ފަނޑިޔާރު ދީދީގެ މައްސަލަ ބަލަމުންދާތީ އޭނާ ސަސްޕެންޑްކޮށްފި

12 Jun 2019 | 20:17

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ފުލުހުން ބަލަމުންދާތީ، ސުޕްރީމް ކޯޓުގެ ބެންޗުން އެބޭފުޅާ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑްކުރިކަން ހާމަކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެބޭފުޅާ ސަސްޕެންޑްކުރެވުނީ ޖޭއެސްސީގެ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ރިޝްވަތު ނެގިކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ފަރާތުން ތަހުގީގުކުރެވެމުންދާތީއެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި އަބްދުﷲ ދީދީ ހުންނަވައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގައި ތޭރަ އަހަރުގެ ޖަލުހުކުމެއް އިއްވުމަށްޓަކައި އެއް މިލިޔަން ޑޮލަރުގެ ރިޝްވަތު ނަންގަވާފައެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރުމަށް ވެސް މިއަދު ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

ހަސަން ސައީދުވެސް ސަަސްޕެންޑްކުރަން ނިންމީ އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

މީގެ އިތުރުން ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް