Advertisement

އަނަސްގެ މަރުގެ މައްސަލައިގެ ހުކުމް އިސްތިއުނާފު ކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ޕީޖީ އޮފީސް

ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ:ސަން

މީގެ 6 އަހަރު ކުރިން، ގޭންގެއްގެ ބަޔަކު، އަނިޔާވެރި ގޮތަކަށް މަރާލި ރ.މީދޫ، ފެންފިޔާޒުގޭ, މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ވިސްނާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ހުކުމް އިސްތިއުނާފް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އަދި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ނުލިބޭ ކަމަށެވެ. ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު، އެންމެ ފަހު ނިންމުމެއް ވަރަށް އަވަހަށް ނިންމާނެކަމަށް ވެސް ޕީޖީ އޮފީހުގެ މެސެޖުގައި ވެއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އަނަސް އަށް ދިން މި ހަމަލާ އާއި ގުޅިގެން އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހަކަށް އުފުލައި، މަރާލުމުގެ ދައުވާ އުފުލި ތިން މީހެއްގެ މައްޗަށް އުފުލިއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުالله އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.

މި މައްސަލައިގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް އިއްވި އެ ހުކުމުގައި ވަނީ ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށާއި ސިއްރު ހެކިވެރިންގެ ހެކިބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށެވެ.

މީގެ އިތުރުންވެސް ދައުވާ އުފުލި ބައެއް މީހުންގެ ކޯލް ޑީޓެއިލް ޗާޓުތަކެއް ހުށަހެޅި ނަމަވެސް އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހަކަށް ވާތީ އެއީ ބުރަދަން ދެވޭނެ ހެއްކެއް ނޫން ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.

އަނަސް މަރާލުމުގައި ބައިވެރިވި ކުޑަ ކުއްޖާ (މިހާރު 20 އަހަރު) ގެ މައްސަލަ ހުށައަޅާފައިވަނީ ޖުވެނައިލް ކޯޓަށެވެ. މިމައްސަލައިގައި އެކޯޓުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އިއްވި ހުކުމްގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ނިންމާފައެވެ.

ޖުވެނައިލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މުހައްމަދު އަނަސް މަރާލިކަން، އޭރު އުމުރުން 18 އަހަރު ނުވާ ކުއްޖެއްގެ މައްޗަށް ސާބިތުވާ ކަމަށް 2022 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.
އަދި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އޭނާ 18 އަހަރާއި ނުވަ މަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ދެވަނަ ބުރުގެ ވޯޓު ލުމުގެ ދުވަސްކޮޅެއް ކުރިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އެމީހާގެ އަދަބު 10 އަހަރަށް ލުއިކޮށްދެއްވާފައެވެ. 

މީގެ ހަ އަހަރު ކުރިން އަނަސް މަރާލީ މާލޭގައި ހިންގާ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ. އެއީ އެރޭ ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން އައި އަށް މީހަކަށް ފިލަން އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމުން އެތާ ތެރޭގައި އޭނާއަށް ވަޅިން ހަމަލާދީ އެވެ. އަނަސް އަށް ދިން މި ހަމަލާގައި އޭނާގެ ހަށިގަނޑުގެ 24 ތަނަށް ވަނީ ވަޅި ހަރާފައެވެ.

Advertisement

ކޮމެންޓް

Advertisement