ކުރީގެ ރައީސް މުޙައްމަދު ނަޝީދު 1990ގެ އަހަރުތަކުގައި ލިޔުއްވި ކުރުވާހަކަތައް ހިމެނޭ ފޮތެއް އަންނަ މަހު ނެރުމަށް ނިންމައި އެ ފޮތް ގަތުމަށް ޕްރީއޯޑަރަށް ހުޅުވާލައިފިއެވެ.
"ކުރުވާހަކަ - 80ގެ ފަހުކޮޅު" ގެ ނަމުގައި މި ފޮތް ޝާއިޢުކުރަނީ ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިންނެވެ. ފޮތުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 250 ރުފިޔާއެވެ. ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރޭގައި "ޗާލާ ޒަމާން" "ޤައުމީ މަޝްރޫޢު" "ރީތި ހަދިޔާ" އަދި "މޫސަބަރު" ހިމެނެއެވެ.
މި ފޮތުގެ އިޝްތިހާރުގައި ނަޝީދު ސަމާސާ ރާގެއްގައި ލިޔުއްވާފައިވަނީ ފޮތް ނެރުއްވަން ޖެހިވަޑައިގެންނެވީ މާލީ ދަތިކަން ކުރިމަތިވެގެން ކަމަށެވެ. "ކުރީގެ ރައީސުންގެ ޕެންޝަނުގެ ބޮޑު ބައެއް ކަނޑާލައިފި އެވެ. ފަހަށް ފޮރުވާފައި ހުރި ގިނަ ފައިސާ ލ. އަތޮޅުގައި ހުރި ގޯތީގައި ގެ އަޅަން ހަދަން އުޅެގެން ހުސްވެއްޖެ އެވެ. ޗެއާޕާސަންގެ މަގާމަކަށް މުސާރައެއް ނޯވެ އެވެ." ނަޝީދު ލިޔުއްވާފައިވެއެވެ.
ފޮތުގެ މައިގަނޑު ކެރެކްޓަރަކީ 1990ގެ ތެރޭގައި ނަޝީދު ލިޔުއްވި "ހިތާއި ހިތުގެ ގުޅުން" ވާހަކައިގައި އުޅޭ "ހަސަން ކުރުސީ" ކަމަށް ވީ ނަމަވެސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ހަސަން ކުރުސީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިޒާޖު ވެސް އަދި ތޮބިއްޔަތު ވެސް މާބޮޑަށް ތަފާތެވެ. ހަސަން ކުރުސީ ހިކިވާނެ އެވެ. ބަނޑެއް ނެތް ތާނގައި ބުޑެއް ވެސް ނެތެވެ. ދިގެއް ނޫނެވެ. އިސްތަށި ގިނަ އެވެ. މި ވާހަތަކުގައި އޭނާ މިހާރު ތިރީހަށް އަޅަނީ އެވެ." ނަޝީދު އެ ކެރެކްޓަރު ސިފަކުރައްވާފައިވެއެވެ.
"މި ވާހަކަތަކަކީ އަޅުގަނޑުގެ ހަގީގީ ހިޔާލެވެ." ނަޝީދު ވިދާޅުވެފައިވެއެވެ.
ސިޔާސީ ދާއިރާއަށް ވެދެވަޑައިގެންނެވުމުގެ ކުރިން ނަޝީދަކީ ލިޔުންތެރިއެއް އަދި ނޫސްވެރިއެކެވެ. ރައީސް މައުމޫނުގެ ސަރުކާރަށް ފާޑުވިދާޅުވެ "ސަންގު" ނޫހުގައި ލިޔުއްވި ލިޔުމަކާ ގުޅިގެން ސިޔާސީ ކުށްވެރިއަކަށްވެ ޖަލަށް ލެވުނެވެ. "ދަގަނޑު ދަހަނާ" "ކިއްލާ މާލެ" "އެއްބަސްވެވޭ އިންގިލާބު" "ދެރަދުން" ފަދަ ތާރީޚީ ފޮތްތަކުގެ އިތުރުން 1953 ގައި މުޙައްމަދު އަމީނުގެ ވެރިކަން ބަދަލުވި ހާދިސާއާ ބެހޭ "ވެރިއެއްގެ ނިމުން" ދިރާސާ ވެސް ޝާއިޢުކުރައްވާފައިވެއެވެ. އެމަނިކުފާނު ދޭތެރެދޭތެރެއިން ރާއްޖެއާއި ބޭރުގެ ނޫސްތަކަށް ކޮލަމް ލިޔުއްވައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists