އިސްރާއީލުން ހަމަލާދީފިނަމަ، އެގައުމުގެ އިންފްރާސްޓްރަކްޗަރ ފުޑުފުޑުވާވަރުގެ ހަމަލާއެއް ދޭނަން: އީރާން
އިސްރާއީލުގެ ސިފައިން އީރާނަށް ހަމަލާދީފިނަމަ، އިސްރާއީލުގެ އިންފްރާސްޓްރަކްޗަރ ފުޑުފުޑުވާވަރުގެ ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ސަރުކާރުގެ މީޑިއާ ޗެނަލްގައި ވާހަކަފުޅު ދައްކަވަމުން އީރާންގެ ސިފައިންގެ މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީ ވިދާޅުވީ، އިސްރާއީލުން ބަދަލުގައި ހަމަލާދީފި ނަމަ، އީރާނުން ދޭ ހަމަލާ ހަމަލާތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށާއި، މި ހަމަލާތަކުގައި އިސްރާއީލުގެ އިންފްރާސްޓްރަކްޗަރ ވެސް ފުޑުފުޑުވެގެންދާނެ ކަމަށެވެ.
"(އިސްރާއީލުގެ) އަނިޔާވެރިން ބަދަލުހިފަން ނިންމައިފިނަމަ،އެމީހުން ގަދަކަމުން ވެރިވެގެން ތިބި ފަލަސްތީނުގެ ބިމުގައި ހުރި އެމީހުންގެ އިންފްރާސްޓްރަކްޗަރ ހަލާކުވެގެންދާނެކަމަށް އުންމީދުކުރަންވާނެ"
މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީ ވިދާޅުވިއެވެ.
އެބޭފުޅާ މިފަދައިން ވިދާޅުވިއިރު، އީރާނުން ވަނީ ރޭގައި އިސްރާއީލަށް އަމާޒުކޮށް 200 އާއި ގާތްކުރާ އަދަދެއްގެ ބެލިސްޓިކް އަދި ހައިޕަރސޮނިކް މިސައިލްތަކެއް ފޮނުވާލާފައެވެ.
އެއާއިއެކު، މުޅި އިސްރާއީލުގައި ސައިރެންގެ އަޑު ގުގުމާފައިވާއިރު، އީރާނުން ހާމަކުރި ގޮތުގައި މި މިސައިލްތަކުގެ 90 އިންސައްތަ ވަނީ އޭގެ އަމާޒަށް ވާޞިލްވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists