ސަންލޭންޑް ނަޒީރު ނިޔާވުމާއި ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު. (ފޮޓޯ/އަވަސް)

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފި އެވެ.

ނަޒީރު އަވަހާރަވީ އާލާސްކަންފުޅަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ އެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ނަޒީރު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސުވަރުގޭގެ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ. 

ނަޒީރަކީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ.

އަދި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްވެސް މެއެވެ.

އައްޑޫ ސިޓީ ހުޅުދޫގައި އުފަންވެވަޑައިގެންނެވި ނަޒީރު ވަނީ އާއިލީ ޓްރެވަލް އެޖެންސީއެއް ކަމުގައިވާ "ސަންލޭންޑް" ގެ ނަމުގައި ވިޔަފާރިއެއް ފައްޓަވައި، ރާއްޖެ ބޭރު ދުނިޔޭގައި މާކެޓްކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

މަރުހޫމް މުހައްމަދު ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.

ކޮމެންޓް