ދީން
11 Oct 2024 | 13:52
ބަންގިގޮވާމީހާއާއި ބަންގިއަށް އިޖާބަދޭމީހާގެ މާތްކަން

ފަރުޟުނަމާދުތަކުގެ ވަގުތު ވަނުމުން ގޮވާލެވޭ ބަންގިއަކީ މާތް މަތިވެރި ކަލިމަތެއް ހިމެނިގެންވާ ގޮވާލުމެކެވެ. މުސްލިމުތަކުންނަށްވާ ހަނދާކޮށްދިނުމެކެވެ. މާތް ﷲ ގެ ހައިބަވަންތަކަމުގެ ބޮޑުކަމާއި އެކަލާނގެ މަތިވެރިކުރުން އެ ގޮވާލުމުގައި ހިމެނެއެވެ. ޝަހާދަތުގެ ދެ ކަލިމައަށް ތަކުރާރުކޮށް ހެކިވުމާއި، އެންމެ ހެޔޮވެގެންވާ ހެޔޮޢަމަލުކަމުގައިވާ ނަމާދަށް އައުމަށް ހަނދުމަކޮށްދެވެއެވެ. އެ ނަމާދުން ލިބޭ ފައިދާކަމުގައިވާ ދެދުނިޔޭގައި ފަލާޙާއި ކާމިޔާބު ލިބޭނެކަން ތަކުރާރުކޮށް ހަނދުމަކޮށްދެވެއެވެ. ބަންގިގޮވާމީހުންގެ މާތްކަން ބަޔާންވެފައިވާއިރު، އެ ބަންގިއަށް އިޖާބަދޭމީހުންނަށްވެސް ހުރި މާތްކަން ބަޔާންވެގެން އައިސްފައިވެއެވެ.

ބަންގިގޮވުމަކީ މާތް މަތިވެރި ކަމެކެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ ޙަދީޘެއްގައި އައިސްފައިވެއެވެ. ((الْمُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقاً يَوْمَ الْقِيَامَةِ(( (مسلم) މާނައީ: "ޤިޔާމަތްދުވަހު، މީސްތަކުންކުރެ އެބައެއްގެ ކަރުތައް އެންމެ ދިގުވާނެ ބަޔަކީ ބަންގިގޮވާމީހުންނެވެ." މިއީ؛ ޤިޔާމަތްދުވަހު، މީސްތަކުންގެ ތެރެއިން ބަންގިގޮވާމީހުން ޚާއްޞަވެގެންވާކަން އަންގައިދޭނެ ޞިފައެކެވެ. އަދި ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިކަމަށް އަބޫ ސަޢީދުނިލް ޚުދްރީ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ((لَا يَسْمَعُ مَدَى صَوْتِ الـمُؤَذِّنِ، جِنٌّ ولَا إنْسٌ ولَا شيءٌ، إلَّا شَهِدَ لَهُ يَوْمَ القِيَامَةِ(( (البخاري) މާނައީ: "ބަންގިގޮވާމީހާގެ ބަންގީގެ އަޑުއަހާ ކޮންމެ ފަރާތެއް، އެއީ؛ ޖިންނިއެއް އަދި އިންސިއެއް އަދި ކޮންމެ އެއްޗެއްކަމުގައިވީނަމަވެސް، އެ ބަންގިގޮވާމީހާއަށްޓަކައި ޤިޔާމަތްދުވަހު ހެކިނުވެ ނުދާނެއެވެ." އަދިވެސް އައިސްފައިވެއެވެ. ((الـمُؤَذِّنُ يُغْفَرُ لَهُ بِمَدِّ صَوْتِهِ، وَيَشْهَدُ لَهُ كُلُّ رَطْبٍ وَيَابِسٍ(( (النسائي) މާނައީ: "ބަންގިގޮވާމީހާގެ އަޑު ފޯރާ ހަމައަށް އޭނާއަށް ފާފަފުއްސެވޭނެއެވެ. އަދި ކޮންމެ ދިރުންހުރި އެއްޗަކާއި ދިރުން ނެތް އެއްޗެއް އޭނާއަށް ހެކިދޭނެއެވެ." ބަޔާންވެ މިދިޔައީ، ބަންގިގޮވާމީހުންނަށް ލިބިގެންވާ މާތްކަމެވެ.

ބަންގިއަށް އިޖާބަދޭމީހުންނަށް ހުރި މާތްކަމުގެ ވާހަކަވެސް ބަޔާންވެ އައިސްފައިވެއެވެ. ބަންގިގޮވާމީހުންނަށް ލިބޭ މާތްކަމާމެދު މީހަކު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަށް ދެންނެވިއެވެ. "ﷲގެ ރަސޫލާއެވެ! ބަންގިގޮވާމީހުން އަހަރެމެންނަށްވުރެ މަތިވެރިވެއްޖެއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((قُلْ كَمَا يَقُولُونَ، فَإِذَا انْتَهَيْتَ فَسَلْ تُعْطَهْ(( (أَبُو دَاوُد) މާނައީ: "ބަންގިގޮވާމީހުން ކިޔާ ކަލިމަތައް ތިބާވެސް ކިޔާށެވެ! ފަހެ، (އެކަލިމަތައް) ކިޔާ ނިމިއްޖެނަމަ، (އެކަލާނގެއަށް) ދުޢާ ދަންނަވާށެވެ! ތިބާއަށް އެކަމެއް ދެއްވޭނެއެވެ." އިމާމް މުސްލިމް، ޢުމަރު ބުނުލް ޚައްޠާބު رَضِيَ اللهُ عَنْهُ ގެ ކިބައިން ގެންނަވާފައިވާ ޙަދީޘެއްގައި މިކަމުގެ ތަފްޞީލު އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ބަންގިގޮވާމީހާ اللَّهُ أَكْبَرُ، اللَّهُ أَكْبَرُ ގޮވުމުން ތިޔައިގެ ތެރެއިން މީހަކު اللَّهُ أَكْبَرُ، اللَّهُ أَكْبَرُ ކިޔައިފިނަމަ، ދެން އޭނާ أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ ގޮވުމުން أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ ކިޔައިފިނަމަ، ދެން އޭނާ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ގޮވުމުން أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ކިޔައިފިނަމަ، ދެން حَيَّ عَلَى الصَّلَاةِ ގޮވުމުން لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ ކިޔައިފިނަމަ، ދެން حَيَّ عَلَى الْفَلَاحِ ގޮވުމުން لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ ކިޔައިފިނަމަ، ދެން اللَّهُ أَكْبَرُ، اللَّهُ أَكْبَرُ ގޮވުމުން، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ ކިޔައިފިނަމަ، ދެން لَا إِلَهَ إِلَّا اللَّهُ ގޮވުމުން، އެމީހެއްގެ ތެދުހިތުން لَا إِلَهَ إِلَّا اللَّهُ ކިޔައިފިމީހަކު ސުވަރުގެ ވަދެއްޖެއެވެ." މިކަމަކީ ބަންގިގޮވަމުންދާ ވަގުތު ކުރުމަށް އައިސްފައިވާ ކަމެކެވެ.

ބަންގިގޮވާނިމިއްޖެނަމަ އެންމެ ފުރަތަމަ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ! އޭގެފަހުގައި ބަންގިދުޢާ ކިޔާށެވެ! ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ ޙަދީޘްކުރައްވާފައިވެއެވެ. ((إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ، ثُمَّ صَلُّوا عَلَيَّ؛ فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا، ثُمَّ سَلُوا اللَّهَ لِيَ الْوَسِيلَةَ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ، لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ، وَأَرْجُو أَنْ أَكُونَ أَنَا هُوَ، فَمَنْ سَأَلَ لِيَ الْوَسِيلَةَ حَلَّتْ عَلَيْهِ الشَّفَاعَةُ(( (مسلم) މާނައީ: "ބަންގިގޮވާމީހާގެ އަޑު ތިޔަބައިމީހުންނަށް އިވިއްޖެކަމުގައިވާނަމަ، އޭނާ ކިޔާ ކަލިމަތައް ތިޔަބައިމީހުން ކިޔާށެވެ! ދެން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުންއެދި ދުޢާކުރާށެވެ! ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވައިފިމީހަކަށް މާތް ﷲ 10 ފަހަރު ޞަލަވާތް ލައްވާނެތެވެ. ދެން ތިމަންކަލޭގެފާނަށް އަލްވަސީލާ ދެއްވުމަށްއެދި ﷲއަށް ތިޔަބައިމީހުން ދަންނަވާށެވެ! ފަހެ، ހަމަކަށަވަރުން އެއީ ސުވަރުގޭގައިވާ މަންޒިލެކެވެ. އެ މަންޒިލު ﷲގެ އަޅުތަކުންކުރެ އެންމެ އަޅަކަށް މެނުވީ ނުވެއެވެ. އަދި އެ އަޅަކީ ތިމަންކަލޭގެފާނުކަމަށް އުއްމީދުކުރައްވަމެވެ. ފަހެ، ތިމަންކަލޭގެފާނަށް އަލްވަސީލާ ދެއްވުމަށް އެދޭމީހަކަށް ޝަފާޢަތް ލިބުން ވާޖިބުވެއްޖެއެވެ." އެކަލޭގެފާނަށް އަލްވަސީލާ ދެއްވުމަށް ދުޢާކުރާނެގޮތް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. ((مَنْ قَالَ حِينَ يَسْمَعُ النِّدَاءَ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلَاةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ، حَلَّتْ لَهُ شَفَاعَتِي يَوْمَ القِيَامَةِ(( (البخاري) މާނައީ: "ބަންގިގޮވާ އަޑު އިވިއްޖެމީހަކު: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلَاةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ މިފަދައިން ކިޔައިފިނަމަ، ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ ޝަފާޢަތް އެމީހަކަށް ލިބުން ވާޖިބުވެއްޖެއެވެ."

ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހު، ބަންގިދުޢާކިޔުމަށްފަހު އަންނަނިވި ޛިކުރުކިޔުމަށްވެސް އައިސްފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ(( (مسلم) މާނައީ: "ބަންގިގޮވާމީހާގެ އަޑު އިވިއްޖެމީހަކު: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا މިފަދައިން ކިޔައިފިނަމަ، އެމީހަކަށްޓަކައި އެމީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެއެވެ."

ބަޔާންވެ މިދިޔަ ޛިކުރުތަކަށްފަހު، ބޭނުންވާ ކަމަކަށް ދުޢާކުރުމަކީ މުހިއްމުކަމެކެވެ. ބަންގިއާއި ޤަމަތްދިނުމާ ދެމެދަކީ ދުޢާ އިޖާބަކުރެއްވުން އަވަސްވެގެންވާ ވަގުތެކެވެ. ކުރިން އިސްވެދިޔަ ޙަދީޘްގައިވެސް، މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ވަނީ ސުވާލުކުރިމީހާއަށް ބަންގިއަށްފަހު ދުޢާކުރުމަށް އިރުޝާދު ދެއްވާފައެވެ. އަދި އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. ((الدُّعَاءُ لا يُرَدُّ بَيْنَ الأَذَانِ وَالإقَامَةِ(( (أَبُو داود والترمذي) މާނައީ: "ބަންގިއާއި ޤަމަތާދެމެދު ކުރެވޭ ދުޢާ ރައްދުވެގެން ނުވެއެވެ."

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ބަންގީގެ އަޑުއިވިއްޖެނަމަ، ބަންގީގައި ގޮވާލެވޭ ނަމާދަށް އަވަސްވެގަންނާށެވެ! ބަންގިއަށްފަހު ކުރުމަށް އައިސްފައިވާ ޛިކުރުތައް ކިޔުމަށްފަހު، ރަވާތިބު ސުންނަތްތައް ކުރުމަށާއި ދުޢާކުރުމަށް ސަމާލުކަން ދޭށެވެ! މިކަންކަމަކީ ފަރުޟުނަމާދަށް މީހާ ތައްޔާރުކޮށްދޭނެ ކަންކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ