ލުކީމިއާ ހުރި ކުއްޖަކާއި ބައްދަލުކުރަން ރޮނާލްޑޯ ބަސް ހުއްޓުވައިފި

10 Jun 2019 | 13:09

ޕޯޗުގަލްއާއި ޔުވެންޓަސްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ލުކީމިއާ ހުރި ކުއްޖަކާއި ބައްދަލުކުރަން އޭނާގެ ޓީމް ދަތުރުކުރި ބަސް ހުއްޓުވައިފިއެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިޔޯއެއްގައި ވާގޮތުގައި ރޭގެ މެޗްގެ ކުރިން އެންމެފަހުން އޮތް ޕްރެކްޓިސް ސެޝަން ނިންމާލުމަށްފަހު ދިޔަ މަގުމަތީގައި އެގާރަ އަހަރުގެ ލުކީމިއާ ހުރި ކުއްޖާ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ގާތުގައި ބައްދާލުމަށް އެދި ޕޯސްޓަރެއް ހިފައިގެން ހުރި މަންޒަރު ފެނުނެވެ.

މިތަން ފެނުމުން ރޮނާލްޑޯވަނީ ޓީމްގެ ބަސް ހުއްޓުވާ، ބަހުން ފައިބައިގެން ގޮސް އެކުއްޖާއާއި ބައްދަލުކޮށް، ބައްދާލައި ވާހަކަ ދައްކާ ހަދާފައެވެ.

ރޮނާލްޑޯ އައިސް އެ ކުއްޖާއާއި ބައްދަލުކުރުމުން އެ ކުއްޖާ ހުރީ ހެވިދިއްލިފައިކަންވެސް ފާހަގަކޮށްލެވެއެވެ.

އޭނާ އަކީ މީގެ ކުރިންވެސް މިފަދަ އިންސާނިއްޔަތަށް ހިތްވަރުދޭ އަމަލުތައް ކޮށްފައިވާ ފަރާތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement