ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ދަރިވަރުންނާއި މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަމަށް އިސްކަންދީ، ސްކޫލުތަކުގެ މާޙައުލު ރައްކާތެރި އަދި އުފާވެރި ތަނަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ހާސިލުކުރެވިފައިވާ ކަމަށް، ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ މުދައްރިސުންނާއި ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ސްކޫލުތަކުގެ މާޙައުލަކީ ރައްކާތެރި އުފާވެރި ތަނަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން, ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައި މުދައްރިސުން ބުރަ ޒިންމާއެއް އުފުލަމުންދާކަން ފާހަގަކުރައްވައި އެ ފަންނަށް ޙައްޤު ޝަރަފު ހޯދައިދިނުމުގައި ބެލެނިވެރިންނާއި މުޅި މުޖުތަމަޢު ވެސް އިތުރަށް އެއްބާރުލުން ދިނުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. ހަމައެހެންމެ, ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގެނުމަށް ލޯބި ޖައްސައި ޒިންމާދާރު އަދި ރީތި އަޚްލާޤުގެ ޖީލެއް ބިނާކުރުމަށް މުދައްރިސުންގެ ކިބައިން ވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ. ޓެކްނޮލޮޖީއާއި ޒަމާނީ ބަދަލުތަކަށް ފައިހަމަކޮށް, އަމިއްލަ ފަންނީ ކުރިއެރުމަށް ވެސް މަސައްކަތްކުރުމަށް ވަޒީރު ބާރުއެޅުއްވިއެވެ.
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ. މި ދުވަސް 1994 ވަނަ އަހަރު ފާހަގަކުރަން ފެށީ ޔުނެސްކޯ އާއި އައިއެލްއޯ ގުޅިގެންނެވެ.
ރާއްޖޭގައި ވެސް ކޮންމެ އަހަރަކު މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއެވެ. ސްކޫލުތަކުގައި ޚާއްޞަ އެސެމްބްލީ ބޭއްވުމާއި މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެވޯޑާއި ހަނދާނީ ލިޔުން ދިނުން ފަދަ ހަރަކާތްތައް އިންތިޒާމުކުރެއެވެ.
މިއަހަރު ޔުނެސްކޯގެ ޓީޗަރުންގެ ދުވަހުގެ ތީމަކީ "ސްޓޭންޑިންގ ވިތް ޓީޗާރސް" (ޓީޗަރުންނާ އެކީ ދެމިހުރުން) އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists