ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށާ އެ މީހުންގެ މައްޗަށް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުގައި ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ވަޒީރުން ބައިވެރިވާ އަހާ ފޯރަމްގައި ވަޒީރު ވަނީ ގޭންގުތަކުގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ.
ވަޒީރު ވިދާޅުވީ 2007 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް ކޮންމެ އަހަރަކު 2-5 އަދަދަކަށް ޒުވާނުން ދިޔައީ ގަތުލުކުރަމުންދާ ކަމަށެވެ.
މިއީ ދޫކޮށްލައިގެން ތިބެވެން އޮތް ކަމެއް ނޫން ކަމަށާ އެހެން ކަމުން ގޭންގުތަކުގެ ހަރަކާތްތައް އެންމެ ބޮޑު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި ގޭންގުތަކަށް ކުރީން އުޅުނު ގޮތަށް ނޫޅެވޭނެ ކަމުގައި ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ގޭންގުތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން އިސްލާހުވާން އެދޭ ފަރާތްތަކަށް ފުރުސަތު ދިން ކަަމަށާ ގިނަ ބަޔަކު ރަނގަޅު މަގު ހިޔާރުކުރި ކަމަށެވެ.
މިދިޔަ ތިން އަހަރުތެރޭ 52 ދެ ޓާގެޓެޑް އޮޕަރޭޝަން ހިންގި ކަމަަށާ އެ އޮޕަރޭޝަންތަކުގައި 10،400 ވުރެ މީހުން ޗެކްކުރެވުނު ކަމަށެވެ. އަދި 517 މީހުން ހައްޔަރުކުރި ކަމުގައި ވިދާޅުވި އެވެ. މި އޮޕަރޭޝަންތަކުގައި އެ މީހުންނާ ގުޅޭ 670 ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގޭންގު ކުށްތައް ހުއްޓުވަން އިސްކަން ދީގެން ކުރި މަސައްކަތުގއ ނަތީޖާއެއްގެ ގޮތުން ގޭންގު މާރާމާރީތައް ހުއްޓުމަކަށް ގެނެވިފައިވާ ކަމަށާ މިދިޔަ ތިން އަަހަރުތެރޭ އެފަދަ އެއްވެސް މާރާމާރީއެެއްގައި މީހަކު މަރުވެފައެއް ނުވާ ކަމުގައި ވިދާޅުވި އެވެ.
މިއީ ފުލުހުންގެ ބުރަ މަސައްކަތް ކަމުގައި ވިދާޅުވެ މިހާރުވެސް ގޭންގުތަކަށް ނިސްބަތްވާ މީހުންގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމުގައި ވަޒީރު ވިދާޅުވި އެވެ.
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ މީހުންނަށް އައު ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށާ މައްސަލައަށަ ދާއިމީ ހައްލެއް އަންނާނެ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists