ގައުމެއް ތަރައްގީ ކުރުމުގައި އެ ގައުމެއްގެ ސިއްހަތު ވަރަށް މުހިންމު: މެޑަމް ސާޖިދާ
ގައުމެއް ތަރައްގީ ކުރުމުގައި އެ ގައުމެއްގެ ސިއްހަތު ކިތަންމެހައިވެސް މުހިންމު ކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫހާނީ ސިއްހަތު ވެސް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދުގައި ސިއްހީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވެފަ އެވެ. ވަކީން ހާއްސަ ފަންނިއްޔާތާއެކު ސިއްހީ ދާއިރާއަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިފްތިތާހް ކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫއަކީ، ދިވެހި ސިއްހީ ދާއިރާއަށް ގެންނަވާން ގަސްދު ކުރައްވާ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ކަމުގައި އެކަމަނާ ވަނީ ސިފަކުރައްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ހިދުމަތްތަކެއް ވެސް ވަނީ އިފްތިތާހް ކޮށްފަ އެވެ. އެގޮތުން، ޓެލެމެޑެސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ހިދުމަތް އިފްތިތާހް ކޮށްދެއްވީ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަް ޑރ. އަހްމަދު އަޝްރަފެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists