ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް އާރްޑީސީއިން ވަޒީފާ ދީފި
ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވަޒީފާ ހަމަޖައްސައިފިއެވެ.
މިއީ 4 ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ސޯޝަލް މިނިސްޓްރީއާއި އާރްޑީސީ ގުޅިގެން ކުރިއަށް ގެންދިޔަ އިންޓަރންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗު ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ ޕްރޮގްރާމް ފުރިހަމަ ކުރި 4 ބައިވެރިންނެވެ.
6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކުރުމެވެ.
މި އިންޓަރންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. މިކަމަށް ހާއްސަ އަހަންމިޔަތުކަމެއް ދީގެން ސޯޝަލް މިނިސްޓްރީން ދަނީ އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists