ވީއައިއޭގެ އައު ޓާމިނަލްއާއެކު ދާގީނާ ސްކޭން ކުރުމުގެ ކަންކަން ފަސޭހަވެ ބޮޑު ލުޔެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރަމުން އަންނަ އައު ޓާމިނަލް ހުޅުވުމާއެކު ދާގީނާ ސްކްރީން ކުރުމުގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މި ބަދަލުތަކުގެ ސަބަބުން ފަސިންޖަރުންނަށް މިހާރު ދިމާވާ ގިނަ ގޮންޖެހުންތަކަށް ހައްލެއް ލިބި، ދަތުރުފަތުރުގެ ތަޖުރިބާ ފަސޭހަވެގެން ދާނެ ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.
އައު ޓާމިނަލުގައި ބޭނުންކުރާނެ ދާގީނާ ސްކްރީން ކުރުމުގެ ނިޒާމަކީ ގަޑިއިރެއްގެ ތެރޭގައި 1200 ދާގީނާ ނުވަތަ މިނެޓެއްގެ ތެރޭގައި 20 ދާގީނާ ސްކްރީން ކުރެވޭނެ ގާބިލުކަން ހުރި ނިޒާމެކެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރާނެ ނިޒާމެއް ކަމަށްވާއިރު، މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓާއި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ މި ނިޒާމުގައި ހިމެނޭނެއެވެ.
ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި، މި ނިޒާމުގައި ދާގީނާ ތިން ލެވެލްއަކަށް ސްކްރީން ކުރެވޭނެއެވެ. މިހާރު ދާގީނާ ސްކޭން ކުރުމުގައި ހަމަ އެންމެ ސެކިއުރިޓީ މަރުހަލާއެއް އޮންނައިރު، އައު ނިޒާމަކީ މިކަމަށް ގެނެވޭ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މުޅި ސިސްޓަމްގެ 90-80 އިންސައްތަ ކުރިއަށްދާނީ އޮޓަމެޓިކްކޮށެވެ. މީގެ ސަބަބުން އިންސާނީ ބާރުގެ ބޭނުން ކުޑަވެ، ހިދުމަތްދިނުމުގެ ހަލުވިކަން އިތުރުވެގެން ދާނެއެވެ.
މިހާރުގެ ޓާމިނަލުގައި ދާގީނާ ސްކޭން ކުރުމުގައި ފަސިންޖަރުންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމާއި، ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހެއެވެ. އަދި، އެންމެން ކުރިމަތީގައި ދާގީނާ ސްކޭން ކުރަން ޖެހުމާއި ދާގީނާ ހުޅުވަން ޖެހުމުގެ ސަބަބުން ފަސިންޖަރުންގެ ޕްރައިވެސީ ގެއްލޭކަމުގެ ޝަކުވާތައް ވެސް ވަނީ އުފެދިފައެވެ.
އާ ޓާމިނަލް އައުމާއެކު މި ހުރިހާ މައްސަލަތަކަށް ހައްލު ލިބޭނެއެވެ. މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް އާ ޓާމިނަލުގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހޭނެއެވެ. އެގޮތުން، ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެއެވެ.
އައު ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮސްކް ހުންނާނެއެވެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވެ، މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެއެވެ. މިކަމުގެ ސަބަބުން ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަވެ، އެމީހުންގެ ވަގުތު ސަލާމަތްވެގެން ދާނެއެވެ.
- ޗެކިން ވުމަށްފަހު ދޫކޮށްލާ ދާގީނާ ފުރަތަމަ ދާނީ މި މަރުހަލާއަށް.
- މި މަރުހަލާގައި ދާގީނާތަކުގެ ސްކްރީންތައް ކުރިއަށްދާނީ އޮޓަމެޓިކް ސިސްޓަމްތަކަކުން
- އެކަމަށްޓަކައި ބޭނުންކުރާނީ އެންމެ ފަހުގެ އީޑީއެސް (ސީޓީއެކްސް) ކެޕޭސިޓީގެ 4 މެޝިން.
- މިއީ ތްރީ-ޑީކޮށް ދާގީނާ ސްކްރީން ކުރާ މެޝިންތަކެއް، މިއީ ރާއްޖޭގައި މިފަދަ މެޝިންތަކެއް ބޭނުންކުރާ ފުރަތަމަ ފަހަރު
- މި މަރުހަލާ އިން އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ ދާގީނާ ދެން ފޮނުވާލާނީ 2 ވަނަ މަރުހަލާއަށް
- މިއީ އޮޓަމޭޓެޑް މެޝިނުން ފާހަގަވި ކަންތައް އިތުރަށް ކަށަވަރު ކުރުމަށް ފޮނުވާ މަރުހަލާ
- މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ އޮފިސަރުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުން
- އެގޮތުން އެވްސެކޮމްގެ އޮފިސަރުންނަށް ހާއްސަ 18 މޭޒާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނަށް ހާއްސަ 22 މޭޒު ހުންނާނެ
- ނަމަވެސް އެ އޮފިސަރުން ދާގީނާ ސްކްރީން ކުރުމުގެ މަސައްކަތް ކުރާނީ ސިސްޓަމެއް މެދުވެރިކޮށް
- މި މަރުހަލާ އިން އެއްވެސް މައްސަލައެއް ފާހަގަނުވެއްޖެ ނަމަ ދާގީނާ އަނބުރާ އާންމު ރޫޓަށް ފޮނުވާލެވޭނެ. މައްސަލައެއް ފާހަގަވެއްޖެ ނަމަ ދާގީނާ ފޮނުވާލާނީ ތިންވަނަ އަދި އެންމެ ފަހު މަރުހަލާއަށް
- މިއީ އާ ޓާމިނަލްގެ ދާގީނާ ހޭންޑްލިން ސިސްޓަމުން ދާގީނާ ސްކްރީން ކުރާނެ އެންމެ ފަހު މަރުހަލާ
- މި މަރުހަލާގައިވެސް ދާގީނާ ސްކްރީން ކުރާނީ އެވްސެކޮމްގެ އޮފިސަރުން
- މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ ޑުއަލް ވިއު ސްކްރީނިން މެޝިންތަކުން. މިއީ މިހާރުވެސް ބޭނުންކުރާ އަޔާޓާ ސްޓެންޑަޑްގެ މެޝިންތަކެއް
- އެކަމަށްޓަކައި 6 ސްޓޭޝަން ހުންނާނެ
- މި މަރުހަލާގައި ދާގީނާ އިން މަތިންދާބޯޓަށް އަރުވަން މަނާ އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ ދާގީނާ ހުޅުވާނެ. އެކަން ކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ގެންގޮސް. ދާގީނާއެއް ހުޅުވާނީ އެ ދާގީނާއެއް ނިސްބަތްވާ މީހަކު ގެނެސް އޭނާގެ ހާޒިރުގައި. އަދި ދާގީނާ އިން ނަގަންޖެހޭ އެއްޗެއް ފާހަގަވެއްޖެ ނަމަ، އެ އެއްޗެއް ނެގުމަށްފަހު ދާގީނާ ލޯޑް ކުރަން ފޮނުވާލެވޭނެ
- މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލުގައި ދާގީނާ ނެރެން އިންނަނީ 4 ބެލްޓް
- ވައިގެ މަގުން ރާއްޖެ އަންނަ ފަސިންޖަރުން އިމިގްރޭޝަން މަރުހަލާ ނިމި، ދާގީނާ އަންނަން ދެން ގިނަ ވަގުތު މަޑުކުރަން ޖެހުމަކީ ބޮޑު ބުރައަކާއި ޝަކުވާއެއް
- ހާއްސަކޮށް ގިނަ ފްލައިޓުތަކެއް އެއްފަހަރާ އަތުވެއްޖެ ނަމަ އެރައިވަލް ހޯލް ފުރި ތޮއްޖެހުމަކީ ދިމާވާ ބޮޑު ދައްޗެއް
- އެކަން ހައްލުކުރުމަށް އާ ޓާމިނަލުގައި ދާގީނާ ނެރެން 6 ބެލްޓް ހުންނާނެ. އަދި ދާގީނާ ސްކޭން ކުރުމަށްފަހު ނެރުމަށް ބޭނުން ކުރާނީ ހައި ސްޕީޑް މެޝިންތަކެއް. މިކަމުގެ ސަބަބުން ދާގީނާ ލިބެންދެން މަޑުކުރަންޖެހޭ ވަގުތު ކުޑަ ކުރެވޭނެ.
- އާ ޓާމިނަލުގައި އެރައިވަލް ހޯލް ބޮޑުވާނެ
Advertisement
This content is created and paid for by advertisers and does not involve Voice Journalists