ކުޑަ ވެސްޓް ކޮޅަށް ލިއޮންސް އިން 15 ލަނޑުޖަހައިފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ހުކުރު ދުވަހުގެރޭ ކުޅެވުނު ތިންވަނަ މެޗުގައި ގުރޫޕް ޖީގެ ކުޑަ ވެސްޓް އާއި ކްލަބް ލިއޮންސް ވާދަކުރި މެޗު ފަސޭހަކަމާއި އެކު 15-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ކްލަބް ލިއޮންސް އިން ބާކީ އެއް މެޗު އޮއްވައި މުބާރާތްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ލިއޮންސް އިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ވަނީ 12-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެލިއަންޓްސް އަތުން މޮޅުވެފައެވެ. އަދި ކުޑަ ވެސްޓް މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗުގައި އެޓީމު ވަނީ 14-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބީޖީ ސްޕޯޓްސް ކުލަބު އަތުން ބަލިވެފައެވެ.
ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ލިއޮންސް އިން 6 ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ދެވަަނަ ހާފުގައި އެޓީމުން ވަނީ އިތުރު 9 ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ލިއޮންސްގެ ހުސެއިން ސަމީއު ސައީދު 6 ލަނޑު ކާމިޔާބުކޮށް ދެ ހެޓްރިކް ހެދިއިރު، އެޓީމުގެ ހުސެއިން ސަވީލް ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން އެޓީމުގެ ހުސެއިން ޝަވީލް ދެލަނޑު ކާމިޔާބު ކުރި އިރު، މުހައްމަދު ޝައިމް އިބްރާހިމް ރަޝީދު، ނަވީން ޔޫސުފް، ހުސެއިން ރާއިފް އަހުމަދުގެ އިތުރުން މުހައްމަދު ނާސިހް އަސްޖަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކްލަބް ލިއޮންސްގެ ހުސެއިން ސަމީއު ސައީދު އެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ބާކީ އެއް މެޗު އޮއްވައި ކްލަބް ލިއޮންސް އިން ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އަދި މިމެޗުން ބަލިވި ކުޑަ ވެސްޓް ކުޅުނު މެޗުން ވެސް ބަލިވެ ބާކީ އެއް މެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
ޗެންޕިއަން ޓީމަށް 50,000 އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭގޮތަށެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އޮބިއަން އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވޮއިސް އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists