މާލެ-ހުޅުމާލޭގެ ޓެކްސީ ދަތުރެއްގެ އަގު 40ރ.

11 Sep 2018 | 18:33

ސިނަމާލެ ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނެ އަގަކީ 40ރ. ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް ކުރާ ޓެކްސީ ދަތުރުތަކުން އެންމެ ބޮޑު އަގުގެ ގޮތުގައި ނެގޭނީ، 35 ރުފިޔާ ކަމަށެވެ. އަދި ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރުތަކުން ނެގޭނީ 40 ރުފިޔާ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

މިގޮތަށް، ސަރުކާރުން ހަމަޖެއްސިއިރު، މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ކޮންމެ ދަތުރަކަށް 100-250ރ. އާ ދެމެދުގެ އަގެއް ޓެކްސީ ޑްރައިވަރުން ދިޔައީ ނަގަމުންނެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ބުނީ، ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ދެމެދު ކުރާ ދަތުރުތަކުން ދަތުރުފީގެ އިތުރަށް އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށެވެ. އަދި ޑިކީއަށް އެއްޗިހި ލާ ނަމަ، ދަތުރުފީގެ އިތުރަށް ފަސް ރުފިޔާގެ ނެގޭނެ ކަމަށާއި، އެ އަދަދުތަކަށް ވުރެ އިތުރަށް މީހުން އަތުން ފައިސާ ނެގުމަކީ މަނާކަމެއްކަމަށް ޓްރާސްޕޯޓް އޮތޯރިޓީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޓްރާސްޕޯޓް އޮތޯރިޓީއިން އާންމުކުރި އަގު ލިސްޓްގައިވާ ގޮތުގައި، ސައިކަލް ޓެކްސީތަކަށް މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް 15 ރުފިޔާ، ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެއަށް 15ރުފިޔާ އަދި މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް 20 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

ކޮމެންޓް

Advertisement