ވާދަވެރި ކުޅުމަކަށްފަހު ކުރެންދޫ ބަލިކޮށް އާރުޑީއެލް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެރޭ ގުރޫޕް އޭގައި ކުރެންދޫ އާއި އާރުޑީއެލް އެސްސީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން މޮޅުވެ އާރުޑީއެލް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އާރުޑީއެލް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި އެޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
މިމެޗުގައި އާރުޑީއެލްގެ ސައިފާން އަހުމަދު މަނިކު ދެލަނޑު ކާމިޔާބު ކުރި އިރު، މުހައްމަދު މިންވަލް އަދި ހުސެއިން ޝަރީފް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ކުރެންދޫ ޓީމުގެ މުހައްމަދު ނަބީހް، މުހައްމަދު އަންވަރުގެ އިތުރުން އަބްދުﷲ ވާހިދު އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އާރުޑީއެލް އެސްސީ ގެ ސައިފާން އަހުމަދު މަނިކު އެވެ.
ޗެންޕިއަން ޓީމަށް 50,000 އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭގޮތަށެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އޮބިއަން އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވޮއިސް އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists