Advertisement

ބެކްޓޫބެކް ބަލިކޮށް ރިޕަރސް ރީ-ޔުނައިޓެޑުން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފި

07 Jun 2024 | 21:33
ރިޕަރސް ރީ-ޔުނައިޓެޑާއި އެފްސީ ބެކްޓޫބެކް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ވޮއިސް ސްޕޯޓްސް

"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ރިޕަރސް ރީ-ޔުނައިޓެޑާއި އެފްސީ ބެކްޓޫބެކް ވާދަކުރި މެޗު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރިޕަރސް ރީ-ޔުނައިޓެޑުން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.

މުބާރާތުގައި ބެކްޓޫބެކް އިން ކުޅުނު ފުރަތަމަ މެޗުގައި 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ރެޑް ވިންގްސް އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި, އެޓީމުން އެފްސީ ވައިޓް ކެޕްސް އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ރިޕަރސް ރީ-ޔުނައިޓެޑްގެ ފުރަތަމަ މެޗުގައި އެފްސީ ވައިޓް ކެޕްސް އަތުން 4-2 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އެފްސީ ރެޑް ވިންގްސް އަތުން އެޓީމު ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރިޕަރސް ރީ-ޔުނައިޓެޑުން ދެލަނޑުގެ ލީޑެއް ހޯދިއިރު، ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވަނީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-3 ގެ ނަތީޖާއަކުން  ރިޕަރސް ރީ-ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

Advertisement

އެގޮތުން މިމެޗުގައި ރިޕަރސް ރީ-ޔުނައިޓެޑްގެ ބަސްމާން އަހުމަދު ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ދީދީ އެވެ. މީގެއިތުރުން މިމެޗުގައި ބެކްޓޫބެކްގެ އިބްރާހިމް ވިޝާމް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ރަފްހާން އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިޕަރސް ރީ-ޔުނައިޓެޑްގެ ބަސްމާން އަހުމަދު އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މުބާރާތުގައި ކުޅުނު ތިން މެޗުން ރިޕަރސް ރީ-ޔުނައިޓެޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ބެކްޓޫބެކް މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު އެއްޕޮއިންޓާއެކު ގުރޫޕް ފުލުގައި އޮވެއެވެ.

ޖޫން 01-15 އަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 12 ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، ތިން ގުރޫޕުން ތިންވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ކުއާޓާގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ދަ އެރައިވަލް ޓްރެވަލް ޓެބްލޮއިޑް އެވެ. އަދި މުބާރާތުގެ ގޯލްޑް ސްޕޮންސަރ އަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. 

މިމުބާރާތުގެ ކިޓްސް ޕާޓްނަރަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވޮއިސް އަދި އާރުއާރުސީ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement