'މިލްކީވޭ' ހާ ދުވަސްވީ އެހެން ގެލެކްސީއެއް ފެނިއްޖެ
އަހަރެމެންގެ މިލްކީވޭ ގެލެކްސީއާ އެއްގޮތް, ކާއިނާތުގެ އެންމެ ކުރީކޮޅު އުފެދިފައިވާ އެހެން ގެލެކްސީއެއް ފެނިފައިވާކަން ފަލަކީ އިލްމުވެރިން ކަށަވަރުކޮށްދީފިއެވެ.
"ކޯޒްމޮސް-74706" ގެ ނަމުން ނަންދެވިފައިވާ މި ގެލެކްސީއަކީ "ބާރޑް ސްޕައިރަލް" ބައްޓަމަށް ހުރި ގެލެކްސީއެކެވެ. މިއީ މެދުގައި ތަރިތަކުގެ ބާރއެއް ހުރެފައި، އޭގެ ވަށައިގެން ތަރިތައް ފެތުރިފައިވާ، އަހަރެމެންގެ މިލްކީވޭއާ ވަރަށް އެއްގޮތް އޮނިގަނޑެކެވެ. ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕާއި ހަވާއީގައި ހުންނަ ކެކް 1 ޓެލެސްކޯޕްގެ "މޮސްފަޔަރ" އާލާތް ބޭނުންކޮށްގެން ކުރި ދިރާސާތަކުން، މި ގެލެކްސީގެ އުމުރާއި، ތަރުތީބުވެފައިވާ އޮނިގަނޑު ވަނީ ކަށަވަރުކުރެވިފައެވެ. ސައިންސްވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި "ކޯޒްމޮސް-74706" އުފެދިފައިވަނީ މީގެ 11.5 ބިލިއަން އަހަރަށްވުރެ ވެސް ކުރިންނެވެ. މިއީ މިހާތަނަށް ފެނުނު މިފަދަ ބައްޓަމެއްގެ އެންމެ ދުވަސްވީ ގެލެކްސީއެވެ. އަދި މިހާ ކުރީގެ ތާރީޚަކުން މިފަދަ ގެލެކްސީއެއް ފެނުމަކީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައިވާ ކަމެއް ނޫން ކަމަށް އެމެރިކަން އެސްޓްރޮނޮމިކަލް ސޮސައިޓީއިން ވަނީ މައުލޫމާތުދީފައެވެ.
މި ދިރާސާތަކުގައި އިސްކޮށް އުޅުއްވާ އެސްޓްރޮނޮމަރ ޑރ. އެލީސާ ކޮންޓީ ވިދާޅުވި ގޮތުގައި، މި ގެލެކްސީން ހާމަވެގެންދަނީ ކާއިނާތުގެ ވަރަށް ކުރީކޮޅުގައިވެސް މިފަދަ ތަރުތީބުވެފައިވާ، ފުރިހަމަ އޮނިގަނޑުތައް އުފެދިފައިވާ ކަމެވެ. މިއީ ކުރިން ހީކުރެވުނު ވަރަށްވުރެ މާ އަވަހަށް މިލްކީވޭ ފަދަ ތަަރުތީބުވެފައިވާ ގެލެކްސީތައް އުފެދުމުގެ ގާބިލުކަން ކާއިނާތަށް ލިބިގެންވާކަން އަންގައިދޭ ހެއްކެކެވެ.
މިލްކީވޭ ގެލެކްސީ-- ފޮޓޯ/ އެނިމާލިއާލައިފް.ކްލަބް
މި ހޯދުމުގެ ސަބަބުން ކާއިނާތުގެ ކުރީކޮޅުގެ ގެލެކްސީތަކަކީ އެއްވެސް ތަރުތީބެއް ނެތް، ބޮޑެތި ގަނޑުތަކެއްގެ ގޮތުގައި އުފެދިފައިވާ އެއްޗެހި ކަމަށް ކުރިން ބެލެވުނު ބެލެވުމަށް ބަދަލު އަންނާނެއެވެ. "ކޯޒްމޮސް-74706" އިން ހާމަވާ ގޮތުގައި، ކާއިނާތު އުފެދުނުތާ އެންމެ 2 ބިލިއަން އަހަރުގެ ތެރޭގައި ބައެއް ގެލެކްސީތައް ވަނީ ވަރަށް ފުރިހަމައަށް ތަރުތީބުވެ ބައްޓަންވެފައެވެ. މިއީ ކާއިނާތް އުފައްދަވާފައިވާ ފުރިހަމަކަމާއި ކުޅަދާނަކަމާއިމެދު ސައިންސްވެރިންގެ ވިސްނުން އަލުން ބައްޓަންކުރަން ޖެހޭފަދަ ހޯދުމެކެވެ.
ދިރާސާވެރިން ބުނާ ގޮތުގައި، މި ހޯދުމުގެ އެހީގައި ގެލެކްސީތައް އުފެދި ބޮޑުވަމުން އަންނަ ގޮތުގެ މޮޑެލްތައް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވާނެއެވެ. އަދި ޖޭމްސް ވެބް ޓެލެސްކޯޕްގެ އެހީގައި ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ވެސް ދުވަސްވީ ނުވަތަ މިފަދަ ތަފާތު ގެލެކްސީތައް ފެނުމުގެ ފުރުސަތު ބޮޑެވެ.
ސައިންސްވެރިން ކާއިނާތުގެ ފުންމިނަށް ބަލަމުންދާއިރު، "ކޯޒްމޮސް-74706" ފަދަ ހޯދުންތަކުން އެނގެނީ ކާއިނާތުގެ ފެށުމުގެ އަހަރުތަކަކީ ކުރިން ހީކުރެވުނު ވަރަށްވުރެ މާ ހަލުވި އަދި ތަރުތީބުވެފައިވާ ދުވަސްތަކެއް ކަމެވެ. މިއީ އަހަރެމެންގެ މިލްކީވޭ ފަދަ ގެލެކްސީތަކުގެ ފެށުން ދެނެގަތުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists