ވާދަވެރި ކުޅުމަކަށްފަހު ބަދަވީސް ބަލިކޮށް ގުޖުރާތުން ފެށުން ރަނގަޅުކޮށްފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ހުކުރު ދުވަހުގެރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް ޑީގެ ބަދަވީސް އެސްސީ އާއި ގުޖުރާތު ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ގުޖުރާތު ކާމިޔާބުކޮށްފިއެވެ.
ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ގުޖުރާތުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގައިި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން އެވެ.
މިއީ އެޓީމުގެ ހުސެއިން ނިހާން ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ގުޖުރާތު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގުޖުރާތުގެ އިބްރާހިމް މަހުދީ ހުސެއިން އެވެ.
ޗެންޕިއަން ޓީމަށް 50,000 އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭގޮތަށެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އޮބިއަން އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވޮއިސް އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists