ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ބައެއް ގޯސްތަކާއި އޭގެ ހައްލު

ކުއްޖަކާއި އެކުއްޖާގެ މައިންބަފައިން: ފޮޓޯ/ގޫގުލް

ދަރިން ތަރުބިއްޔަތު ކުރުމަކީ ފަރުވާތެރިކަމާއެކު ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރަން ޖެހޭ ނުހަނު މުހިންމު ޒިންމާއެކެވެ. އެހެންނަމަވެސް، އެ ޒިންމާ އަދާކުރުމުގައި ފަރުވާ ކުޑަ ކުރެވިގެން ނުވަތަ ނޭނގި ނަމަވެސް ވަރަށް ބޮޑެތި ގޯސްތައް ހެދޭތަން ފެނެއެވެ. އެހެންކަމުން މި އާޓިކަލްގައި މި ބަލާލަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނަށް ގިނައިން ހެދޭ މައިގަނޑު ބައެއް ގޯސްތަކުގެ އިތުރުން އެ ގޯސްތަކުން ދުރުހެލިވާނެ ގޮތުގެ ބައެއް ގޮތްތަކެވެ.

1. ދޮގު ހެދުމާއި ބިރުދެއްކުން

ދަރިން ތަރުބިއްޔަތު ކުރުމުގެ މަރުހަލާގެ ތެރެއިން، އެކުދިން ޑިސިޕްލިން ކުރުމަށާއި، އަދި ތިމާ ބޭނުންވާ ކަންކަން ކުރުވުމަށްވެސް ދޮގު ހަދައި ބިރުދައްކާ ތަން ވަރަށް ގިނައިން ފެނެއެވެ. އެގޮތުން، ނުކައިފި ނަމަ، ނުވަތަ ހަޑިކޮށް އުޅޭ ނަމަ، “ހަންޑި އަންނާނެއޭ” ނުވަތަ އެހެންވެސް އެއްޗެއް އަންނާނެއޭ ކިޔައި ދޮގު ހަދައި ބިރު ދައްކައެވެ. ނޫނީ، ތިމާގެ އަތުގައި އޮތް އެއްޗެއް ދިނުމަށް ދަރިފުޅި އެދުމުން އެ ނުދެން ވެގެން އެ ތިމާގެ އަތުގައި ނެތް ކަމަށް ބުނެވެސް ދޮގު ހަދައެވެ. މިއީ ވަރަށް ކުޑަ ކަންކަމޭ ހީކޮށް ބައެއް ބެލެނިވެރިންނަށް ވަރަށް ގިނައިން ކުރެވޭ ކަންކަން ނަމަވެސް މީގެ އާޚިރުނަތީޖާ ވަރަށްވެސް ހިތިވެދާނެއެވެ. 

Advertisement

ހައްލު

ކުދިންނަށް ކާންދޭން ވިޔަސް، އެހެން ކަމެއް ކުރުވަން ވިޔަސް، އަދި ތިމާގެ އަތުގައި އޮތް އެއްޗެއް ނުދިނުމަށް ވިޔަސް ދޮގު ނުހަދާށެވެ. ކާން ދޭން ބޭނުން ނަމަ، ކެއުމުން ލިބޭ ފައިދާތަކާއި، ނުކެއުމުން ލިބޭ ގެއްލުންތައް ކުޑައިރުން ފެށިގެން ކިޔައިދޭށެވެ. އަދި ކުއްޖާގެ ފަރާތުން ނޭދެވޭ ކަމެއް ފެނިއްޖެ ނަމަ އޭގެ ސަބަބުން ނުކުމެދާނެ އާޚިރު ނަތީޖާގެ ވާހަކަ ކުއްޖާގެ އުމުރާ ގުޅޭ ގޮތަށް ކިޔައިދޭށެވެ. މިސާލަކަށް ދޮގު ހެދުމުން الله ލޯބިވެވޮޑިގެންނުވާނެ ކަމަށާ، އެހެން ނަމަވެސް ތެދު ހަދާ ކުދިންދެކެ ވަރަށް ލޯބި ވާނެ ކަމަށާ، الله ލޯބިވެވޮޑިގެންވާ ކުދިންނަށް ސުވަރުގެ ދެވޭނެކަމަށް ބުނެދީ އެކަލާނގެ ރުއްސަވާ ލޯބިވެވޮޑިގެންވާ ގޮތަށް އުޅުމަށް ކުދިންނަށް ހިތްވަރު ދޭށެވެ. އޭރުން އެކުދިން ދޮގުހެދުމާއި ނުރަނގަޅު ކަންކަމުން ދުރުހެލިވާނެ އެވެ. 

އަދި ތިމާގެ އަތުގައި އޮތް އެއްޗެއް ދޭން ބޭނުން ނުވާ ނަމަވެސް، އެ ނުދޭ ސަބަބު ބުނެދީ، ދިނުމުން ވާނެ ގޮތާއި ވާހަކަތައް ތެދަށް ބުނެދޭށެވެ. އެފަދައިން ކަން ކުރުމުން ކުއްޖާ ގޮތް ދޫކޮށް ބުނާ ބަސް ގަބޫލުކުރާނެއެވެ:

2. ކޮންސިސްޓެންސީ ނެތުން

އެއްގޮތް ނުވާ އުސޫލުތަކާއި އުންމީދުތަކުގެ ސަބަބުން ކުދިންނަށް އޮޅުން ބޮޅުން ބޮޑުވެ، ޤަބޫލުކުރެވޭ ސުލޫކުތައް ވިސްނުމަށް ދަތިވެދާނެއެވެ.

ހައްލު

ސާފު އަދި އެއްގޮތް އުސޫލުތަކާއި އުންމީދުތައް ޤާއިމުކުރާށެވެ. ހުރިހާ ބެލެހެއްޓުންތެރިން އެއް ގޮތެއްގައި ތިބިކަން ކަށަވަރުކޮށް، އެއްގޮތަކަށް ގަވާއިދުތައް ތަންފީޒުކުރާށެވެ. އެއްގޮތަކަށް ކަންތައް ކުރުމަކީ ކުދިންނަށް ރައްކާތެރިކަން އިހުސާސްކޮށްދީ، ކުދިންގެ ކިބައިން އުންމީދު ކުރެވޭ ކަންތައްތައް ވިސްނޭނެ ކަމެކެވެ.

3. އޯވަރޕްރޮޓެކްޝަން

ކުދިންނަށް ކުރިމަތިވެދާނެ ހުރިހާ ނުރައްކަލަކާއި ގޮންޖެހުންތަކުން ބެލެނިވެރިޔާ އެކުއްޖާ ރައްކާތެރިކުރުމަކީ އެކުދިންނަށް ކެތްތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ހުނަރު ތަރައްޤީ ނުކުރެވޭނެ ކަމެކެވެ. ހަމަ އެހެންމެ، ކުއްޖާގެ ހުރިހާ ކަމެއް ބެލެނިވެރިޔާ ކޮށްދީ، ކުއްޖާއަށް އަނިޔާއެއް ވެދާނެތީ، ނުވަތަ އުނދަގޫ ވެދާނެތީ ކަންކަން ދަސްކުރުމުގެ ފުރުސަތު އެއްކޮށް ހަނިކޮށް ބަންދު ކުރުމަކީ ނުހަނު ގެއްލުންހުރި ކަމެކެވެ. 

ހައްލު

ކުދިންނަށް ހެވާއި ނުބައި އަބަދުވެސް ބުނެ ކިޔައިދީ ބެލެނިވެރިޔާގެ އަމަލުންވެސް ހެޔޮކަންކަން ކޮށް ނުބައިކަމުން ދުރުހެލިވާތަން ދައްކާށެވެ.

އަދި އެއާއެކު ކުއްޖާއަށް އުމުރާ ގުޅޭ ގޮންޖެހުންތައް ތަޖުރިބާކޮށް، އަމިއްލަ އަށް އެކަންކަމުން ފިލާވަޅު ލިބިގަތުމުގެ ފުރުސަތު ދޭށެވެ. އެމީހުންނަށްޓަކައި އެމީހުންގެ ހުރިހާ މައްސަލަތަކެއް ބެލެނިވެރިޔާ ހައްލުކުރުމަށްވުރެ، މިނިވަންކަމަށް ހިތްވަރުދީ އިރުޝާދު ދޭށެވެ. މިފަދައިން ކަން ކުރުމުން ކުއްޖާއަށް އަމިއްލަ ނަފްސަށް އިތުބާރު ކުރެވި، އަމިއްލަ ނަފްސަށް ބަރޯސާވާން އެހީތެރިވެދެއެވެ.

4. ކޮލިޓީ ޓައިމް ނެތުން

ކުދިންނާއެކު ރަނގަޅަށް ވަގުތު ހޭދަ ނުކުރުމަކީ އޭގެ ސަބަބުން ކުއްޖާއާ ގުޅިފައިވާ އިހުސާސްތަކާއި އެކުއްޖާއަށް ޖަޒުބާތީ ގުޅުމެއް އުފެއްދުމަށް ހުރަސްއެޅޭނެއެވެ.

ހައްލު

ދަރިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް މަސައްކަތް ކުރާށެވެ. އެމީހުންނަށް ކަމުދާ ހަރަކާތްތަކުގައި ބައިވެރިވެ، މި ވަގުތު ގުޅުން ބަދަހިކުރުމަށާއި މުއާމަލާތް ކުރުމަށް ބޭނުންކުރާށެވެ. ކޮލިޓީ ވަގުތަކީ މައިންބަފައިންނާއި ދަރިފުޅުގެ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ އަދި ކުދިންނަށް މައިންބަފައިންގެ ފަރާތުން ރައްކާތެރިކަމާއި ގާތް ކަމުގެ އިހުސާސް އުފެއްދުމަށް އެހީތެރިވެދޭނެ ވަގުތުތަކެކެވެ.

5. އިންކޮންސިސްޓެންޓް ޑިސިޕްލިން

އެއްގޮތަކަށް ނުވަތަ މާ ބޮޑަށް ހަރުކަށިކޮށް ކުދިން ޑިސިޕްލިން ކުރަން އުޅުމަކީ، ކުދިންނަށް ކަންކަން ވިސްނުމާއި އިޙްތިރާމް ކުރުމަށް ދަސްވުމުގެ ބަދަލުގައި، އޮޅުން ބޮޅުން ބޮޑުވެ ބިރުގަތުމަށް މަގުފަހިވާ ކަމެކެވެ.

ހައްލު

އިންސާފުވެރި އަދި އަބަދުވެސް އެއްގޮތަކަށް ޑިސިޕްލިން ސްޓްރެޓެޖީތައް ތަންފީޒުކުރާށެވެ. ރަނގަޅު ސުލޫކަށް ހިތްވަރު ދިނުމަށާއި ނެގެޓިވް ސުލޫކަށް ސާފުކޮށް ނޫނެކޭ ބުނެ އެ ދެކަން ވަކިކުރަން ކުދިންނަށް ދަސްވާނެ ގޮތަށް ކުރިއަށްދާށެވެ. އެކަމަށްޓަކައި ޕޮޒިޓިވް ރިއިންފޯސްމަންޓް ބޭނުންކުރެވިދާނެއެވެ. އެގޮތުން ރަނގަޅު ކަންކަން ކުރުމުން ހިތްވަރުދީ، އެވާހަކަ ދައްކައި، އެކަމާ އުފާވާ ކަމަށާ، އަދި އޭގެ ސަބަބުން اللهގެ ލޯބި ލިބޭނެ ކަމަށް ބުނެދޭށެވެ. ޑިސިޕްލިން ކުރަން، ކުއްޖާ ގައިގައި ބާރަށް ތަޅައި އަނިޔާ ދިނުމުގެ ބަދަލުގައި، އެހެނިހެން ގޮތް ގޮތުން އަދަބު ދޭށެވެ. ނުރަނގަޅު ކަންކަން ކުރުމުން އެއްވެސް ކަހަލަ އަދަބެއް ނުލިބި ބޮޑު ވުމަކީވެސް ނުރައްކާތެރި ސިގްނަލަކަށް ވެދާނެއެވެ.

މީގެ އިތުރުން ކުދިންނަށް އުނގަންނައިދިނުމާއި މަގުދައްކައިދިނުމަށް ހުރިހާ ބެލެނިވެރިންވެސް އަމާޒު ހިފަން ޖެހެއެވެ.

އިސްލާމީ އުސޫލުތަކުގެ ތެރެއިން އިތުރަށް ވިސްނަންޖެހޭ ކަންތައްތައް:

- އިސްލާމް ދީން އުނގަންނައިދިނުން: ކުދިންގެ ތަރުބިއްޔަތު އިސްލާމް ދީން އުނގަންނައިދޭ ކަންކަމާ އެއްގޮތްވާކަން ކަށަވަރުކުރަންވާނެއެވެ. އެގޮތުން ޤުރުއާނާއި ޙަދީޘްގައިވާ އެއްގޮތަށް ޢަމަލުކޮށް، ޚާއްސަކޮށް ނަމާދަށް ފަރުވާތެރިވާން ދަސްކޮށްދޭށެވެ. އަދި ތެދުވެރިކަމާއި، އިޙްތިރާމާއި، އޯގާތެރިކަމުގެ މުހިންމުކަން ދަސްކޮށްދޭށެވެ.

ހަމައެއާއެކު، ބޮޑެތި މީހުންނަށް އިޙްތިރާމްކޮށް، އާއިލީ ގުޅުންތަކުގެ މުހިންމުކަންވެސް ތުއްތު އިރުންފެށިގެން ބުނެދޭށެވެ. 

- ތަޢުލީމު: ދީނީ ތަޢުލީމާއި ދުނިޔެވީ ރަނގަޅު ތަޢުލީމަށްވެސް އިސްކަންދޭށެވެ. ކުދިންނަށް ޢިލްމު ހޯދުމަށް ހިތްވަރުދީ، ދުނިޔެއަށްވުރެ އަބަދުވެސް އުޚުރަވީ ހަޔާތަށް އިސްކަންދިނުމަށް ނަސޭހަތްދީ އެފަދަ ވިސްނުން އަށަގެންނެވުމަށް މަސައްކަތް ކުރާށެވެ. 

މި ފާހަގަކޮށްލެވުނު ގޯސްތަކުން ދުރުހެލިވެ، އޭގެ ހައްލު ތަކަށް ފޯކަސްކޮށްގެން، ރަނގަޅަށް މަސައްކަތް ކުރުމުން އިންޝާ الله ޒިންމާދާރު ދަރިންތަކެއް އުފެދިގެންދާނެއެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement