ކުރު ވާހަކަ: ދޮންބީފާނު

Share on facebook
Share on twitter
Share on telegram
Share on whatsapp

އަހަރެންނަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ހޭލެވުނުއިރު އަހަރެންގެ މުޅި ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސައެވެ. އޭރު ފައިހިލަވަޅު އޮބާލާ މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. އެނދު ކައިރީގައި ހުރި ފެންފުޅި ނަގައި، ދެތިން ކޯވަރު ބޯލީމެވެ. އަދި އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަނީމެވެ. ލައިގެން ހުރި އެއްޗިއްސާއެކު ހުރި ގޮތަށް ގޮސް ފެންވަރާ މާގަނޑު ދޫކޮށްފައި އޭގެ ދަށަށް ވަދެ ހުރީމެވެ. އަހަރެންގެ ގަޔަށް އޮހޮރެމުން ދިޔަ ފެންތަކުން މުޅި ހަށިގަނޑު ތެމެމުން ދިޔައިރު، މުޅި ގައިގައި އަތް އުނގުޅީމެވެ. ބާރު ބާރަށެވެ. ނަމަވެސް ހަށިގަނޑުގެ އެކި ތަންތަނުގައި ހުރި ޒަޚަމްތަކެއް ނުފިލިއެވެ. އަދި ހަށިގަނޑުގައި އަޅަމުންދާ ނުފިލާ ރިހުމަށްވެސް ލުޔެއް ނުލިބުނެވެ. މިއީ ގިނަ ރޭރޭ އަހަރެންގެ ހާލަތެވެ. މި ހާލަތުން އަހަރެންނަށް މިންޖުވެވޭނީ ކޮން ދުވަހަކުންބާއެވެ.

ހެނދުނު ހޭލެވުނީ، ބަދިގެ ތެރޭގައި މަންމަ ތެލިތަކާއި، ތަށިތައް ތަޅުވާ އަޑަށެވެ. އަހަރެން ދިރިއުޅޭ ގެއަކީ ތިން ކޮޓަރި ހިމެނޭހެން އާދައިގެ ގޮތަކަށް ހަދާފައި ހުންނަ ގެއެކެވެ. ބަދިގެ ހުންނަނީ އަހަރެންގެ ކޮޓަރިއާއި ޖެހިގެންނެވެ. ބަދިގެ ތެރޭގައި މަންމަ ހަރަކާތްތެރިވާ އަޑުފަށްގަނޑު ގަދަކަމުން ލޮލުފިޔެއް ޖެހޭވަރެއް ނުވިއެވެ. އަހަރެން އެނދުން ތެދުވެ، މޫނު ދޮވެގެން، އަބާޔާ ލައިގެން ކޮޓަރިން ބޭރަށް ނިކުތީމެވެ. އަދި ގޮަސް ބަދިގެއަށް ވަނީމެވެ. އޭރު މަންމަ ހުރީ ކިރުސައިތައްޓެއް ގިރާށެވެ. އަހަރެންވެސް ބަނޑުހައިވެފައި ހުރުމުން ސައިތަށްޓެއް ގިރުމަށްޓަކައި ފެންހޫނު ކުރާ ޖަގު ޖެއްސީމެވެ. ކަބަޑުގައި ހުރި ސައިފަތް ޕެކެޓު ނެގުމަށް އަތް މައްޗަށް ހިއްލާލިވަގުތު އަހަރެންގެ ދަށްބަނޑަށް ތަދެއް އެރިއެވެ. އަހަރެންނަށް ދަށްބަނޑުގައި އަތް އަޅައި ފިއްތާލެވުނެވެ. އެހިނދު ސައިގިރަން ހުރި އަހަރެންގެ މަންމަ ހުރީ، އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

އަހަރެން ތުން ފިއްތާ ބާރުކޮށްލާ، ދެބުމަ ގޮށްޖަހާލީމެވެ. އަދި ވަރަށް ބާރަށް ކަބަޑުގެ ދޮރު ލެއްޕުމަށްފަހު ގެއިން ނިކުތީމެވެ. އެ ރުޅިވެރިކަންމަތީގައި އަހަރެން ހިނގާފައި ގޮސްވަނީ މާމަމެން ގެއަށެވެ. މާމަ ފެނުމާއެކު އަހަރެން މާމަގެ ގައިގައި އޮޅުލައިގަތީމެވެ. "އުނހޫން!. އެއްކަލަ މާމަގެ އޮޅުންސުވާލި ދޯ މިއައީ. މިއަދު ވެސް މަންމަ އާއި ޒުވާބުކުރީތަ؟." މާމަ އަހަރެން ގައިގައި ބައްދާލާ ފިރުމާލިއެވެ. މުޅި ދުނިޔޭގައި ވެސް މާމަހާ އޯގާތެރި މީހެއް އަހަރެންނަކަށް ނެތެވެ. މާމަގެ އެ ފިރުމުންތަކާއި، ލޯތްބަކީ އަގު ނުކުރެވޭނެ އެއްޗެކެވެ. މާމަނެތް ދުނިޔެއެއްގައި އަހަރެން އުޅޭނީ ކިހިނެއްހެއްޔެވެ. "ނޫން ޒުވާބެއް ނުކުރަން. ދަށްބަނޑުގައި ރިއްސާތީވެ މިއައީ." އަހަރެން ބުނީމެވެ. "ތި ދަށްބަނޑުދައްކަން މާމާއާއިއެކު މާލެދާން ހިނގާބަަލަ. ފައިހާ ނުކާތީއޭ ބަނޑުގަ ރިއްސަނީ." މާމަ ބުންޏެވެ.

އަހަރެން ބަނޑުގައި ރިއްސާ އަސްލު ސަބަބު ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟. ބަނޑުގައި އެކަންޏެއް ނޫނެވެ. މުޅިގައިގައި ވެސް ރިއްސައެވެ. ސްކޫލު ނިމުނީއްސުރެން ތިން އަހަރު ފާއިތުވެދިޔަ އިރުވެސް އަހަރެން އިތުރު އެއްވެސް ކަމެއް ނުކުރަމެވެ. އިތުރަށް ކިޔަވާހިތެއް ވެސް ނުވެއެވެ. ވަޒީފާއަށް ދާހިތެއް ވެސް ނުވެއެވެ. އަހަރެން ބޭނުން ވަނީ އެކަނިމާއެކަނި ގޭގައި އޮންނާށެވެ. "ދަރިފުޅާ، ތަންތާ ރިއްސާނެ އަބަދު ތިހެން ގޭގަ އޮންނަންޏާ. ކިޔަވަން އުޅެބަލަ. ނޫނީ ވަޒީފާއެއް ހޯދަބަލަ. ދަރިފުޅު މަންމަ ވެސް އެހެންވެ ކަންނޭންގެ އަބަދު އެއްޗެހި ކިޔަނީ. އެއްޗެއް ބުނަން ވިއަސް ބުނާނީ މަންމައެއްނު. ދެން ހުރީ ދޮންބައްޕައެއްނު." ދޮންބައްޕަގެ ނަން އިވުނު ހިސާބުން އަހަރެން ގޮއް މުއްކުވާލީމެވެ. އަދި ހިންދިރުވާލުމަށްފަހު، އެތެރެއަށް ފުންކޮށް ނޭވާއެއް ލައި އެ ނޭވާ ބޭރުކޮށްލީމެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނު ކަހަލައެވެ. މިގޮތުގައި އިންދާ، މާމަ އަހަރެން ކޮނޑުގައި ހިފައި ތަޅުވާލިއެވެ. އަދި އެ ގެއިން ސައިބޮއެގެން ގެއަށް ދިއުމަށް އެދުނެވެ. މާމަ ގިރައިދޭ ލުނބޯހުތު ފަނިތަށިން އަހަރެންގެ ބަނޑަށް ރާހަތެއް ލިބެއެވެ.

ދުވާލުގެ އަލިކަން ގެއްލި ރޭގަނޑު ވެއްޖެއެވެ. ރޭގަނޑަކީ އަހަރެން އެންމެ ފޫހިވާ ވަގުތެވެ. އެ ވަގުތަކަށް އަަހަރެން އެންމެ ނަފުރަތަކު ކުރާ ވަގުތެވެ. މަންމަ ނިދިކަން އެނގުމާއެކު، އަހަރެން ކޮޓަރީގެ ފާހާނާއަށްވަދެ ފާހާނާ ތަޅުލައިގެން، ފާހާނާގެ ތަށިމަތީގައި އިށީނީމެވެ. އަހަރެންގެ ގަައިގައި ހަނގުރާމަ ކުރާނެ ހިތްވަރު ނެތުމުންނެވެ. މިގޮތުގައި އިންދާ ކުށްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑުއިވުނެވެ. އެ އައީ އަަހަރެން ޝިކާރަކުރާ މީހާއެވެ. ރޭގަ ކުރިވަރުން އޭނާގެ ހިތް ނުފުރެނީ ހެއްޔެވެ. އަަހަރެންނަށް ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. "ދަރިފުޅާ. މިއީ ބައްޕައޭ. ދޮރު ހުޅުވާލަބަލަ. ބައްޕަ ވާހަކައެއް ބުނަން ވެގެންނޭ." އަހަރެން ފާޚާނާ ތަށިމަތީގައި އަތަކަށް ގުޑާވެސް ނުލައި އިނީމެވެ. އޭރުވެސް ދޮންބައްޕަ ފާޚާނާގެ ދޮރުގައި ހުއްޓުމެއް ނެތި ޓަކިދެނީއެވެ. އިރުކޮޅަކުން ދޮންބައްޕަ ތަޅުގައި ހިފައި ވަރަށް ބާރަށް ތަޅުވަންފެށިއެވެ. އަދި ދޮރު ނުހުޅުވައިފިނަމަ، މަރާލާނެ ކަމުގެ އިންޒާރު ދެމުން ގެންދިޔައެވެ.

އަހަރެން ތެޅިތެޅި އޮތް ހިތަކާއެކު ފާޚާނާގެ ދޮރުހުޅުވީމެވެ. އޭރު ދޮންބައްޕަ ހުރީ ރުޅިއައިސް ރަތްވެފައެވެ. "ކަލޭ ކޮންމެ ރެއަކު ގޮސް ފާޚާނާއަށް ތި ވަންނަނީ، މަށަށް ފިލަންތަ؟. މިހާރު ކިތަންމެ ރެއަކު ބުނެފިން ބަސްއަހާށޭ. އޭރުން ތަދެއް ނުވާނެއޭ. މިގޮތަށް އިންޒާރު ދޭކަށްވެސް ނުޖެހޭނެ." ދޮންބައްޕަ އަހަރެންގެ އަތުގެ މުލައްދަޑީގައި ހިފައި ގަދަކަމުން ފާޚާނާ ތެރެއިން ނެރުނެވެ. އެހިނދު އެހެން ރޭރެއެކޭ އެއްގޮތަށް އަހަރެން ބިރުން ދުއްވައިގަންނަން މަސައްކަތް ކުރީމެވެ. ނަމަވެސް ސަލާމަތް ވެވޭނެ ގޮތެއް ނުވިއެވެ. ދޮންބައްޕަ އަހަރެންގެ އަނގަމަތީގައި ފޮތިގަނޑެއް އެއްސިއެވެ. އަދި ގަދަބާރުން ފުރަގަހަށްވާގޮތަށް އަހަރެންގެ ދެއަތް ބަނދެލިއެވެ. މިއީ ގިނަ ރޭތަކުގައި އަަހަރެންގެ ހާލަތެވެ. އޭނާ އަހަރެން އުރާލައިގެން ގޮސް އެނދުމައްޗަށް އެއްލާލިއެވެ. އަދި ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އެއްކޮށް ބަރަހަނާ ވިއެވެ.

އަދި އަހަރެންގެ ގައިގެ އެކި ތަންތަނުގައި ބޮސްދެމުން، އަނިޔާވާގޮތަށް އަހަރެންގެ އެކި ގުނަވަންތަކުގައި ހިފައި، ދޮންބައްޕަ ދިޔައީ އޭނާގެ އެދުންވެރިކަން ފުއްދަމުންނެވެ. އަހަރެން ހިމާޔަތަށް އެދި ގޮވާނެ އެކަކުވެސް އެ ގޭގެ ހަތަރު ފާރުތެރޭގައި ނެތެވެ. އަހަރެންނަށް ރޮއެލަ ރޮއެލާ އޮތުން ނޫން ގޮތެއް ނެތެވެ. ދޮންބައްޕަ އޭނާގެ އެދުން ފުދުމާއެކު، ގަޔަށް ފޭރާން ހެޔޮވަރުކޮށްލިއެވެ. އަދި އަހަރެންގެ ބަނދެފައި އޮތް ދެއަތް މޮހާލިއެވެ. "ހަނދާންކުރައްޗޭ، ތިހެން މާ ކަންތައްބޮޑުކުރަންޏާ ދުވަސް ދުއްވާލާނަން. މީހެއް ކައިރި އުއްފުވެސް ބުނެފިއްޔާ ނިމުނީ." ދޮންބައްޕަ މިހެން ބުނެފައި، އަހަރެންގެ އަނގަމަތީގައި އެއްސި ފޮތިގަނޑު މޮހާލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ. އަހަރެން ރުއި ނަމަވެސް، އަޑެއް ނުނިކުތެވެ. މި ވޭނުގައި، މި އަނިޔާގައި ތިން އަހަރު ހޭދަވީއެވެ. ނަމަވެސް އަހަރެންގެ އަނގަވަނީ މަޖުބޫރުން ބަންދުކޮށްފައެވެ. އަހަރެން ދޮންބައްޕަގެ އަތުން މަރުވާކަށް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުނީ ދިރިހުންނާށެވެ. އެރޭވެސް ފެންވަރާ މާގަނޑު ދަށުގައި ހުރެގެން ގަޔަށް ފެން އެޅީ، ގައިގައި އަޅާ ވޭނާއި، ޒަޚަމުތައް ފިލާތޯއެވެ. މި ޒަޚަމުތައް ދުވަހަކުވެސް ފިލާނެހެއްޔެވެ.

އަހަރެންގެ އުމުރުން އަދި މިވީ އަށާރަ އަހަރެވެ. އެއްވެސް މީހަކު އަހަރެން ދައްކާ ވާހަކައެއް ޤަބޫލުނުކުރާނެކަން ޔަގީނެވެ. އަހަރެންގެ އަސްލު ބައްޕަ މަރުވުމަށްފަހު އަހަރެންނާއި، މަންމަގެ ހުރިހާ ކަމެއް ބަލަމުން އައި މީހާއަކީ ދޮންބައްޕަ ކަމަށް ވެފައި، މިއަދު އެއީ އަހަރެންގެ މަންމަގެ ފިރިމީހާއަށް ވުމާއެކު، އަދި އަމުދުން އަހަރެން ވާހަކައެއް ދެއްކި ނަމަވެސް، އެ ވާނީ ބޭކާރު އެއްޗަކަަށެވެ. އަހަރެންގެ އުމުރުން ސޯޅަ އަހަރުން ފެށިގެން ދޮންބައްޕަ އައީ އެގޮތަށް އަަހަރެންގެ ބޭނުން ހިފަމުންނެވެ. އަހަރެންގެ ބައްޕަ މަރުވީ އަހަރެންގެ އުމުރުން ސޯޅަ އަހަރުގައެވެ. ހަމަ އެ އަހަރު މަންމަ ދޮންބައްޕައާއި ކައިވެނި ކުރިއެވެ. ތުންތުން މަތިން އަޑުއިވޭ ގޮތުގައި، މަންމައާއި ދޮންބައްޕައަކީ އަބަދުވެސް ލޯބީގެ ޚާއްޞަ ގުޅުމެެއް އޮންނަ ދެމީހުންނެވެ. އެކަން ޔަގީންވީ، ބައްޕަ މަރުވިތާ މާގިނަ ދުވަހެއްނުވެ މަންމަ ކައިވެނިކުރުމުންނެވެ.

އަހަރެންގެ ބަނޑުއަޅާ ވިހޭ މައިމީހާ އަހަރެންނާމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. ދޮންބައްޕަގެ ފަރާތުން ލިބެމުން ދިޔަ ޖިންސީ ގޯނާ ތަކުގެ ވާހަކަ މަންމަ ގާތު ބުނުމުން އެ ވާހަކަ ޤަބޫލެއް ނުކުރިއެވެ. މަންމަގެ ލޮލަށް އެ މަންޒަރުތައް ފެނުނު ދުވަހު އަހަރެންގާތު ބުނި ވާހަކަ މިއަދުވެސް އަހަރެން ހަނދާނެއް ނުނެތެއެވެ. "އެއްވެސް މީހެއް ކައިރީ ނުބުނާތި. އޭރުން ފައިހާވެސް، މަންމަވެސް ފަޟީޙަތްވީ. އަހަރުމެންނަށް މިއަދު ކައިގެން ބޮއެގެން މި އުޅެވެނީ ކަލޭގެ ދޮންބައްޕަ އިދުރީސްގެ ސަބަބުން." އެ ޖުމުލަތައް އަހަރެންގެ ހިތް ކުދިކުދި ކޮށްލިއެވެ. ކިތަންމެ ފަހަރަކު އަމިއްލައަށް މަރުވާންވެސް ހިތަށް އަރައެވެ. ނަމަވެސް އަހަރެންގެ އީމާންތެރިކަން ވަރުގަދަވުމުގެ ސަބަބުން އެކަމަށް ބިރުވެތިވެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އެ ދުވަހަކީ ކައިރި ރަށަކުން، ފުޓްބޯޅަ މެޗެއް ކުޅުމަށް ރަށަށް ފުޓްބޯޅަ ޓީމެއް އައި ދުވަހެކެވެ. ވުމާއެކު ރަށުގެ އެންމެންވެސް ނަލަ ހެދިގެން ދިޔައީ ދަނޑު ކައިރިއަށް މެޗު ބަލާށެވެ. އަހަރެން އޮތީ ގޭގައެވެ. ކޮޓަރީގައި އޮށޯވެލައިގެން އޮތީ ނިދާލެވޭތޯއެވެ. އަހަރެންނަށް ހަމަ ނިދި ނުލިބޭތާ ވީ ދުވަހެއް ނޭންގެއެވެ. އަރާމު ނިންޖަކުން ނިދާލެވޭތޯ ކުރި މަސައްކަތް ވީ ބޭކާރެވެ. ކޮޓަރީގެ ދޮރުގައި ހިފައި އެ ތަޅުވައިގަތީ ދޮންބައްޕަ ނޫން ދެވަނަ މީހެއް ނޫނެވެ. އަހަރެން ރޯމަހެއްހެން ފުންމައިގެން ތެދުވެ، ދެފައި ވައްކޮށްގެން އެނދުމަތީގައި އިށީނީމެވެ. ދެން އިވުނީ ތަޅުދަނޑިން ތަޅު ހުޅުވި އަޑެވެ. "ހެޔޮނުވާނެ. ތިވަރު ނުކޮށް އަހަރެން މަރާލާ." ދޮންބައްޕަ ފެނުމާއެކު އަހަރެން ރޮއެގަނެފައި ބުނީމެވެ. "ކަލޭ މަރުވެއްޖިއްޔާ އަހަރެން އުފަލާ އަރާމާ ހޯދާނެ ގޮތެއް ބުނެބަލަ. ތިހާ ފައްކާ މަލެއް ގަންނަންވެސް ނުލިބޭނެ." ދޮންބައްޕަ ކޮޓަރި ދޮރުލެއްޕުމަށްފަހު އެތެރެއަށް ވަނެވެ. އަދި މަޑުމަޑުން އަހަރެންނާއި ދިމާލަށް އަންނަން ފެށިއެވެ. އަހަރެން ބިރުން ފަހަތަށް ޖެހެން ފެށީމެވެ. ދޮންބައްޕަ އައި ގޮތަށް އައިސް، އަހަރެންގެ ދެފައިގައި ހިފައި ކައިރިއަށް ދަމައިގަތެވެ.

މިވެސް ކިޔާލާ:

އަހަރެންނަށް ވަމުން ދިޔަ ތަދާއެކު، ގިސްލަ ގިސްލާފައި ރޮވެނީއެވެ. ބައްޕައެއްގެ މަޤާމުގައި މިއަދު ހުރި މީހާއާކީ ހައިވާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަހަރެންނާއި މެދު ކުޑަ ނަމަވެސް ރަޙުމެއް ނުކުރިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ދޮންބައްޕަ ސިހިފައި ފަހަތަށް އެނބުރި ބަލާލިއިރު، ދޮރު ކުރިމަތީގައި ހުރީ އަހަރެންގެ މާމައެވެ. ދޮންބައްޕަ ކޮޓަރިއަށް ވަދެ ތަޅުލަން ހަނދާންނެތުން އަހަރެންގެ ނަސީބަށްވިއެވެ. ދޮންބައްޕައަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ވަގުތުން އަހަރެންގެ ހަރުވާޅު ތެރެއިން އަތް ދަމައިގަތެވެ. " މަގޭ ދަރި." މާމާ ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދައިގަތެވެ. އެހިނދު ދޮންބައްޕަ އަވަސް ފިޔަވަޅު ތަކެއްގައި ހިނގާފައި ކޮޓަރިން ބޭރަށް ނިކުތެވެ. އަހަރެންގެ ހިތް ފަޅައިގެން ދިޔައެވެ. މާމަގެ ގައިގައި ބައްދައިގެން އޮވެ، އަހަރެން ހިތް ފުރެންދެން ރުއީމެވެ. އެވަގުތު އަހަރެންގެ ދުލުން އެ އަނިޔާވެރިކަމުގެ ވާހަކަ ފުރަތަމަ ފަހަރަށް މީހަކަށް ކިޔައިދެވުނެވެ. އެއްވެސް އިޚުތިޔާރެއް ނެތި އަހަރެންގެ އަނގައިން ޖުމުލައަަކަށްފަހު ޖުމުލައެއް ދިޔައީ ބޭރުވަމުންނެވެ. މާމަ އަހަރެން ގޮވައިގެން ވަގުތުން އެ ގެއިން ނިކުމެގެން މާމަގެ ގެއަށް ގެންދިޔައެވެ.

އިސާހިތަކު މުޅި ރަށު ތެރޭގައި މި ވާހަކަ ފެތުރިއްޖެއެވެ. އަދި ރަށުގައި ޤާއިމުވެ ތިބި ފުލުހުންނާއި ހަމައަށް މައްސަލަ ހުށައެޅުނެވެ. އެއްބަޔަކު އެކަން ޤަބޫލުކުރި ހިނދު، އަނެއް ބަޔަކު ބުނަމުން ދިޔައީ އަހަރެންނަކީ ނަފްސާނީ ބަލިޖެހިފައި ހުރި މީހެއް ކަމަށެވެ. މީހުންގެ ކުރިމަތީގައި އަހަރެންގެ ދޮންބައްޕަ އަހަރެންނާއި މެދު ޢަމަލުކުރާ ގޮތާއި، ހަތަރު ފާރު އެތެރޭގައި އަހަރެންނަށް ކުރާ އަނިޔާއާއި ދިމާ އިދިކޮޅެވެ. އެެހެން މީހުންގެ ނަޒަރުގައި އެވަރުގެ ބައްޕައެއް އަހަރެންނަކަށް ނުލިބޭނެއެވެ. ކޮންމެއަކަސް މި ވާހަކަ މުޅި އަތޮޅު ތެރޭގައި ފެތުރި ނޫސްތަަކަށްވެސް އަރައިފިއެވެ. ގިނަ ބަޔަކު ތިބީ އަހަރެންގެ ދިފާޢުގައެވެ. އަހަރެންގެ ދިފާޢުގައި ތިބި، އަހަރެން ނުވެސް ދަންނަ މީހުން ގޮވަމުން ދިޔައީ ދޮންބައްޕަ މަރާލުމަށެވެ. ރަށުގައި ތިބި ބައެއް މީހުންވެސް ދޮންބައްޕައަށް ހަމަލާދޭން މަސައްކަތްކުރިއެވެ. ނަމަވެސް ދޮންބައްޕަ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފުލުހުންގެ ހިމާޔަތުގެ ދަށުގައި ސާޅީސް އަށްގަޑިއިރު ހޭދަކުރުމަށްފަހުގައި ދޮންބައްޕަ ދޫކޮށްލިއެވެ. އޭރު އޭނާއަށް ހަމަލާދޭން މަސައްކަތްކުރި އެންމެން ތިބީ ހައްޔަރުކޮށްފައެވެ. ދޮންބައްޕަ ދޫކޮށްލީ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ބުނެއެވެ. ދޮންބައްޕަ ދޫކޮށްލި ހިސާބުން، ގެއިން ނިކުންނަނީ ހާލަކުން ފަހަރަކުއެވެ. އުޅުނީ ވަރަށް ފިލައިގެންނެވެ. އިންސާފު ލިބޭނެ ކަމަށް އުއްމީދުކޮށްގެން ދިއްލި ހުޅުކޮޅު ނިވުނެވެ. "ދަރިފުޅާ. މިއަދު އިންސާފު ނުލިބުނަސް އަދި އިންސާފު ލިބޭނެ ދުވަހެއް އެބައޮތް. ކެތްތެރިވޭ. މިހާ ދުވަސްވީއިރު ދަރިފުޅު އެންމެ ފަހަރަކުވެސް މާމަ ގާތު ބުނެލިނަމަ. ދަރިފުޅާ!. ދަރިފުޅުގެ އުމުރު އަދި އޮތީ. މާމަ ދުނިޔޭގައި ހުރިހާ ހިނދަކު ދެން ލާހިކެއް ނޫން، އެ ޖާހިލު މީހާއަށް ދަރިފުޅު ގައިގަ އިނގިލި ކުރިވެސް ޖައްސާލާކަށް. އެކަހަލަ މީހުން މެރިޔަސް ވެސް ފާފާވެރިއެއް ނުވާނެ." އެދުވަހު މާމަގެ އަނގައިން ބޭރުވި ޖުމްލައިން، އަހަރެންގެ ގައިން ހީބިިހި ނެގިއެވެ. ނިވުނު ހުޅުކޮޅު އަލުން ދިއްލުނު ކަމުގެ އިހުސާސް ކުރެވުނެވެ.

ކޮންމެއަކަސް އަހަރެންނަށް ދޮންބައްޕަގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ވާހަކަ ދެއްކުން މުޅި ރާއްޖޭގައިވެސް ހުއްޓުމަކަށް ނައެވެ. އެންމެން އިންސާފަށް އެދި ގޮވަނީއެވެ. އޭރު އަހަރެންގެ ސިކުނޑިތެރޭގައި އެނބުރެމުން ދިޔަ ޚިޔާލަކީ މިއިން ދުވަހަކުވެސް ހިތަށް ނުގެންނަވަރުގެ ޚިޔާލެކެވެ. އެއް ރެއެއްގެ ދަންވަރުގެ ވަގުތުގައި އަހަރެންގެ މާމަ ނިދާނެހައި އިރުކޮށްފައި، އެ ގެއިން ނިކުތީމެވެ. އަދި ދޮންބައްޕަ އާއި މަންމަ އުޅޭ ގެއަށް ގޮސް ވަނީމެވެ. އެރޭ ގޭގެ ބޮޑު ދޮރާށި ހުރީ ތަޅުނުލައެވެ. ގެއަށް ވަންނަން އައި ފަސްވަނައަށްވީ ރޭ ވެގެން ދިޔައީ އަހަރެންގެ ނަސީބަށެވެ. ގޭތެރެއަށް ވަންއިރު، ދޮންބައްޕަ އޮތީ ސިޓިންރޫމުގައި ނިދާފައެވެ. ދޮންބައްޕަ ނިދާފައި އޮތް ސޯފާއާއި އަރާ ހަމަވީމެވެ. އަދި މަޑުމަޑުން އޭއި އޭ ކިޔާ ގޮވާލީމެވެ. ދޮންބަައްޕަ ލޯ ހުޅުވާލިއެވެ. އަަހަރެން ބަލާކަށް ނުހުރެ، އަތުގައި އޮތް ފަލަ ދަނޑިބުރިން ގައިގައި ހުރި ބާރެއްލާފައި ދޮންބައްޕަގެ ނިތްކުރިމަތީގައި ޖެހީމެވެ. އެހިނދު ދޮންބައްޕަ ހަޅޭއްލަވައިގަތެވެ. އަހަރެން އަނެއްކާވެސް ނުތެދުވެވޭވަރަށް ދަނޑިބުރިން ޖެހީމެވެ. އެއަށްފަހު ދޮންބައްޕަގެ އަނގަމަތީގައި އަތް އެޅީމެވެ. އަދި އަނެއް އަތުން، އަތުގައި ހުރި ބާރެއްލާފައި ކަރުގައި ހިފާ މަރާލީމެވެ. އެއީ އަހަރެންގެ މަންމަވެސް ކޮޓަރިން ނިކުތް ވަގުތެވެ.

އަހަރެންގެ ގަޔަށް ބުރާފައި ހުރި ލޭތައް ފެނިފައި، އަހަރެންގެ މަންމަ ހޭނެތުނެވެ. އެހިނދު އަހަރެން ދޮންބައްޕައާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އުފަލުން ރުއީމެވެ. އަހަރެންނަށް މިނިވަންވުމުގެ އިހުސާސް ކުރެވުމުންނެވެ. އަހަރެންނަށް ޤާނޫނުން ހިމާޔަތް ނުލިބުނީތީ، އަމިއްލައަށް އިންސާފު ހޯދުމުގައި ކާމިޔާބުވުމުންނެވެ. އަމިއްލައަށް ހޯދި އިންސާފާއެކު އަހަރެންނަށް ފަންސަވީސް އަަހަރުގެ ޖަލު ޙުކުމެއް އައެވެ. އަހަރެންގެ މާމަ އެކަމާއި އިންތިހާ ދަރަޖައަށް ހިތާމަކުރިއެވެ. އަހަރެންނަށް އައީ ބޭއިންސާފު ޙުކުމެއްކަން އެންމެން ދިޔައީ ބުނަމުންނެވެ. އެކަމަކު މިއީ ރޭޕްގެ ޝިކާރައަކަށްވާ އަންހެނުންނަށް އެއްވެސް އިންސާފެއް އޮތް ތަނެއް ނޫނެވެ. މާމަ އަހަރެންނަށް ހިތްވަރުދިނެވެ. އެ ހާދިސާގެ ސަބަބުން އަހަރެންގެ މަންމަގެ ސިކުނޑިއަށް ލިބުނު ކުއްލި ޝޮކަކާއިއެކު، އަހަރެންގެ މަންމަވެސް މި ދުނިޔެއާއި އަލްވަދާޢު ކިޔެވެ.

އަހަރެން އެއިން އެއްވެސް ކަމަކާއި ހިތާމައެއް ނުކުރަމެވެ. ޖަލުގެ ތޭރިތަކުގައި އުމުރު ހޭދަކުރަން ޖެހުނަސް، އަހަރެން ހުރީ އެކަމާއި އުފަލުންނެވެ. އަަހަރެން ދޮންބައްޕަ މަރާލީ، ޖަލުގައި އުމުރު ހޭދަކުރަން ޖެހުނަސް ހެޔޮކަމަށް ނިންމާފައެވެ. އަހަރެންނަށް އެ ޖަލުވެސް މާ ރައްކާތެރި ތަނަކަށް ވިއެވެ. އަހަރެން ކަހަަލަ ކިތައް "ދޮންބީފާނު" ރާއްޖޭގައި އުޅޭ ހެއްޔެވެ؟. ގޭތެރެއިން ފެށިގެން ގޮސް ޤާނޫނުން އަހަރެމެންނަށް ހިމާޔަތް ލިބޭނަމަ، އަމިއްލައަށް އިންސާފު ހޯދަން ހަމަ ޔަގީނުންވެސް ނުޖެހޭނެއެވެ.

0%100%0%

ހިޔާލު ދެއްވާ!

Your email address will not be published.