މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ކެރިކް ގެނައުމަށް އެއްބަސްވުމަކާ ހިސާބަށް އަތުވެއްޖެ

ކެރިކް އަދި ހޮލެންޑް..

އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ މަޝްހޫރު ކްލަބް، މެންޗެސްޓަރ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް މައިކަލް ކެރިކް ގެނައުމާ ގުޅޭގޮތުން އެއްބަސްވުމަކާ ހިސާބަށް އަތުވެއްޖެއެވެ.

އިނގިރޭސި މީޑިއާތަކުން މީގެ ކުޑައިރުކޮޅެއްކުރިން ބުނެފައިވަނީ މި ސީޒަނުގެ ކުރިއަށްހުރި މެޗްތަކަށް ޔުނައިޓެޑްގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރުމަށް ކެރިކް އާއެކު ޔުނައިޓެޑުން އެއްބަސްވުމަކާ ހިސާބަށް އަތުވެއްޖެކަމަށެވެ. އަދި އެކަމުގެ ރަސްމީ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނޭކަމަށް ވަނީ ބުނެފައެވެ.

ބީބީސީން ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި ޔުނައިޓެޑްގެ ހެޑް ކޯޗަކަށް ކެރިކް އައްޔަނުކުރާނެއެވެ. ކުރިއަށްއޮތް ދުވަސްތަކުގައި ޔުނައިޓެޑްގެ ހެޑް ކޯޗެއްގެ ގޮތުގައި ކެރިކް ފެނިގެންދާއިރު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުންނާނީ ސްޓީވް ހޮލެންޑެވެ. 

ކެރިކް ވަނީ މީގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުންތެރިއެއްގެ ގޮތުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ކުޅުނު އަދި ފަހުން އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. ކެރިކް ވަނީ މެންޗެސްޓަރ ޔުނައިޓެޑާއެކު ޔޫރަޕްގެ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައެވެ. 

ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމަށް ކެރިކް އައްޔަނުކުރުމަށް ނިންމިއިރު އެންމެފަހުން އެޓީމްގެ ކޯޗެއްގެ ގޮތުގައި ހުރީ، ރުބެން އަމޮރިމް އެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ.

ކޮމެންޓް