ސޮއިކުރި މަގުހެދުމުގެ މަޝްރޫއުތަކަކީ އާ މަޝްރޫއުތަކެއް ނޫން: މުއިއްޒު

23 May 2019 | 11:27

އިއްޔެ ސޮއިކުރެވުނު ރަށްތަކުގެ މަގުހެދުމުގެ މަޝްރޫއުތަކަކީ މީގެ ކުރިންވެސް ސޮއިކުރެވިފައިވާ އެއްބަސްވުންތަކެއްކަމަށް ކުރީގެ ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވީ ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ލ.ފޮނަދޫ، ރ.އުނގޫފާރު، ރ.ދުވާފަރު އަދި ހދ.ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫއުތަކުގައި މިއަދު ސޮއިކުރެވުނު އިރު، އެއީ އާ މަޝްރޫއުތަކެއް ނޫންކަމަށެވެ.

"ލ.ފޮނަދޫ އަދި ރ.އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތުގައި ސޮއިކުރީ 2015 ވަނަ އަހަރު. އަދި ހދ.ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގައި ސޮއިކުރެވުނީ 2014 ވަނަ އަހަރު"، މުއިއްޒު ވިދާޅުވިއެވެ. ޑރ.މުއިއްޒު ފާހަަގަކުރެއްވި ގޮތުގައި މި އެއްބަސްވުންތައް ހިންގުމަށް ހަވާލުކުރެވުނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއިއެވެ.

އަދި ދުވާފަރުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޕަބްލިކް ވާކްސްއިންކަން ޑރ.މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ބަދަލުވަންދެން އެ ރަށްރަށުގައި މަސައްކަތްތައް ކުރިއަށް ދިޔަކަމަށާއި، އެގޮތުން އެކި ރަށްރަށުގައި އެކިވަރަށް މަސައްކަތްތައް ކުރިއަށްދިޔަ ކަމަށެވެ.

"ގިނަ ރަށްތަކުގައި ޕޭވްމަންޓް މަސައްކަތް އެއްކޮށް ނިމި، ތާރު އެޅުމުގެ މަސައްކަތްވެސް ބައެއް މަގުތަކުގައި ހުންނާނީ ނިމިފައި" މުއިއްޒު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement