Advertisement

ރިސޯޓްތަކަށް ލިބޭ ޑޮލަރުން ބައެއް، ބޭންކު ތަކަށް މާރުކުރަން މަޝްވަރާކުރަމުން ދަނިކޮށް، ވެރިކަން ނިމުނީ: ރައީސް ޞާލިޙް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: ފޮޓޯ/ އެމްޑީޕީ

ސަރުކާރަށް ޑޮލަރު ވަންނަ މިންވަރު އިތުރު ކުރުމަށް، ރިސޯޓް ތަކަށް ވަންނަ ޑޮލަރުން ބައެއް ރާއްޖޭގެ ބޭންކަށް މާރުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނާައެކު ނިމިދިޔަ ސަރުކާރުގައިވެސް މަޝްވަރާތައް ކުރެއްވި ކަމަށް ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ. 

ރައީސް ޞާލިޙް މިކަން ހާމަ ކުރެއްވީ މިއަދު ރާއްޖެ ޓީވީން ގެނެސްދިން ”ފަށާއިރު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. 

އަޅުގަނޑު، ޑޮލަރު ސަރުކާރަށް ވަންނަ އަދަދު އިތުރު ކުރުމަށް ޓޫރިޒަމް ސެކްޓަރ ގެ ބޭފުޅުންނާ މަޝްވަރާތަކެއް ކުރިން. ދެ ހުށަހެޅުމެއް އަޅުގަނޑުމެން އޭގައި ގެންގުޅުނިން. އެއްގޮތަކީ ލިބޭ އާމްދަނީން ބައެއް ބޭންކުތަކަށް މާރުކުރުން. 30 ޕަސެންޓްގެ ވާހަކަ އަޅުގަނޑުމެން ދެއްކީ. %25، %20، %15، އެންމެފަހުން އަޅުގަނޑުމެން ހުށަހަޅާފައި އޮންނާނީ %10 އަށް މާރުކުރަމާ ހިނގާށޭ. އެ ހިސާބަށް ގޮއްސަ އޮއްވާ ވެރިކަން ބަދަލުވެގެންދިޔައީ. 

ކުރީގެ ރައީސް ޞާލިޙް

”ދެވަނަ ކަމަކަށް އަޅުގަނޑުމެން ހުށަހެޅީ ރެވެނިޔު ގޮތުގައި ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކު ތަކުގައި ވަކި މުއްދަތަކަށް ބަހައްޓަން. ތިންމަސް ދުވަހަށް، މިސާލަކަށް ލިބޭ ރެވެނިޔުގެ 30 ޕަސެންޓް. ތިންމަސްފަހުން އެބޭފުޅުން ބޭނުންވާ ތަނަކަށް ފޮނުވުމަށް އެ ޑޮލަރު ދޭނަމޭ.“ ރައީސް ޞާލިޙް ވިދާޅުވިއެވެ. 

އެ ދެކަންތަކާމެދުވެސް، ވެރިކަން ނިމުނުއިރު، އާޚިރު ނިންމުމެއް ނުނިންމޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ކަންމިހެން ހުރިނަމަވެސް، ރައީސް ޞާލިޙް ވަނީ، މިސަރުކާރުން ރިސޯޓްތަކަށް ލިބޭ އާއްދަނީން ބައެއް ބޭންކުތަކަށް މާރު ކުރަން ނިންމި ނިންމުމަށް ފާޑުވިދާޅުވެފައެވެ. 

އަދި އެފަދަ ނިންމުމެއް ނިންމާއިރު، ރިސޯޓްތަކުން ނަގާފައި ހުރި ލޯނު ތަކާއި، އެ ލޯނު ދައްކާނެ ގޮތާއި، ރިސޯޓްތަކުން ދައްކަންޖެހޭ ޓެކުހާއި، ރިސޯޓް މުވައްޒަފުންގެ މުސާރަ އާއި، އެފަދަ އެހެން ކަންކަމާމެދުވެސް ސަރުކާރުން ވިސްނާލަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވާއިރު، އެމްއެމްއޭއިން ނެރެފައިވާ ގަވާއިދުގައި ވަނީ، ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓާއި ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި ރިސޯޓު ހޮޓަލާއި ސިޓީ ހޮޓާ ފަދަ ތަންތަނުން އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. އަދި 50 އެނދަށްވުރެ މަދު އެނދު ހުންނަ ގެސްޓުހައުސްތަކުން ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ.

މި ފައިސާ މާރުކުރަންޖެހޭނީ އެ މަހެއްގައި އައި ޓޫރިސްޓުން ހިސާބުކުރުމަށްފަހު އެ މަސް ނިމޭ ދުވަހުން ފެށިގެން ތިންވަނައަށްވާ މަހުގެ 28 ވަނ ދުވަހުގެ ކުރިން ކަމށްވެސް ގަވާއިދުގައި ބަޔާންކުރެ އެވެ.

ހަމައެހެންމެ، ޑޮލަރު މާރުކުރަންޖެހޭ މިންވަރު ލުއިކޮށްދެވޭނެ ހާލަތްތަކެއްވެސް އެމްއެމްއޭގެ ގަވާއިދުގައި ބަޔާންްކޮށްފައިވެއެވެ. އެއީ؛ 

ބޭރު ފައިސާއިން ޓެކްސް ދެއްކުން

މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަނބުރާ ދައްކަންޖެހޭ ދަރަންޏެއް އޮތުން

ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ މާލީ އިލްތިޒާމެއް އޮތުން

އެމްއެމްއޭއިން ގަބޫލުކުރާ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމެއް އޮތުން

Advertisement

ކޮމެންޓް

Advertisement

Advertisement