ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް މާލޭގައި ފަށައިފި
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މާލޭ ސަރަހައްދުގައި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެ ވުޒާރާއިން ބުނީ އެ ވުޒާރާގެ 75 އޮފިޝަލުން ބައިވެރިވާ މި ހަރަކާތް ކުރިއަށްދާނީ މިއަދު ހެނދުނު 8 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާއި ހަމައަށްކަމަށެވެ.
އެގޮތުން މިއަދު ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށާއި، މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައިވެސް އެ ވުޒާރާގެ ޓީމުތައް ހަރަކާތްތެރިވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ، މި ހަރަކާތުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ސްކްރީންކުރުމުގެ މަސައްކަތް އެ ވުޒާރާގެ އެންޓިޓިޕް އޮފީހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ޓަކައި ފަށާފައިވާ މި އޮޕަރޭޝަންގެ ދަށުން އި މިހާތަނަށް 21 ހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާއިރު، 185 ރަށެއްގައި މި މަސައްކަތް ފަށައި، 55 ރަށެއްގައި މި މަސައްކަތް ވަނީ މިހާރު ނިންމާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists