މަޖުބޫރުން ކުޑަ ކޮއްޓެއްގައި 12 މީހުން: މިހެން އާމްދަނީ ހޯދަން ހެޔޮނުވާނެ
ރަށުން ލިބޭ ވަޒީފާއެއް އަދި ތަޢުލީމީ ފުރުސަތެއް ނެތެވެ. އެ ހުވަފެންތަކުގައި ކުލަ ޖައްސަން އެންމެ ފަހުން ބަދަލުވާން ޖެހުނީ މާލެއަށެވެ. މައިންބަފައިންނާއި އާއިލީ މެންބަރުން ދޫކޮށް، އުމުރުން އެންމެ 17 އަހަރުގައި އެކަނި މާލެ ބަދަލުވީ، އަމިއްލަ ތަނެއް ހިފައިން އުޅެވޭނެ ވަރުގެ ގާބިލުކަން ނެތްކަން އެނގިހުރެއެވެ. ޚަރަދު އިންތިހާއަށް ބޮޑުތަނެއް ކަން ވެސް އެނގިހުރެއެވެ. ދާއިމީ ނޫން ވަޒީފާއަކުން ލިބޭ އަމިއްލަ ކުޑަ މުސާރަައަކުން ކުޑަމިނުން ކުލި ދައްކާނެ ވަރުގެ ތަނެއް ވެސް ނުލިބޭނެކަން އެނގިހުރެއެވެ. އެހެން ނަމަވެސް އަމިއްލަ ހާލައިގެން ދިރިއުޅެެވޭނެ ފެންވަރަށް ދިޔުމަށް، މައިންބަފައިންގެ އެހީތެރިކަމާއި އެކު މާލެ ބަދަލުވެ ދިރިއުޅެން ނިންމީ "ކުދިން ބަހައްޓާ ގެއެއް"ގައެވެ. މަހަކު ކުއްޔެއްގެ ގޮތުގައި ދައްކަނީ 3،500 އެއްހާ ރުފިޔާއެވެ.
10 ބުރީގެ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާއަކީ ކުދިން ބަހައްޓާ ފަންގިފިލާއެވެ. ޖުމްލަ ހަތަރު ކޮޓަރި އެ ފަންގިފިލާގައި ހުންނައިރު، އެ ކޮޓަރިތަކުގެ މެދުގައި ހުންނަނީ ކާގެއެވެ. ބޮޑު މޭޒަކާއި އެކު ތިންއިރަށް ބަރާބަރަށް ކާއެއްޗެހި އަރުވައެވެ. 10-12 އަކަ ފޫޓުގެ ކޮޓަރީގައި ތިން ބުރީގެ ހަތަރު އެނދު ޖަހައިފައި ހުންނައިރު، ފެންނަނީ ޖަލެއް ހެނެވެ. ދެން ކޮޓަރީގައި ހުރީ 12 ލޮކަރުގެ ބޮޑު ކަބަޑެކެވެ. ހެދުން އަޅުވާނެ ކުޑަ ރެކެއް ވެސް ހުއްޓެވެ.
އެތަނަށް ބަދަލުވިއިރު، އެއީ އެއް ކޮޓަރިއެއްގައި 12 މީހުން އުޅޭތަނެއްކަމެއް ނުދަނެހުރީމެވެ. މުޅި އެ ފަންގިފިލާގައި 48 މީހުން، ކުއްޔަށް އުޅޭނޭކަމެއް ހިތައްވެސް ނުގެނެވެއެވެ. އެހެން ނަމަވެސް އެއީ ތަގުދީރޭ ހިތައި، ދިރިއުޅެން އުނދަގޫ އެތަނުގައި ދިރިތެޅެން ވެސް ފެށީއެވެ.
މިއީ މިއަދުގެ ވަރަށް ގިނަ ބައެއްގެ ހިތްދަތި އެހެނަސް، އަސްލު ހަގީގަތެވެ. ވެރިރަށް މާލޭގެ ކުދިން ބަހައްޓާ ވަރަށް ގިނަ ގެތަކުގެ ޙާލަތެވެ. އެއްތަނެއްގައި ދިރިއުޅެން ހެޔޮނުވާ ވަރަށް މަޖުބޫރުން މީހުން ބައިތިއްބައިގެން، މަހެއްގެ މައްޗަށް އެތައް ލައްކަ ރުފިޔާގެ ފައިދާ ހޯދަނީއެވެ. ގާތްގަޑަކަށް 10-12 މީހުން އުޅޭ ކޮޓަރިއެއްގައި ބޭނުންކުރަނީ އެންމެ ފާހަނާއެކެވެ. މުޅި ކޮޓަރި އޮންނަނީ ތުވާއްޔާއި އަދި އަންނައުނުގެ އެތައް އެއްޗަކުން ފުރިފައެވެ.
މާލެސިޓީ... ފޮޓޯ: ވޮއިސް
މިއީ ހަމަގައިމު ވެސް އިޖްތިމާއީ އަދި ސިއްޚީ ވެސް ވަރަށް ބޮޑު މައްސަލައެކެވެ. އޭގެ ސަބަބުން އެތަކެއް ނޭދެވޭ ނާތީއްޖާތަކެއް ނުކުމެފައިވާ އަދި ނުކުންނާނެ ވެސް ކަމެކެވެ. އިންސާނީ ޙައްގުތަކާއި ޚިލާފު އެތަކެއް ކަމަކަށް މަގުފަހި ވެސް ކުރުވާ ކަމެކެވެ. މިއީ އާމްދަނީ ހޯދަން ކުރަން ހެޔޮވާނެ ވަރުގެ ކަމަކަށް ނުވަނީ އެހެންވެއެވެ.
މީގެ އެންމެ މައިގަނޑު މައްސަލައަކީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯ އާއި އދ. ގެ ހެބިޓެޓްގެ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ސިއްޙީ ނުރައްކާތަކުން ސަލާމަތްވުމަށް ކޮންމެ މީހަކަށް އެންމެ މަދުވެގެން 4.5 އަކަ މީޓަރުގެ ޖާގަކަމަށް ބަޔާންކޮށްފައިވާއިރު، އެއް ކޮޓަރިއެއްގައި ތިން މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅުމަކީ ބައިބޯވުމުގެ ސަބަބުން ނުރައްކާތެރި ޙާލަތެއް ކަމަށް އެ މިންގަނޑުތަކުގައި ބަޔާންކޮށްފައިވުމެވެ.
އެ މިންގަނޑުތަކަށް އެކަނި ބަލާއިރު ވެސް، އެފަދަ ތަނެއްގައި 10-12 މީހުން ދިރިއުޅެވޭނެ ގޮތެއް އޮތުމަކީ އަދި އެފަދައިން އުޅުމަށް ފުރުސަތު ދިނުމަކީ ވެސް ބޮޑު ގޯހެކެވެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އާންމުކޮށް މީހަކަށް 4.5 އަކަ މީޓަރުގެ ޖާގައެއް ނުލިބުނު ނަމަވެސް، އެއް ކޮޓަރިއެއްގައި އާންމުކޮށް އެހާ ގިނަ މީހުން އުޅެނީ ދަތި ޙާލަތެއްގައި އުޅޭ ނުވަތަ އިތުރު ގޮތެއް ނެތިގެން އުޅޭ މީހުންކަން ރާއްޖޭގެ ހިސާބުތަކުން ފެނެއެވެ.
އެކަމަށް ޤައުމީ ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން 2021 ވަނަ އަހަރު ހެދި ގެދޮރުވެރިކަމާއި ބެހޭ ދިރާސާ ބާރުދެއެވެ. އެގޮތުން އެ ރިޕޯޓުގައި ވެސް އެއް ކޮޓަރިއެއްގައި ތިން މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅުމަކީ ބައިބޯވުން ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ފަރާތްތައް އެހެން އުޅެނީ، ދިރިއުޅުމުގެ ޚަރަދު ބޮޑުވެ، އިތުރު ގޮތެއް ނެތިގެންކަން ފާހަގަކޮށްފައިވެއެވެ.
ތޮއްޖެހިފައިވާ މާލެ ސިޓީގެ މަގެއްގެ މަތިން -- ފޮޓޯ: ސޯޝަލްމީޑިއާ
އެހެން ނަމަވެސް، މިފަދަ ތަންތަން އާންމުކޮށް ކުއްޔަށްދޭ ގިނަ ފަރާތްތަކަކީ ބޮޑެތި އިމާރަތްތައް ހަދައި، އެތަންތަނުގެ އިތުރު ފަންގިފިލާތަކުގެ އެޕާޓްމެންޓްތައް ކުއްޔަށް ދޫކުރާ ފަރާތްތައްކަމީ ފެންނަން އޮތް ހަގީގަތެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން އެހާ ގިނަ ބަޔަކު މަޖުބޫރުން އެއްތަނަކަށް ޖަމާކޮށް، އެގޮތަށް ކުއްޔަށް ދެނީ އިތުރު ގޮތެއް ނެތިގެން އާމްދަނީ ހޯދަން ކުރެވޭނެ ކަމެކޭ ވެސް ބުނެވޭނެ ޖާގައެއް ނެތެވެ.
އެކަން ވެސް ސާބިތުކޮށްދޭ އެތައް ދިރާސާ ރިޕޯޓުތަކެއް ވެސް އެބަހުއްޓެވެ. 2021 ވަނަ އަހަރު މޯލްޑިވްސް ފައިނޭންޝަލް ރިވިއު އިން ހެދި، "ދަ ސްލަމިފިކޭޝަން އޮފް މާލެ"ގެ ދިރާސާ ރިޕޯޓުން ދައްކާ ގޮތުން، ވެރިރަށް މާލޭގައި ގިނަ އިމާރަތްތައް ހަދަނީ އިންސާނުން ދިރިއުޅުމަށް ވުރެ ބޮޑު ފައިދާއެއް ހޯދުމުގެ ވިސްނުން ބައްޓަންކޮށްގެންނެވެ.
އެގޮތުން އެއް ކުޑަތަނެއްގައި ގިނަ ބަޔަކު މަޖުުބޫރުން ޖަމާކުރުމައި، އާމްދަނީގެ ބޮޑު ބައެއް ކުލީގެ ގޮތުގައި ހޯދައި މުއްސަނދިވުން ފަދަ އިޖްތިމާއީ އެތައް މައްސަލައަކަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އެ ރިޕޯޓުގައި އެފަދަ ގިނަ ތަންތަން ސިފަކޮށްފައިވަނީ "ކޮތަރު ކޮށީ"ގެ ގޮތުގައެވެ. ނުވަތަ އިންސާނުން ދިރިއުޅެން ހެޔޮނުވާ ވަރުގެ ތަންތަނުގެ ގޮތުގައެވެ.
މި ދައްކަނީ ބައިނަލްއަގުވާމީ އަދި ޤައުމީ މިންގަނޑުތަކަށް ވުރެ އެއްތަނެއްގައި ތިން ގުނަ އިތުރު މީހުން ދިރިއުޅޭ ވާހަކައެވެ. އެފަދަ ތަންތަނުގައި ބަލިތައް އަވަހަށް ފެތުުރުމާއި، ނޭވާލާ ނިޒާމުގެ މައްސަލަތައް އިތުރުވުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން އެއް ފާޚާނާއެއް އެތައް ބަޔަކު ބޭނުންކުރުމުގެ ސަބަބުން ސާފުތާހިރުކަން ދަށްވެ، ބަލިތައް ފެތުރޭ މާހައުލަކަށް އެތަންތަންވާކަން އެތައް ރިޕޯޓަކުން ސާބިތުކޮށްދެއެވެ.
އެގޮތުން ޤައުމީ ތަފާސް ހިސާބުތަކާއި ބެހޭ އިދާރާގެ 2021ވަނަ އަަހަރުގެ ހަމަ އެ ރިޕޯޓުގައި، އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ސިއްހީ މައްސަލަތަކާއި އެހެނިހެން އިޖްތިމާއީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން މާލޭގެ ކުއްޔަށް އުޅޭ ފަރާތްތަކުގެ ތެރެއިން 6 އިންސައްތަ މީހުންނަކީ ކޮޓަރިއެއްގައި ތިން މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭ މީހުންކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި ހަމައެހެންމެ، ޤައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އަދި އދ. ގުޅިގެން ހެދި "ކޮމްޕްރެހެންސިވް ހައުސިން މާކެޓް ސްޓަޑީ ފޯ ދަ ގްރޭޓާ މާލެ ރީޖަން،" ގެ ރިޕޯޓުގައި ވެސް އެފަދަ ޙާލަތްތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެގޮތުން އެ ރިޕޯޓުގައި ބުނާ ގޮތުން، ތޮއްޖެހިފައިވާ މާހައުލުތަކުގެ އެންމެ ބޮޑު އެއް ނުރައްކަލަކީ ބަލިމަޑުކަން ފެތުރުމުގެ ފުރުޞަތު ބޮޑުވުމެވެ. އެއްތަނެއްގައި ގިނަ ބަޔަކު ދިރިއުޅޭއިރު، ބަލިތައް އަވަހަށް ފެތުރޭއިރު، ވައި ދައުރުނުވާ ތަންތަނުގައި، ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް ވަރަށް ފަސޭހައިން އެކަކުގެ ކިބައިން އަނެކަކަށް އަރައެވެ.
ވެރިރަށް މާލެ... ފޮޓޯ: ވޮއިސް
މީގެ އިތުރުން، އެއް ފާޚާނާއެއް ގިނަ ބަޔަކު ބޭނުންކުރުމުގެ ސަބަބުން ސާފުތާހިރުކަން ދަށްވެ، ނުރައްކާތެރި ބަލިތައް ފެތުރުމުގެ ނުރައްކާ ބޮޑުކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ވެސް ކޮޓަރިއެއްގައި ތިން މީހުންނަށް ވުރެ ގިނަ މީހުން ދިރިއުުޅުމަކީ ވަރަށް ބޮޑު ގޯހެއްކަން ފާހަގަކޮށްފައިވެއެވެ.
މިފަދަ ކިތަންމެ ސަބަބަކުން ވެސް، އެއީ ކިތަންމެހާ ވެސް ގޯސްކަމެއްކަން ބުނެދޭއިރު، އެންމެ ތިން މީހުންނަށް ވުރެ ގިނަ މީހުން އެއް ކޮޓަރިއެއްގައި ދިރިއުޅުން ހެޔޮނުވާނެ ކަމަށް ބައިނަލްއަގުވާމީ އަދި ޤައުމީ ވެސް އެކި މިންގަނޑުތަކުން ސާބިތުކޮށްދޭއިރު ވެސް، އެއް ކޮޓަރިއެއްގައި އޭގެ ތިން ގުނަ މީހުން ދިރިއުޅުން މަޖުބޫރުކުރުން ވަރިހަމަކުރެވޭނެ ގޮތެއް ހަމަ ނުވިސްނެއެވެ. އާމްދަނީގެ ނިވަލުގައި ތިބެ، އެކަން "އޯކޭ"ކޮށް ހުއްޖަތު ދެއްކޭނެ ގޮތެއް ވެސް ނުވިސްނެއެވެ. ގޮތެއް ނެތިގެން ވެސް، އިންސާނީ އަސާސީ ޙައްޤުތަކުން މަޙްރޫމުކުރުމަކީ ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ.
މިފަދަ ޙާލަތްތަކުން އަރައިގަތުމަށްޓަކައި، ދިރިއުޅުމަށް އެކަށީގެންވާ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކަށް ފުރިހަމައަށް ޢަމަލުކުރުން މުހިންމެވެ. އެފަދަ އުސޫލުތަކެއް ކަނޑައަޅައި، ތަންފީޒުކުރުން ނުހަނު މުހިންމެވެ. އެހެން ނޫނީ އެ ރިޕޯޓުތަކުގައި ބަޔާންކުރާ ގޮތަށް، ކަންކަން ބޮއްސުންލައިގެން ގޮސް، އިޖްތިމާއީ ވަރަށް ގިނަ މައްސަލަތައް މިކަމުން ނުކުތުން ވަރަށް ގާތެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists