މާލެ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭ ގޮތުން ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ސީއީއޯ ޔޫސުފް މާނިޢު ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެ އިތުރުން, ދެ މުއައްސަސާ ގުޅިގެން ހަރުދަނާ މަސައްކަތްތައް ރާވައި ފުލުހުންނާއި އެ އޮފީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ މާލެ ސަރަޙައްދުގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށާއި އެ ދާއިރާގެ މައްސަލަތައް ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދާދި ފަހުން ޤާއިމުކުރައްވާފައިވާ އިދާރާއެކެވެ.
ފުލުހުން އެންމެ ފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތް މަސް ތެރޭ ހުޅުމާލޭގައި އެކަނި 1295 އެކްސިޑެންޓު ހިނގާފައިވެއެވެ. އެ އަދަދަކީ އެ މުއްދަތުގައި މުޅި ރާއްޖެއިން ރިޕޯޓުކުރި 2018 އެކްސިޑެންޓުގެ 64 އިންސައްތައެވެ.
ކޮންމެ މަހެއްގައި ވެސް 200 އަށް ވުރެ ގިނަ ހާދިސާ ރެކޯޑުކުރެވިފައިވާއިރު ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައެވެ. ފުރަތަމަ ފިޔަވަހީގައި 887 އެކްސިޑެންޓު ދެވަނަ ފިޔަވަހީގައި 408 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި ހުޅުމާލެ މަގުތަކުގައި އަލަށް ހަދާފައިވާ ރައުންޑަބައުޓުތަކުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ޚާއްޞަކޮށް ގިނައެވެ. މި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވެ ފުރާނަ ގެއްލޭ މިންވަރު ވެސް ވަނީ އިތުރުވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists