ސޮލާހްގެ ހެޓްރިކާއެކު ޖޯލިން ކުޑަފުށި ބަލިކޮށްފި

01 May 2024 | 19:04
ޖޯލި ބިބީއިންގ އާއި ކުޑަފުށި ވާދަކުރި މެޗުގެ ތެރެއިން

މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް ބީގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ޖޯލި ބީއިންގ އާއި ކުޑަފުށި ވާދަކުރި މެޗު 4-2 ގެ ނަތީޖާއަކުން ޖޯލި ބީއިންގ ކާމިޔާބުކޮށްފި އެވެ.

މުބާރާތުގައި ޖޯލި ބީއިންގ ކުޅުނު ފުރަތަމަ މެޗުގައި ފުރަވެރި އަތުން 4-5 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ރީތިފަރު އަތުން އެޓީމު ވަނީ 6-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މުބާރާތުގައި ކުޑަފުށިން ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ރީތިފަރު އަތުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި ފުރަވެރި އަތުން އެޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

Advertisement

މެޗުގެ ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ޖޯލި ބީއިންގ ކުރީގައި އޮވެގެން ނިމުނުއިރު، މެޗުގެ ދެވަނަ ހާފުގައި ޖޯލިން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ކުޑަފުށިން ކާމިޔާބުކުރި ދެލަނޑުވެސް ދެވަނަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އާސިފް އެވެ.

މީގެ އިތުރުން މިމެޗުގައި ޖޯލި ބީއިންގެ ހަސަން ސޮލާހް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝަމްމާހު އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޖޯލި ބީއިންގެ ހަސަން ސޮލާހް އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ޖޯލި ބީއިންގ އަށް 6 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ކުޑަފުއްޓަށް ވެސް ތިން މެޗު ވަނީ 6 ޕޮއިންޓް ލިބިފައެވެ. އަދި މިދެ ޓީމަށް ވެސް ފައިދާ ފަސް ގޯލު އެބައޮތެވެ. ތިން މެޗުގައި ޖޯލިން 14 ލަނޑު ކާމިޔާބުކުރި އިރު، އެޓީމު ބައިކޮޅަށް 9 ލަނޑު ވަދެފައިވެއެވެ. އަދި ކުޑަފުށިން ކުޅުނު ތިން މެޗުގައި އެޓީމުން 10 ލަނޑު ކާމިޔާބުކޮށްފައިވާއިރު ވައިކޮޅަށް ވަދެފައި ވަނީ ފަސް ލަނޑެވެ.

މިއަހަރުގެ ރާބަދި ޗެލެންޖްގައި 14 ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ. މުބާރާތް ކުރިއަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.

ރާބަދި ޗެލެންޖް އެންމެ ފުރަތަަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި މީދުއްޕަރު 4-3 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިގަލި މޯލްޑިވްސްއެވެ. އަދި އެކި ސަބަބުތަކާ ހުރެ 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވި ދިއުމަށް ފަހު 2022 ވަނަ އަހަރު ވަނީ އަލުން ރާބަދި ޗެލެންޖް ބާއްވަން ފައްޓާފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement