ޕްރޮސިކިއުޝަން މަސައްކަތުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށް ރާއްޖެއިން ތައްޔާރުކޮށްފައިވާ އޮނިގަނޑާއި ތަމްރީނު މަންހަޖު ބޭނުންވާ ކޮންމެ ޤައުމަކަށް އެއްވެސް އަގަކާ ނުލައި ދޫކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވައިލައްވައިފައެވެ.
އެ ތަސައްވުރުގެ ދަށުން ކުރިއަށް ދިޔުމުން ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ރާއްޖެ ފަދަ ޤައުމެއްގައި ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕީޖީ ވިދާޅުވި ގޮތުގައި "ޕީޖީއޯ 2.0" ގެ ނަމުގައި ޕީޖީ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ޕްރޮސިކިއުޝަނަށް ޚާއްޞަ އޭއައި ވެސް ބޭނުންކުރަން ފަށާފައިވެއެވެ. "މޯލްޑިވްސް 2.0" ތަސައްވުރަށް ވާޞިލުވި ރާއްޖޭގެ ފުރަތަމަ މުއައްސަސާ އަކީ ޕީޖީ އޮފީސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ދައުވާ ކުރުމާ ގުޅޭ ނިންމުންތައް ނިންމާނީ ޕްރޮސިކިއުޓަރުން އަމިއްލައަށް ކަމަށާއި އޭއައި ބޭނުންކުރަނީ އެ މީހުންގެ މަސައްކަތަށް އެހީތެރިވާ އެސިސްޓެންޓެއްގެ ގޮތުގައި ކަމަށް ޕީޖީ ހާމަކުރެއްވިއެވެ. ހަމައެހެންމެ ކޯޓަށް މައްސަލައެއް ހުށައަޅާއިރު އޭއައި ބޭނުންކޮށްފައިވާ ނަމަ އެކަން ހާމަވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ. "ޕީޖީއޯ 2.0" ގެ މަސައްކަތް 2028 ވަނަ އަހަރުގެ ނިޔަލަށް ނިންމައި ބޭނުންވާ ޤައުމުތަކަށް އޮނިގަނޑު ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ވެސް ޕީޖީ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޖީ ފާހަގަކުރެއްވީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ސައިބަރ ކުށްތައް ދެ ގުނައަށް އިތުރުވެފައިވާ ކަމެވެ. އެހެން ނަމަވެސް ހެކި ނުލިބުމާއި މާލީ ހުރަސްތަކާއި ތުހުމަތުކުރެވޭ ފަރާތް ބޭރު ޤައުމެއްގައި ހުރުން ފަދަ ސަބަބުތަކާ ހެދި ޕީޖީ އޮފީހާ ހަމައަށް ފޮނުވެނީ ނިސްބަތުން މަދު ޢަދަދެއްގެ މައްސަލައެވެ.
މި ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ޤާނޫނުލްއުޤޫބާތާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު ބުޑަޕެސްޓް ކޮންވެންޝަނާ އެއްގޮތްވާ ގޮތަށް މިއަހަރުގެ ތެރޭގައި އިޞްލާޙުކޮށްފައިވާ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists