެ. އަނެއްބައި ބޭކަލުން ހުށަހެޅުއްވީ ނަޞާރާއިންގެ ކަނީސާތަކުގައި ހުންނަކަހަލަ ރަނގަބީލެއް ބޭނުންކުރުމަށެވެ. މިގޮތަކީ ނަޞާރާއިން ކަންކުރާ ގޮތްކަމުގައި ވާތީ އެކަލޭގެފާނު މިގޮތާމެދުވެސް ހިތްޕުޅަކާ ނުވިއެވެ. ދެން ހުށަހެޅުއްވުނީ ޔަހޫދީން ބޭނުންކުރާފަދަ ދުންމާރިއެއް ބޭނުންކުރުމަށެވެ. މިގޮތަކީ ޔަހޫދީން ކަންކުރާ ގޮތްކަމުގައި ވާތީ އެކަލޭގެފާނު މިގޮތާމެދުވެސް ހިތްޕުޅަކާ ނުވިއެވެ. ދެން ހުށަހެޅުނީ ނަމާދު ވަގުތުޖެހުމުން ދިދައެއްފަދަ އެއްޗެއް ނެގުމަށެވެ. އެ ދިދަ ގިނަމީހުންނަށް ނުފެންނާނެތީއާއި ޚާއްޞަކޮށް ރޭގަނޑު ނުފެންނާނެތީ މިގޮތާމެދުވެސް އެކަލޭގެފާނު ހިތްޕުޅަކާ ނުވިއެވެ. ދެން، ޢުމަރު رَضِيَ اللهُ عَنْهُ މަޝްވަރާދެއްވީ ނަމާދުވަގުތު ވަދެއްޖެކަން އެންގުމަށްޓަކައި؛ ނަމާދުވަގުތުޖެހުމުން މީހަކު އުސްތަނެއްގައި ބަހައްޓައިގެން ގޮވާލުމަށެވެ. މިގޮތާމެދު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ރުހިވަޑައިގެން، ނަމާދުވަގުތު ޖެހުމުން ބިލާލު رَضِيَ اللهُ عَنْهُ ލައްވައި ((الصَّلاَةُ جَامِعَة)) މިގޮތަށް ގޮވާލުމަށް ނިންމެވިއެވެ. މީގެ މާނައަކީ؛ ނަމާދުކުރުމަށް ޖަމާވާށެވެ!

އެ ދުވަހުގެ މި މަޝްވަރާއަށްފަހުވެސް ޞަޙާބީބޭކަލުންގެ ވިސްނުމުން މި މަޝްވަރާކުރެނު ކަންތައްތައް ފިލައިގެން ނުދެއެވެ. މި މަޝްވަރާގައި ބައިވެރިވެލެއްވި އެއްބޭކަލަކީ އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބުން ޒައިދު رَضِيَ اللهُ عَنْهُ އެވެ. މާތް ﷲގެ ރަޙްމަތުން އެ ރޭ ޢަބްދުﷲ ބުން ޒައިދަށް އާދަޔާޚިލާފު ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. ފަތިސްވުމާއެކު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަރިހަށް ވަޑައިގެން އެ ހުވަފެންފުޅުގެ ޚަބަރު ދެއްވިއެވެ. "ﷲގެ ރަސޫލާއެވެ! ތިމަން ދެބަދޭތެރޭގައި ވަނިކޮށް ފެންނަނީ ފެހިކުލައިގެ ދެ ފޮތިގަނޑު އަޅައިގެން ހުރިމީހަކު ތިމަންގެ ކައިރިން ލައިފައި ދާތަނެވެ. އެމީހެއްގެ އަތުގައި ކަނީސާތަކުގައި ހުންނަކަހަލަ ރަނގަބީލުތަކެއް ހުއްޓެވެ. ތިމަން ބުނީމެވެ. "ﷲގެ އަޅާއެވެ! ތިބާ ރަނގަބީލެއް ވިއްކާނުހެއްޔެވެ؟" އެމީހަކު ބުންޏެވެ. "އެއިގެން ތިބާ ކުރާނީ ކީއް ހެއްޔެވެ؟" ތިމަން ބުނީމެވެ. "އެއިގެން ތިމަން ނަމާދަށް ގޮވާލާނީއެވެ." އެމީހަކު ބުންޏެވެ. "އެއަށްވުރެ ރަނގަޅުގޮތަކަށް ތިމަން މަގުދައްކަން ހެއްޔެވެ؟" ތިމަން ބުނީމެވެ. "އާއެކެވެ." ދެން ބަންގީގެ ކަލިމަތައް ކިޔައިދިނެވެ. އެއަށްފަހު، އެމީހަކު ކުޑަތަންކޮޅެއް ދުރަށް ދިޔުމަށްފަހު، ޤަމަތްދޭކަމުގައިވާނަމަ މި ކަލިމަތަށް ކިޔުމަށް ބުނެ ޤަމަތުގެ ކަލިމަތައް ކިޔައިދިނެވެ." އެހިނދު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަ ހުވަފެން ވާނީ ހައްޤު ތެދު ހުވަފެނަކަށެވެ. ތެދުވެ ބިލާލުގެފާނަށް ތިޔަ ކަލިމަތައް ކިޔައިދޭށެވެ. ބިލާލުގެ އަޑު ރީތިވެފައި، ބާރުވެގެންވެއެވެ." ބިލާލު رَضِيَ اللهُ عَنْهُ ބަންގިގޮވާލައްވާ އަޑުއިވިވަޑައިގެން ޢުމަރު رَضِيَ اللهُ عَنْهُ މަތިން ތުރުކުރައްވާ ރިދާކޮޅު ދަންމަވަމުން ހަލުވިކަމާއެކު ވަޑައިގެން ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަށް ދެންނެވިއެވެ. "ކަލޭގެފާނު ޙައްޤާއިގެން ފޮނުއްވި ރަސްކަލާނގެ ގަންދީ ދަންނަވަމެވެ! ތިމަންނައަށްވެސް ހުވަފެނުގައި ތިޔަ ކަލިމަތައް ގޮވާލެވޭތީ ފެނުނެވެ."

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ މި މަތިވެރި ގޮވާލުމަށް އިޖާބަދޭ ބަޔަކު ކަމުގައި ލައްވާށި! އަދި މި ގޮވާލުމާ ގުޅިފައިވާ ނަމާދަށް ފަރުވާތެރިވާ ބަޔަކު ކަމުގައި ލައްވާށި!

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.