އޮލިމްޕިކް ސައިޒުގެ ޕޫލް އެޅުމުގެ މަސައްކަތް އަންނަ އަހަރަށް ނިންމާލެވޭނެ
އޮލިމްޕިކް ސައިޒު ސްވިމިން ޕޫލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތް މިދިޔަ ދެ ސަރުކާރުންވެސް ފެށި އެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތާ ހަމައަށް ނުދެވި ކޮންމެ ފަހަރަކުވެސް މަސައްކަތް އޮތީ މަޑު ޖެހިފަ އެވެ. އަދުގެ ސަރުކާރުން ވަނީ އެއް އަހަރުގެ ތެރޭގައި ހުރިހާ ލިޔެކިޔުންތަކެއްގެ މަސައްކަތް ނިންމާ، ޕޫލް އެޅުމުގެ އަމަލީ މަސައްކަތްވެސް ފަށާފަ އެވެ.
ޕޫލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަސައްކަތް ވަރަށް ބާރަށް ދަނީ ކުރިއަށެވެ. ސްވިމިން އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އޮލިމްޕިކް ސައިޒު ސްވިމިން ޕޫލް އެޅުމުގެ މަސައްކަތަކީ ކުރިއަށް ނުގޮސް ހުއްޓިފައި އޮތް މަސައްކަތެއްކަމަށާއި، މި ސަރުކާރުން މިކަން އަވަހަށް ފެށޭނެ ގޮތް ހެދުމަކީ ކުޅިވަރަށް ސަރުކާރުން ދެއްވާ އަހަމިއްޔަތު ފެންނަ ކަމެއްކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists