Advertisement

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އިންކޮގްނިޓޯ ކަޓުވާލުމަށްފަހު ލާސްޓް މިނެޓް ފައިނަލަށް

14 Jun 2024 | 02:01
އިންކޮގްނިޓޯ އާއި ލާސްޓް މިނެޓު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ވޮއިސް ސްޕޯޓްސް

"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން އިންކޮގްނިޓޯ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް  އެފްސީ ލާސްޓް މިނެޓުން ހޯދައިފިއެވެ.

އިންކޮގްނިޓޯ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން އެފްސީ ރެޑްވިންގްސް ބަލިކުރުމަށްފަހު އެވެ. އަދި އެފްސީ ލާސްޓް މިނެޓު ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 4-2 ގެ ނަތީޖާއަކުން ރިޕަރސް ރީ-ޔުނައިޓެޑް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންކޮގްނިޓޯ އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލާސްޓް މިނެޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

Advertisement

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިފަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ލާސްޓް މިނެޓުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، އިންކޮގްނިޓޯއަށް މިހާފުގައި ކާމިޔާބުކުރެވުނީ ދެލަނޑެވެ.

އެގޮތުން މިމެޗުގައި ލާސްޓް މިނެޓުގެ އަހުމަދު ހުނައިފް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު ހަލީމް އަދި މުހައްމަދު އާއިޝް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އިންކޮގްނިޓޯގެ ފާރިޝް މުހައްމަދު، މުހައްމަދު އިފްހާމް އަދި މުހައްމަދު މުސްލިހް މިއިން ކޮންމެ ކުޅުންތެރިއަކަ ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ލާސްޓް މިނެޓުގައި އަހުމަދު ހުނައިފް އެވެ.

ޖޫން 01-15 އަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 12 ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، ތިން ގުރޫޕުން ތިންވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް ވެސް ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ވަނީ ލިބިފައެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ދަ އެރައިވަލް ޓްރެވަލް ޓެބްލޮއިޑް އެވެ. އަދި މުބާރާތުގެ ގޯލްޑް ސްޕޮންސަރ އަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. 

މިމުބާރާތުގެ ކިޓްސް ޕާޓްނަރަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވޮއިސް އަދި އާރުއާރުސީ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement