މޯދީ ސަރުކާރުން މިއަދު ރާއްޖޭއަށް ދިނީ ވެހިކަލް އަދި މެޝިނަރީ: ފޮރިން މިނިސްޓްރީ

06 Jun 2019 | 01:49

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅުވައިގެން އިންޑިއާއިން މިއަދު ވެސް 3 މަޝްރޫއެއް އިއުލާންކޮށްފިއެވެ.

އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ގެ ބެލުމުގެ ދަށުގައި ތިބި ގައިދީން އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ ވެހިކަލް ގަތުމަށާ، ށ. ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ގާއިމް ކުރުމަށާ، އަދި މާލެ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީސް އާއި ވެހިކަލް ގަތުމަށް ވަނީ އިންޑިއާގެ ހިލޭ އެހީ ހަމަޖައްސާފައެވެ.

މިއީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ތެރެއިން ހަމަޖެހުނު އެހީތަކެއްކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ.

މޯދީ ރާއްޖެ ކުރައަވަން ހަމަޖެހިފައިވާ ދަތުރުފުޅާއެކު ފޮރިން މިނިސްޓްރީން އަންނަނީ އިންޑިއާގެ އެހީތަކުގެ ތަފްސީލްތައް ހާމަކުރައްވަމުންނެވެ. މީގެ ތެރޭގައި ސްކޫލް ކްލާސް ރޫމް ހެދުމާއި، ކޮންވެންޝަން ސެންޓަރު ހެދުމާއި އެންބިއުލާސް ގަތުން ހިމެނެއެވެ. އެންމެ އިސްކަމެއް ދީގެން އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަންނަ ޓްރެއިނިންގ ސްކޫލްތަކަށް ވަނީ ބޮޑެތި އެހީތަކެއް ވެދީފައެވެ.

އެގޮތުން ދ. ވާނީގައި ފުލުހުން ތަމްރީނުކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލުގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް 7 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައެވެ.

ކޮމެންޓް