1000 ދީނާރު ހޮވި ފަޤީރު މީހާގެ ވާހަކަ
"ތަފްސީރުއް ޠަބަރީ" ގެ ނަމުން މަޝްހޫރުވެގެންވާ ކީރިތި ޤުރްއާނުގެ ތަފްސީރު ފޮތް އެކުލަވާލެއްވި އިބްނު ޖަރީރުއް ޠަބަރީ رَحِمَهُ اللهُ ބަޔާންކޮށްދެއްވާފައިވާ ޙާދިސާއެއް އިބްނުލް ޖައުޒީ "ޞަފްވަތުއް ޞަފްވާ" އޭ ކިޔުނު ފޮތުގައި ގެންނަވާފައިވެއެވެ. މި ޙާދިސާ ހިނގާފައި ވަނީ ހިޖުރީގޮތުން 3 ވަނަ ޤަރުނުގެ ތެރޭގައެވެ. އިބްނު ޖަރީރު ވިދާޅުވިއެވެ. ޙައްޖު މޫސުމުގައި އަހަރެން މައްކާގައި ވީމެވެ. މިގޮތުން އެއްދުވަހަކު ޚުރާސާނު މީހަކު ގޮވަން ފެށިއެވެ. (ޚުރާސާނަކީ މިހާރުގެ އީރާނާއި އަފްޣާނިސްތާނާއި ތުރުކުމަނިސްތާނު ހިމެނޭ ހިސާބެވެ.) "އޭ އެންމެހާ ޙައްޖުވެރިންނޭވެ! އޭ މައްކާގެ އަހުލުވެރިންނޭވެ! އެއްހާސް ދީނާރު އޭގެ ތެރޭގައިވާ ކޮތަޅެއް ތިމަންގެ އަތުން ގެއްލިއްޖެއެވެ. އެ ކޮތަޅު ހޯދައިގެން ގެނެސްދީފިމީހަކަށް މާތް ﷲ ހެޔޮ ޖަޒާދެއްވާނެތެވެ! އަދި ނަރަކައިން އެމީހަކު މިންޖުކޮށްދެއްވާނެތެވެ! ޙިސާބު ބެއްލެވޭދުވަހުގައި އެމީހަކަށް ހެޔޮ އަޖުރާއި ޘަވާބު ދެއްވާނެތެވެ!"
އެހިނދު، މައްކާގެ އަހުލުންގެ ތެރެއިން އަބޫ ޣިޔާޘުލް މައްކީ އޭ ކިޔުނު ދުވަސްވީ މުސްކުޅިއަކު ތެދުވެފައި ބުނެފިއެވެ. "އޭ ޚުރާސާނުމީހާއެވެ! މި ރަށަށް މިވަނީ ވަރަށް ބޮޑު ތަދުމަޑުކަމެއް ކުރިމަތިވެފައެވެ. ކުރިއަށް މިއޮތީ ޙައްޖުގެ ދުވަސްތަކެވެ. އެއީ މަދު ދުވަސްކޮޅެކެވެ. ކެއިންބުއިމަށް ކުރާނެ މާ ބޮޑު މަސައްކަތެއް ނެތެވެ. މުއުމިނު ފަޤީރުމީހެއް ތިޔަ ފައިސާތައް ހޮވައި، އެމީހެއްގެ އަތުގައި ތިޔަ ފައިސާތައް އޮވެދާނެއެވެ. އެފަދަ މީހަކު އޭތި އަނބުރާ ދީފިނަމަ، އެއިގެ ކުޑަ މިންވަރެއް އެމީހަކަށް ބަދަލުގެ ގޮތުގައި ދޭންވީ ނޫންތޯއެވެ؟"
އެހިނދު ޚުރާސާނުމީހާ ބުންޏެވެ. "އެމީހާ ބޭނުން ވަނީ ކިހާ ވަރެއް ހެއްޔެވެ؟"
ދުވަސްވީމީހާ ދެންނެވިއެވެ. "އެއިގެ ދިހަބައިކުޅަ އެއްބައިކަމުގައިވާ 100 ދީނާރެވެ."
އެހިނދު ޚުރާސާނުމީހާ އެކަމާ ނުރުހި ބުންޏެވެ. "ތިޔަ ގޮތަކަށް އެއްބަހެއް ނޫނެވެ. ތިޔަ ގޮތް ބޭނުންވާކަމުގައިވާނަމަ އެކަން ﷲއަށް ދޫކޮށްލާނީއެވެ. އަހަރެމެން ބައްދަލުވާ ޤިޔާމަތްދުވަހު އެކަލާނގެ ޙަޟްރަތުގައި ޝަކުވާ ދަންނަވާނަމެވެ. އަހަރެމެންނަށް އެކަލާނގެ ފުދެއެވެ." މި ހިސާބަށް ދިޔުމުން މި ދެމީހުންގެ ވާހަކަ ނިމުނެވެ.
އިބްނު ޖަރީރު ވިދާޅުވިއެވެ. "މި މުސްކުޅިމީހާއަކީ ފަޤީރެކެވެ. މި ބޭބެއަށް އެ ދީނާރު ކޮތަޅު ފެނިގެން، އެއިގެ ބައެއް ބޭނުންވެގެން އުޅެނީއެވެ. މިވެގެން އުޅޭ ގޮތެއް ބަލާލުމަށްޓަކައި އެ ބޭބެގެ ފަހަތުން ދިޔައީމެވެ. ގެއަށް ދިޔުމަށްފަހު އެ ބޭބެގެ އަންހެނުންނަށް ގޮވާލިއެވެ. "އޭ ލުބާބާއެވެ!" އެކަނބުލޭގެ ޖަވާބުދިނެވެ. "އާދޭހެވެ! އޭ އަބޫ ޣިޔާޘެވެ!" އެ ބޭބެ ބުންޏެވެ. "ދީނާރުތަކުގެ ވެރިމީހާ އެ ގެއްލިގެން ގޮވައިފިއެވެ. އެ ހޯދައިފިމީހަކަށް އެއްވެސް އެއްޗެއް ދޭކަށް އެއްބަހެއް ނުވިއެވެ. ސަތޭކަ ދީނާރު ދިނުމަށް އެދުމުންވެސް އެކަމަށް ދެކޮޅުހަދައި، އެކަން ﷲއާ ހަވާލުކޮށްފިއެވެ. ލުބާބާއެވެ! އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އެ ދީނާރުތައް ރައްދުކުރުން ނޫންގޮތެއް ނެތެވެ. ހަމަކަށަވަރުން އަހަރެންގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވަމެވެ. އަހަރެންގެ ފާފަތައް އިތުރުވެގެން ހިނގައިދާނެކަމަށް ބިރުވެތިވަމެވެ."
އެހިނދު އަންހެންމީހާ ބުންޏެވެ. "ފިރިމީހާއެވެ! ފަޤީރުކަމުގައި އަހަރެމެން ތިބާއާއެކު 50 އަހަރު ހޭދަކޮށްފީމެވެ. ތިބާގެ 4 އަންހެން ދަރިންނާއި، ދެ އުޚުތުންނާއި، އަހަރެންނާއި، އަހަރެންގެ މަންމަ ބެލެހެއްޓުން ވަނީ ތިބާއަށެވެ. އަހަރެމެންނަށް އެއްވެސް ބަކަރިއެއް، ދަނޑެއްވެސް ލިބިފައެއް ނުވެއެވެ. ވީއިރު، އެ ދީނާރުތައް ބޭނުންކޮށްގެން އަހަރެމެންގެ ހައިހޫނުކަން ފިލުވާނީއެވެ. އަދި މި ޙާލަތުން އަހަރެމެން އަރައިގަންނާނީއެވެ. މާތް ﷲ ތިބާއަށް ފުދުންތެރިކަން ދެއްވާނެއެވެ. އޭރުން، އެމީހާއަށް އެ ރައްދުކޮށްދޭނީއެވެ. ނުވަތަ ހަމައެކަނި އެކަލާނގެއަށް އެންމެހާ އެއްޗެއް މިލްކުވެގެންވާ ޤިޔާމަތްދުވަހު އެކަލާނގެ ތިބާގެ މަތިން އެ ރައްދުކޮށްދެއްވާނެތެވެ." އެހިނދު، އެ ބޭބެ އަސަރާއެކު ބުންޏެވެ. "ލުބާބާއެވެ! އަހަރެންގެ ޢުމުރުން 86 އަހަރު ވޭތުކުރުމަށްފަހު ޙަރާމް އެއްޗެއް ކާންވީ ހެއްޔެވެ؟ އެހުރިހާ ދުވަސްތަކެއް ވަންދެން ކެތްތެރިވުމަށްފަހު، އަހަރެންގެ ހަށިގަނޑު ނަރަކައަށް އެއްލާލަންވީ ހެއްޔެވެ؟ ކަށްވަޅަށް ދިޔުން ކުޑަތަންވެފައި ވަނިކޮށް ޖައްބާރުވަންތަ އިލާހުގެ ކޯފާއަށް ހުށަހެޅިގަންނަންވީ ހެއްޔެވެ؟ ﷲ ގަންދީފައި ބުނަމެވެ. ތިމަން އެގޮތަކަށް އެކަމެއް ނުކުރާނަމެވެ."
އިބްނު ޖަރީރު ވިދާޅުވިއެވެ. "މި ބޭބެއާއި މި ބޭބެގެ އަންހެނުންނާ ދެމެދު ހިނގާ ދިޔަ މި ވާހަކަތަކާމެދު ޢަޖާއިބުވެ ހުރެ ތިމަން ދިޔައީމެވެ. އަދި ޖެހިގެން އައި ދުވަހުގެ ދުވާލުގެ ވަގުތެއްގައި ދީނާރު ގެއްލިގެން އުޅުނު ޚުރާސާނުމީހާ، ކުރީ ދުވަހެކޭ އެއްގޮތަށް ދީނާރުތައް ގެއްލިގެން އެ ހޯދައިދިނުމަށް އެދި ގޮވަން ފެށިއެވެ." އެހިނދު، އަނެއްކާވެސް އެ މުސްކުޅި ބޭބެ ތެދުވެ، ފަޤީރުކަމުގެ ވާހަކަތައް ބަޔާންކުރުމަށްފަހު، އެ ހޯދާމީހަކަށް 100 ދީނާރު ނުދޭނަމަ އެންމެ 10 ދީނާރު ދިނުމަށް އެދުނެވެ. ކުރީދުވަހެކޭ އެއްގޮތަށް އެ ޚުރާސާނުމީހާ އެކަމަށް ދެކޮޅުހެދިއެވެ.
ތިންވަނަ ދުވަހުވެސް ޚުރާސާނުމީހާ، އެ ދީނާރުތަކުގެ ވާހަކަ ގޮވަން ފެށުމުން، މުސްކުޅިމީހާ ތެދުވެ، އެ ހޯދައިދިން މީހަކަށް އެންމެ ދީނާރެއް ދިނުމަށް އެއްބަސްވުމަށް އެދުނެވެ. އެހެންނަމަވެސް، ޚުރާސާނުމީހާ އެކަމަކަށް އެއްބަސްނުވިއެވެ. އެހިނދު، އެ މުސްކުޅިމީހާ ބުންޏެވެ. "ތިމަންނައާއެކު އައިސް، ތިބާގެ ދީނާރުތައް ލިބިގަނެ، ތިމަންނައަށް ނިދުނަދޭށެވެ! ތިޔަ ދީނާރުތަކެއް ފެނުނީއްސުރެ އަހަރެންނަށް ހަމަނިދި ނުލިބެއެވެ."
އިބްނު ޖަރީރު ވިދާޅުވިއެވެ. ކަންހިނގާގޮތެއް ބަލާލުމަށް އެ ދެމީހުންނާއެކު ފަސްފަހަތުން އަހަރެން ދިޔައީމެވެ. އެ ބޭބެގެ ގެއަށްގޮސް، ގޭގެތަނެއް ކޮނުމަށްފަހު ދީނާރުތައް ނެގުމަށްފަހު ބުންޏެވެ. "ތިބާގެ ދީނާރުތައް މިއޮތީއެވެ. އަހަރެން ﷲއަށް އެދިދަންނަވަނީ އަހަރެންނަށް ޢަފޫކޮށްދެއްވައި، އެކަލާނގެ ފަޟްލުވަންތަކަމުން ރިޒްޤުދެއްވުމަށެވެ."
ފަހެ، ޚުރާސާނުމީހާ އެ ދީނާރުތައް ހިފައިގެން، އެ ގޭގެ ދޮރުމައްޗާ ހަމައަށް އެރުމަށްފަހު ބުންޏެވެ. "އޭ ބޭބޭއެވެ! އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައެވެ. މާތް ﷲ ބައްޕައަށް ރަޙްމަތް ލައްވާށިއެވެ! ބައްޕަ ވަނީ އަހަރެންނަށް 3 ހާސް ދީނާރު ދީފައެވެ. އެ ދެމުން ބުންޏެވެ. މި ދީނާރުތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައި، މީސްތަކުންކުރެ އޭގެ އެންމެ ޙައްޤުވެރި ފަރާތަކަށް ދޭށެވެ! އޭގެ އެންމެ ޙައްޤުވެރި ފަރާތަކާ ބައްދަލުވަންދެން މިކޮތަޅަށް އަޅައިގެން މި ގެންގުޅެނީއެވެ. ﷲ ގަންދީފައި ބުނަމެވެ. ޚުރާސާނުން ފެށިގެން މި ހިސާބަށް އަހަރެން ދަތުރުކުރިއިރުވެސް ތިބާއަށްވުރެ ޙައްޤުމީހަކު އަހަރެންނަކަށް ނުފެނުނެވެ. ފަހެ، މި ދީނާރުތައް ބޭބެއަށެވެ. ތިބާއަށްޓަކައި އޭގައި މާތް ﷲ ބަރަކާތް ލައްވާނެތެވެ. އަދި ބޭބެގެ އަމާނާތްތެރިކަމަށާއި، ފަޤީރުކަމަށް ތިޔަ ކެތްތެރިވާ ކެތްތެރިވުމަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ!" މިހެން ބުނުމަށްފަހު، އެ ދީނާރުތައް ބެހެއްޓުމަށްފަހު ޚުރާސާނުމީހާ ހިނގައްޖެއެވެ.
ދެން، އެ ދުވަސްވީ މުސްކުޅި ބޭބެ ރޮމުން، މާތް ﷲއަށް ދުޢާކުރަން ފެށިއެވެ. "ޤަބުރުގައިވާ މި ދީނާރުގެ ވެރިޔާއަށް މާތް ﷲ ރަޙްމަތް ލައްވާނދޭވެ! އަދި އޭނާގެ ދަރިއަށްވެސް ބަރަކާތް ލައްވާނދޭވެ!"
ދެން އިބްނު ޖަރީރު ވިދާޅުވިއެވެ. "އެ ޚުރާސާނުމީހާއާއެކުގައި އެތަނުން ދިޔުމަށް އަހަރެންވެސް ހިނގައިގަތީމެވެ. އެހިނދު، އަހަރެންގެ ފަހަތުން އެ ބޭބެ އައިސް ބުންޏެވެ. "ތިމަންމެންނާއެކު އިށީންނަން އަންނާށެވެ! ފަހެ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންގެ ފަހަތުން ތިބާ އަންނަކަން އެނގެއެވެ. މިކަން މި ހިނގާދިޔަގޮތް ތިބާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. މިއީ މާތް ﷲގެ ޙަޟްރަތުން ލިބުނު ހަދިޔާއެކެވެ. މިކަމުގައި ހާޒިރުވި އެންމެންނަށް ވާ ހަދިޔާއެކެވެ." ދެން އެ ބޭބެ އެ ގޭގެ އެންމެންނަށް ގޮވާލިއެވެ. އެހިނދު، އެތަނަށް އެ ބޭބެގެ ހަތަރު އަންހެން ދަރިންނާއި، ދެ އުޚްތުންނާއި، އަނބިމީހާއާއި، އެ އަނބިމީހާގެ މަންމައާއި އަހަރެންނާއެކު ދިހަ މީހުން ހަމަވެއްޖެއެވެ. ދެން، އެ ބޭބެ ދީނާރު ކޮތަޅު ހުޅުވާލުމަށްފަހު، ފަހަރަކު މީހަކަށް ދީނާރެއް ބަހަމުންއައިސް، ދިހަވަނައަށް އަހަރެންނާ އަރާހަމަވުމުން "މިއީ ތިބާއަށްވާ ދީނާރު" ކަމުގައި ބުންޏެވެ. މިގޮތަށް ބަހަމުންގޮސް އެ އެއްހާސް ދީނާރު ބަހާލީއެވެ. އަހަރެންނަށްވެސް 100 ދީނާރު ދިނެވެ
އިބްނު ޖަރީރު ވިދާޅުވިއެވެ. "އަހަރެންނަށް 100 ދީނާރު ލިބުމަށްވުރެ، އެ ޢާއިލާއަށް ލިބުނު އުފަލުގެ ބޮޑުކަމުން އަހުރެންނަށް ލިބުނު އުފާވެރިކަން މާ ބޮޑެވެ. ދެން އަހަރެން އެ ގެއިން ނުކުންނަން އުޅުނު ހިނދު އެ ބޭބެ ބުންޏެވެ. "އޭ ޒުވާނާއެވެ! ތިޔައީ ބަރަކާތްތެރި ކުއްޖެކެވެ. ތިމަން ދުވަހަކުވެސް މިހާގިނަ ފައިސާއެއް ނުދެކެމެވެ. އަދި އެފަދައިން އުއްމީދެއްވެސް ނުކުރަމެވެ. ކޮއްކޯއެވެ! އެއީ ޙަލާލު އެއްޗެކެވެ. އެއަށް ރައްކާތެރިވެ، ހެޔޮ ރަނގަޅުގޮތުގައި ހޭދަކުރާށެވެ! ކޮއިފުޅަށް އަހަރެމެންގެ ޙާލު އެނގޭހެއްޔެވެ؟ މި ހަޑި ހެދުމުގައި އަހަރެން ފަތިސްނަމާދުކުރާކަމުގައި ވީމެވެ. ދެން މި ހެދުން ބޭލުމަށްފަހު، ދަރިން ނަމާދުކުރުމަށް ދެމެވެ. އެކަކު ނަމާދުކޮށް ނިމުމުން ބޭލުމަށްފަހު އަނެކަކަށް ދެނީއެވެ. ދެން، މި ހެދުން ލައިގެން މަސައްކަތަށް އަހަރެން ނުކުންނަނީއެވެ. މެންދުރާއި ޢަޞްރުނަމާދުގެ ދެމެދުގައި އެދުވަހަކަށް ލިބުނު އެއްޗެއް ހިފައިގެން ގެއަށް އައިސް، އަހަރެންގެ އަހުލުން ނަމާދުކުރުމަށްޓަކައި ހެދުން ދެނީއެވެ. މަޣްރިބުނަމާދާއި ޢިޝާނަމާދުވެސް ހަމަ މިގޮތަށެވެ. މިފަދަ ދީނާރުތަކެއް ލޮލަށް ފެންނާނެކަމަކަށް ކުޑަކޮށްވެސް ތަސައްވުރެއް ކުރެވިފައެއްނެތެވެ.ފަހެ، އެ އަންހެނުންނަށް ލިބުނު އެއްޗެއްގައި މާތް ﷲ މަންފާ މިންވަރު ކުރައްވާށި! އަދި އަހަރެންނާއި ކޮއިފުޅަށް ލިބުނު އެއްޗެއްގައިވެސް އެކަލާނގެ މަންފާ މިންވަރު ކުރައްވާށި! ކަށްވަޅުގައިވާ މި ދީނާރުގެ ވެރިޔާއަށްވެސް ރަޙްމަތް ލައްވައި، އޭނާގެ ދަރިފުޅަށްވެސް ޘަވާބު އިތުރުކޮށްދެއްވާށި!"
އިބްނު ޖަރީރު ވިދާޅުވިއެވެ. "ދެން ތިމަން އެ ބޭބެއަށް ވަދާޢުކޮށް، ލިބުނު ސަތޭކަ ދީނާރު ހިފައިގެން ދިޔައީމެވެ. އެ ސަތޭކަ ދީނާރުން ދެ އަހަރު ވަންދެން ޢިލްމު އުނގެނުމަށްޓަކައި ލިޔާނެ ގަނޑު ހޯދައި، ދަތުރުކޮށް، ކުލި ދައްކާ ހެދީމެވެ. އޭގެ 16 އަހަރުފަހުން މައްކާއަށް ދިޔައީމެވެ. އަދި އެ ބޭބެ ކޮބައިތޯ ބެލީމެވެ. މަސްތަކެއް ކުރިން އެ ބޭބެ ނިޔާ ވެފައިވާކަމަށް ޚަބަރު ލިބުނެވެ. އަދި އެ ބޭބެގެ އަންހެނުންނާއި، އެ އަންހެންމީހާގެ މަންމައާއި، އެ ބޭބެގެ ދެ އުޚްތުންވެސް ނިޔާވެފައިވާކަމަށް ޚަބަރު ލިބުނެވެ. ހަމައެކަނި ދުނިޔޭގައި ތިބީ އެ ބޭބެގެ އަންހެން ދަރިންނެވެ. އެ ދަރިންގެ ޚަބަރު ބެލިއިރު، އެ ކުދިން ކައިވެނި ކޮށްފައިވަނީ އަމީރުންނާއި ޢިއްޒަތްތެރި ވެރިންނާއެވެ. އެ އަންހެން ކުދިންގެ ހެޔޮކަމާއި ރަނގަޅުކަމުގެ ވާހަކަ ވަނީ މުޅި ހިސާބުގަނޑަށް ފެތުރިފައެވެ. އެ ކުދިންނާ ބައްދަލުކޮށްލިމަށްޓަކައި ދިޔުމުން، އަހަރެންނަށް މެހެމާންދާރީ އަދާކޮށްދީ ހެޔޮކޮށް ހިތިއެވެ. އަދި އެ ކުދިން ނިޔާވެއްޖައުމަށް ދާންދެން މައްކާއަށް އަހަރެންގޮސްފިކަމުގައިވާނަމަ އަހަރެންނަށް މެހެމާންދާރީ އަދާކޮށްދީ ހެޔޮކޮށް ހިތިއެވެ."
ލޮބުވެތި އަޚުންނާއި އިޚްތުންނޭވެ! ސިއްރާއި ފާޅުގައި، ފަސޭހަކަމާއި އުނދަގުލާއި، ތަނަވަސްކަމުގައްޔާއި އަތްމަތި ދަތި ޙާލުގައިވެސް ﷲއަށް ތަޤްވާވެރިވާމީހާގެ ހެޔޮކަމުގެ ބަދަލު އެކަލާނގެ ދެއްވާގޮތް ނިކަން ދެކޭށެވެ! ޙަރާމްކަންކަމުންނާއި ޙަރާމްތަކެތިން ރައްކާތެރިވެއްޖެމީހަކަށް މާތް ﷲ ބަރަކާތް ލައްވާނެތެވެ. އެފަދަ ކަންކަމާއި ތަކެތި ލައްވާފައިވަނީ އިމްތިޙާނަކަށެވެ. ކިތަންމެ ގިނަ ފައިދާއެއް ލިބޭނެކަމަށް ހީވިކަމުގައިވީނަމަވެސް ޙަރާމްތަކެއްޗަށް ލޯބިނުކުރާށެވެ! ކިތަންމެ މަދުވިނަމަވެސް މާތް ﷲ ތިބާއަށް ދެއްވި ޙަލާލުތަކެއްޗަށް ފުދޭ މީހަކަށް ވާށެވެ!
Advertisement
This content is created and paid for by advertisers and does not involve Voice Journalists