މާލޭގައި ހިންގަމުންދާ ޑްރަގް ކެފޭތައް ހުއްޓުވާ ބަންދުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެފަދަ ހުރިހާ ތަނެއް ބަންދުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ބައިވެރިވާ އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިހްސާން ވިދާޅުވީ ބައެއް ގޭގައި ތަކުރާރުކޮށް ޑްރަގް ކެފޭތައް ހިންގަމުންދާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި ވިދާޅުވި އެވެ.
އެފަދަ ގޭގައި ހިންގާ ޑްރަގް ކެފޭތަައް ހުއްޓުވުމާއެކު އަނެއްކާ އެހެން ބަޔަކު އެކަން ފަށާކަމަށާ އެކަންކަމަށް ނިމުން ގެނައުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށާ އަންނަ ނޮވެންބަރުގެ ނިޔަލަށް އެފަދަ ހުރިހާ ތަނެއް ބަންދުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން މާލޭގެ 12 ތަނަކާއި، އައްޑޫ ސިޓީގެ ހަތަރު ތަނެއްގެ އިތުރުން ފުވައްމުލަކު ސިޓީގެ ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists