ރާއްޖޭގެ ރަށެއްގައި ކްރިސްމަސް ފާހަގަކުރަން ޖެހި ގަހެއް
ދީން
26 Dec 2025 | 13:38
ޣައިރު މުސްލިމުންގެ ޢީދުތަކާއި މުނާސަބާތަކުގައި މުސްލިމުން ބައިވެރި ނުވުމަށް ގޮވާލައިފި

ޣައިރު މުސްލިމުންގެ ޢީދު ތަކުގައި ބައިވެރި ނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. 

ޣައިރު މުސްލިމުންނާ ވައްތަރުވުމުން ދުރުހެލިވުމުގެ މުހިންމުކަން ފާހަގަކޮށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، އިސްލާމީ ޙަޟާރަތު ފެށުނީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ވަޙީ ބާވައިލެއްވުމާ ހަމައިންނެވެ.

އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކެވެ. އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތަކެވެ. އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ ﷺ އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން، އިސްލާމީ ޙަޟާރަތު ކުރިއަރައި ދިޔައީ، ވަރަށް ވެސް ހަލުވި ދުވެއްޔެއްގައެވެ.

ޚުތުބާގައި ބުނިގޮތުގައި އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާއި، ޝަރުޢީ ޙުކުމްތަކާއި، ރިވެތި އަޚްލާޤު ހިމެނެއެވެ. ބިން އާރާސްތުކުރުމާއި ޢިލްމު އުނގެނުމަކީ އެމީހުންގެ ދީނާ ގުޅިފައިވާ ވާޖިބެއްގެ ގޮތުގައި މުސްލިމުން ދުއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އަންދަލުސްގައި މުސްލިމުން ވެރިކަންކުރަން ފެށިއިރު، އެ ސަރަހައްދު ޔޫރަޕުގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން އިޖުތިމާޢީ، އިޤުތިޞާދީ އަދި ޢިލްމީ ގޮތުން ވަރަށް ދަށް ފެންވަރެއްގައި އޮތް ނަމަވެސް، ހިޖުރައިން ތިންވަނަ ޤަރުނުގެ ފަހުކޮޅު މުޅި ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ސިޓީކަމުގައި އަންދަލުސްގެ ޤުރްޠުބާ ވި ކަން ފާހަގަކޮށްފައިވެއެވެ. 

ޚުތުބާގައި ވަނީ މުސްލިމު ޢިލްމުވެރިން ބޭސްވެރިކަމުގެ ދާއިރާއިން ހޯދި ކުރިއެރުންތައްވެސް ފާހަގަކޮށްފައެވެ. މުޙައްމަދު ބިން ޒަކަރިއްޔާ އައްރާޒީއާއި އިބުނު ސީނާއަކީ މި ދާއިރާގައި ފުންނާބު އުސް ޢިލްމުވެރިންކަމުގައި ފާހަގަކުރިއެވެ. މިގޮތުން ބޭހުގެ ޞައްޙަ މިންގަނޑާއި ބަރުދަން ބެލުމަށް މީޒާނެއް ހެއްދެވީ އައްރާޒީކަމާއި، ފާނަބަސަންދު ފަދަ ބަލިތަކަށް ފަރުވާ ހޯއްދެވިކަން ޚުތުބާގައި ބުނެފައިވެއެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް މީސްތަކުން އެކަހެރިކުރުން ނުވަތަ ކަރަންޓީނުކުރުމުގެ ޒަމާނީ އުސޫލުތައް އެކުލަވައިލެއްވީ އިބުނު ސީނާކަމަށާއި، އޭނާގެ ފޮތް "އަލްޤާނޫނު" އަކީ ބަލިފެތުރެނީ ލޮލަށް ނުފެންނަ ކުދި އެއްޗެހީގެ ޒަރީޢާއިންކަން ބަޔާންކޮށްފައިވާ، ޔޫރަޕުގެ ޔުނިވަރސިޓީތަކުގައިވެސް އެތައް ޒަމާނެއް ވަންދެން ބޭނުންކުރެވުނު މުހިންމު ފޮތެއްކަން ފާހަގަކުރިއެވެ.

ޢިލްމުލް ޙިސާބުގެ ދާއިރާގައި އަލްޚަވާރިޒްމީގެ ޚިދުމަތްތައް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަލްޖިބުރާ އުފަންކުރެއްވީ އަލްޚަވާރިޒްމީކަމަށާއި، އޭނާގެ ފޮތްތަކުގައި ގެންނަވައިފައިވާ އުސޫލުތަކާއި ޤަވާއިދުތަކަކީ މިއަދުވެސް އިސްކޫލުތަކާއި ޔުނިވަރސިޓީތަކުގައި ބޭނުންކުރެވޭ ޤަވާއިދުތަކެއްކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި ނުވަވަނަ ޤަރުނުގެ ޢިލްމުވެރިޔާ ޚުވާރިޒަމީގެ ފޮތް ފެނުމުން ނޫނީ ޔޫރަޕުގެ މީހުންނަށް މިހާރު ބޭނުންކުރާ ހިސާބު އަކުރުތައް ނޭނގޭކަން ވެސް ފާހަގަކުރިއެވެ.

މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، ކުރީން ބުނެވުނު އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެންނެވެ. އެބައިމީހުންގެ ދީނުގައި މާތް اللهއާއި އެކަލާނގެ ރަސޫލާ ﷺ ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެންނެވެ. އިސްލާމީ އުންމަތް މި އަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުންނެވެ.

މި ޙާލަތުން އަރައިގަތުމަށް ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުމަށް ޚުތުބާގައި ގޮވާލިއެވެ. މީގެ އިތުރުން ބަވަނަވަމުން އަންނަ ދުނިޔޭގައި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި ސަޤާފަތްތައް މަސްހުނިވަމުން އަންނައިރު، އެބައިމީހުންގެ ޢީދުތަކާއި މުނާސަބާތަކުގައި މުސްލިމުން ބައިވެރިވެ އުޅުމަކީ ދުރުހެލިވާންޖެހޭ ކަމެއްކަން ޚުތުބާގައި ބަޔާންކުރިއެވެ. އަދި "ބަޔަކު މީހުންނާ ވައްތަރުވެގަތް މީހާ ވަނީ އެ ބަޔެއްގެ ތެރެއިންނެވެ" މި ޙަދީޘްފުޅުން އެނގޭއިރު އެކަންކަމާ ދުރުހެލިވުމަށް ނަސޭހަތްތެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.