ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވާލެވެނީ ހޯމަ ދުވަހު

އއ.މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުން -- ފޮޓޯ: ވޮއިސް

މިމަހު 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ޒަޚަމްކޮށްލުމުގެ ސަބަބުން މަރުވި، އެރަށު އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހަދަން އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ޕޯސްޓްމޯޓަމް ހަދަން އަބްދުއްރަޙްމާންގެ ހަށިގަނޑު ފޮނުވާލުމަށް ހަމަޖެހުފައިވަނީ އިންޑިޔާގެ ތްރިވަނަންތަޕޫރަމް އަށެވެ. 

ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އާދިއްތާަ ދުވަހުގެ ރޭ ފަތިހު ވަނީ މަރުވެފަ އެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ހަށިގަނޑު މާލެ ގެނެސްފައިވަނީ އެދުވަހު ހަވީރުގެ ވަގުތެއްގައެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް ވަނީ ތަހުގީގު ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.

ކޮމެންޓް