Advertisement

ވާދަވެރި ކުޅުމަކަށްފަހު ފައިގެތަޅާ ބަލިކޮށް ވައިޑީ ސްޕޯޓްސް ކުލަބުން މުބާރާތް ފެށީ މޮޅަކާއެކު

18 Mar 2024 | 04:54
ފައިގެތަޅާއި ވައިޑީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިިން

ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އާދީއްތަ ދުވަހުގެރޭ ކުޅެވުނު ތިންވަނަ މެޗުގައި ގުރޫޕް އެޗްގެ އެފްސީ ފައިގެތަޅާއި ވައިޑީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވައިޑީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވައިޑީ ސްޕޯޓްސް ކުލަބުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހާރޫން ރަޝީދު އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވައިޑީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

Advertisement

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ވައިޑީ ސްޕޯޓްސް ކުލަބުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން އިބްރާހިމް އެވެ.

ފައިގެތަޅާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އިމްރާން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ވައިޑީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މިކެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވައިޑީ ސްޕޯޓްސް ކުލަބު ތޮލާލު ހަސަން އެވެ.

ޗެންޕިއަން ޓީމަށް 50,000 އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭގޮތަށެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އޮބިއަން އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވޮއިސް އެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement