ތަފާތުބޮޑު ނަތީޖައަކުން ބެކްޓޫބެކް ބަލިކޮށް ރެޑް ވިންގްސް މުބާރާތް ފެށީ އިތުބާރާއެކު
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ރޭ އެފްސީ ބެކްޓޫބެކް އާއި އެފްސީ ރެޑް ވިންގްސް ވާދަކުރި މެޗު ފަސޭހަކަމާއެކު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ރެޑް ވިންގްސް މުބާރާތް ފެށީ އިތުބާރާއެކުއެވެ.
މެޗުގެ ފުރަތަމަ ހާފު 4-0 ގެ ނަތީޖާއަކުން ރެޑް ނޯޓިސް ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ރެޑް ނޯޓިސްގެ އަހުމަދު ނައުޝާދު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު އަބްދުއް ރަހުމާން، މުޖުތަބާ އަހުމަދު އަދި އަހުމަދު ސަމަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ މިމެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ރެޑް ނޯޓިސްގެ އަހުމަދު ނައުޝާދު އެވެ.
2024 ޖޫން 01-15 އަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 12 ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، ތިން ގުރޫޕުން ތިންވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ކުއާޓާގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ދަ އެރައިވަލް ޓްރެވަލް ޓެބްލޮއިޑް އެވެ. އަދި މުބާރާތުގެ ގޯލްޑް ސްޕޮންސަރ އަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިމުބާރާތުގެ ކިޓްސް ޕާޓްނަރަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވޮއިސް އަދި އާރުއާރުސީ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists