ރައީސް ނަޝީދު އަނެއްކާވެސް މުޣުނީއަށް ތާއިދުކުރަނީ؟

07 Apr 2019 | 14:30

ގެވެށި އަނިޔާގެ ތުހުމަތުތަކާއި އެކު އެމްޑީޕީން ތާއިދު އަނބުރާ ގެންދިޔަ ތިނަދޫ އުުތުރު ދާއިރާގެ އެޕާޓީގެ ކެނޑިޑޭޓް އަބްދުލްމުޣުނީއާއި އެކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީީޕީގެ މަޖިލިސް ކެމްޕެއިންގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.

އެގޮތުން މިއަދު ހަވީރު ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވައި މުޣުނީ ވަނީ އަރިހުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ.

މީގެ އިތުރުން މިރޭ ކުރިއަށްދާ އެ ޕާޓީގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މުޣުނީގެ ކަރުގައި އެޖެންޑާ19ގެ ސޭޝެއް އަޅުއްވައިދެއްވާފައެވެ. މިރޭގެ ޖަލްސާއަކީ ތިނަދޫގެ އުތުރު އަދި ދެކުނު ދާއިރާއިން ގުޅިގެން ބާއްވާ ޖަލްސާއެެކެވެ.

މިއާއި އެކު ރައީސް ނަޝީދު މުޣުނީއަށް އަލުން ތާއިދުކުރެއްވީތޯ ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ ސުވާލު އުފައްދަވަމުންނެވެ. އަދި ގިނަބަޔަކު ދަނީ ރައީސް ނަޝީދާއި އެމްޑީޕީއަށް ފާޑުވެސް ވިދާޅުވަމުންނެވެ. މިކަމާއި ގުޅިގެން އެމްޑީޕީން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީން ވަނީ މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ މައްސަލައެއް ނެތްކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، މުޣުނީގެ މައްސަލައިގައި އެމްޑީޕީގެ ސްޓޭންޑް ބަދަލުނުކުރާނެކަމަށް ބުނެފައެވެ.

މުޣުނީއަށްް އެމްޑީޕީން ކުރި ތާއިދު އަނބުރާ ނެގިކަން ހާމަކޮށް މީދޫ ދާއިރާގެ މެންބަރ ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން އިސްބޭފުޅުންވެސް މުޣުނީގެ ކެމްޕެއިންގައި ބައިވެރިނުވާނެކަމަށް ވިދާޅުވެފައެވެ.

މުޣުނީގެ މައްސަލައިގައި އޭނާއާއި އެއްކޮޅަށް އަދި ދެކޮޅަށްވެސް ގިނަބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް