އެކަނިވެފައިވާ ކުޑަކުއްޖެއް-- ފޮޓޯ/ އޭއޭޕީ
ހަބަރު
22 Feb 2026 | 09:00
ކުޑަކުދިންނަށް އިހުމާލުވުން، ކުށުގެ ވެއްޓަށް ދެވޭ ހަދިޔާއެއް

ކުއްޖަކު އުފަންވަނީ އަނިޔާވެރިއެއްގެ ގޮތުގައެއް ނޫނެވެ. އަދި ކުށްވެރިއެއްގެ ގޮތުގައެއްވެސް ނުމެނޫންމެއެވެ. ގިނަ ފަހަރަށް ކުށްތަކުގެ އަސްލު ގުޅިފައިވަނީ އެ ކުއްޖަކަށް ކުރެވޭ ތަފާތު ތަޖުރިބާތަކާއެވެ. އެގޮތުން، އޯގާތެރިކަމެއް ނެތް، ބޭނުންތަކަށް އިހުމާލުވެފައިވާ، ކުއްޖާގެ އަޑު އެހުމެއްނެތް އަދި އަނިޔާވެރި މާހައުލުތަކުން މިކަމުގެ ބިންގާ އެޅިގެންދެއެވެ.

އެގޮތުން، ކުޑަކުދިންނަށް އިހުމާލުވުމަކީ ފެންނަން ނެތް ނަމަވެސް، ކުއްޖާއަށް އެންމެ ބޮޑު ގެއްލުމެއް ދޭ އެއް ކަމެވެ. މިކަމުގެ ނަތީޖާއަކީ ހަށިގަނޑުން ފެންނަން ހުންނަ ލަކުނުތަކެއް ނޫނެވެ. މިއީ ވަރަށް ލަސްލަހުން ދެވޭ އަނިޔާއެކެވެ. ކޮންމެ ރެއަކު ބަނޑުހައިހޫނުކަންމަތީ ނިދަން ޖެހުމާއި، ބަލިވުމުން އެކަށީގެންވާ ފަރުވާ ނުލިބުމާއި، ނުދޮވެ ހުންނަ ހަޑި ހެދުމުގައި ސްކޫލަށް ދާންޖެހުމާއި، އަދި އެއްވެސް ލޯތްބެއް ނުވަތަ އަޅާލުމެއް ނުލިބި ބޮޑުވުމެވެ. ނުވަތަ އެއްވެސް އިރުޝާދެއް، ސަމާލުކަމެއް ނުވަތަ ރައްކާތެރިކަމެއް ނެތި ބޮޑުވުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މާނަކުރާ ގޮތުގައި، ކުޑަކުދިންނަށް އިހުމާލުވުމަކީ ކުއްޖާގެ އަސާސީ ބޭނުންތައް ކަމުގައިވާ ކާނާއާއި، ސިއްހީ ފަރުވާއާއި، ތައުލީމާއި އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބެލެނިވެރިން ނުވަތަ ބަލަހައްޓާ ފަރާތްތަކުން ނާކާމިޔާބުވުމެވެ. އަދި ޔުނިސެފްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން ކުދިން މިފަދަ އިހުމާލުވުމުގެ ޝިކާރައަކަށްވެ، އޭގެ ހިތްދަތި އަސަރުތައް ބޮޑުވަންދެން ތަހައްމަލު ކުރެއެވެ.

އިހުމާލުގެ ސަބަބުން ކުއްޖާގެ ސިކުނޑިއަށް ކުރާ އަސަރު

ކުޑަކުދިންގެ ސިކުނޑި ހެދިބޮޑުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކުޑައިރުގެ ދުވަސްވަރެވެ. އޯގާތެރި އަދި ހަމަޖެހޭ މާހައުލެއްގައި ބޮޑުވާ ކުއްޖެއްގެ ސިކުނޑި ދަސްކޮށްދެނީ މަޑުމައިތިރިކަމާއި، އިތުބާރުކުރުމާއި އަދި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމެވެ. އަނިޔާވެރިކަމެއް ނެތި މައްސަލަތައް ހައްލުކުރާނެ ގޮތާއި، އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަށް އެކުދިންނަށް ދަސްވެއެވެ.

ނަމަވެސް، އިހުމާލުގެ ތެރޭގައި ބޮޑުވާ ކުއްޖާގެ ހަށިގަނޑު އަބަދުވެސް ހުންނަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކު ހޭލާއިރު ކާނެ އެއްޗެއް ލިބޭނެކަމުގެ ޔަގީންކަމެއް ނެތުމާއި، އަމިއްލަ ރައްކާތެރިކަމާމެދު އަޅާލާނެ މީހަކު ނެތުމުން، ހަށިގަނޑުން 'ސްޓްރެސް ހޯރމޯންސް' އުފައްދައެވެ. މި ހާލަތު ގިނަ ދުވަސްތަކަކަށް ދެމިގެން ދިއުމުން، ސިކުނޑީގެ ނިންމުންތައް ނިންމާ ބަޔަށާއި އަމިއްލަ އިހުސާސްތައް ކޮންޓްރޯލްކުރާ ބަޔަށް ނޭދޭ އަސަރުތައް ކުރެއެވެ.

މިފަދަ ކުދިން ބޮޑުވާއިރު، ކަންކަމާ ފުންކޮށް ވިސްނުމުގެ ބަދަލުގައި، ވަގުތުން 'ރިއެކްޓް' ކުރާ ގޮތްވެއެވެ. ރުޅިގަދަވުމާއި، ކުރާ ކަމަކުން ނުކުމެދާނެ ނަތީޖާއަކަށް ބެލުމެއްނެތި އަމަލުކުރުމާއި، އެހެން މީހުންނަށް އިތުބާރުކުރަން އުނދަގޫވުން ފަދަ މައްސަލަތައް ދިމާވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ކުޑައިރު ދިމާވާ މިފަދަ ހިތްދަތި ތަޖުރިބާތަކާއި، ބޮޑުވާއިރު މަސްތުވާތަކެތި ބޭނުންކުރުމާއި، އަނިޔާވެރިވުމާއި އަދި ކުށްތަކަށް އަރައިގަތުމާ ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ.

މުޅި އުމުރަށް ދެމިގެންދާ ނަފްސާނީ ޒަހަމްތައް

އިހުމާލުވުމުގެ އަސަރު ހަމައެކަނި ކުރަނީ ސިކުނޑިއަކަށް ނޫނެވެ. އެއީ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ހަމަޖެހުން މުޅިން ނަގާލާ ކަމެކެވެ. އަބަދު އިހުމާލުކޮށްލެވޭ ކުއްޖާއަށް، އޭނާއަކީ މުހިންމު މީހެއް ނޫންކަމަށް ގަބޫލުކުރެވެން ފަށައެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ ގަދަރު ކުޑަވެ، މާޔޫސްކަމާއި ރުޅިވެރިކަން އުފެދެއެވެ.

މިސާލަކަށް، ކޮންމެ ދުވަހަކު ބަނޑުހައިކަންމަތީ ސްކޫލަށްދާ ކުއްޖަކަށް ބަލާލަމާ ހިނގާށެވެ. އެ ކުއްޖާއަށް ފިލާވަޅުތަކަށް ސަމާލުކަން ދިނުމަކީ ދަތި ކަމެކެވެ. ޓީޗަރުންނަށް އޭނާއަކީ "ކަންނެތް" ކުއްޖަކަށް ވެދާނެއެވެ. އަދި ކުދިން އޭނާއަށް މަލާމާތް ކޮށްފާނެއެވެ. ނަމަވެސް، މައިންބަފައިން ނެތް ވަގުތު ކުޑަ ކޮއްކޮމެން ބެލުމުގައި އޭނާ ހޭލާ ހުންނަ ހުރުން އެކަކަށްވެސް ނޭނގެއެވެ. ނަތީޖާއެއްގެ ގޮތުން، އެ ކުއްޖާ ކިޔެވުމަށް އޮންނަ ޝައުގުވެރިކަން ގެއްލި، ނުބައި ނުފޫޒުތަކުގެ ތެރެއަށް ވަދެވި، ކުށްތަކަށް އަރައިގަންނަން ފަށައެވެ. އެއީ އޭނާ ބަލައިގަންނާނެ ބަޔަކު ހޯދުމުގެ ބޭނުމުގައެވެ.

އެހެން މިސާލަކަށް ބަލާއިރު، އާއިލާގެ ފަރާތުން އޯގާތެރިކަން ނުލިބޭ އަންހެން ކުއްޖަކު، ދެރަވެ މާޔޫސްވާ ވަގުތު އިތުބާރު ކުރެވޭނެ ބޮޑު މީހަކު ނެތުމުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިދާނެއެވެ. މިއީ އެ ހިތްދަތިކަން ހަނދާން ނައްތާލުމަށް ކުރެވޭ ކަމެކެވެ. މުޖުތަމައަށް އޭނާއަކީ ހަމައެކަނި "ކުށްވެރިއެއް" ކަމުގައި ވިޔަސް، އޭނާ އެ މަގަށް ދާން މެދުވެރިވި އަސްލު ސަބަބަކީ މީގެ އަހަރުތަކެއް ކުރިން އޭނާއަށް ވީ އިހުމާލެވެ.

ކުށްތަކަށް މަގުފަހިވާ ގޮތް

އިހުމާލުވުމުގެ ސަބަބުން ކުށްތަކަށް މަގުފަހިވާ ގިނަ ގޮތްތަކެއް ހުރެއެވެ. ގޭތެރެއިން އެހީތެރިކަން ނުލިބޭ ކުދިން ކިޔެވުމުގައި ފަހަތަށް ގޮސް، ވަޒީފާގެ ފުރުސަތުތައް ހަނިވެއެވެ. އުއްމީދު ގެއްލުމުން، ގަވާއިދާ ހިލާފު ކަންކަމަށް ޝައުގުވެރިކަން އުފެދެއެވެ. އަދި އަމިއްލަ ރުޅި ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން، މައްސަލަތައް ހައްލުކުރުމަށް އަނިޔާވެރިކަން އިސްކުރެވެއެވެ.

ގިނަ ފަހަރަށް އިހުމާލުވެފައިވާ ކުދިން ބަލައިގަންނާނެ ބަޔަކު ހޯދުމުގެ ތެރޭގައި ގޭންގުތަކާ ގުޅެއެވެ. ގޭންގުތަކުން އެކުދިންނަށް އާއިލީ އިހުސާސާއި، ރައްކާތެރިކަން ލިބޭ ކަމަށް ހީވެއެވެ. ބައެއް ހާލަތްތަކުގައި، ދިރިހުރުމަށްޓަކައި ވެސް ކުށްކުރަން ޖެހެއެވެ. ބަނޑުހައިވެފައި ހުރި ކުއްޖަކު ކާނާ ވަގަށް ނެގުމަކީ މީގެ މިސާލެކެވެ. މިއީ ކުށް ކުރުން ދިފާއުކުރުމެއް ނޫނެވެ. ނަމަވެސް އިހުމާލުގެ ސަބަބުން ކުދިން ނުރައްކާތެރި މަގުތަކަށް ކޮއްޕާލެވޭ ގޮތް މީގެން ސާފުވެއެވެ.

އިހުމާލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ކުރެވިދާނެ ކަންކަން 

ކުޑަކުދިންނަށް ކުރާ އިހުމާލަކީ ހަމަހިމޭންކަމާއެކު ފެށޭ ނުރައްކަލަކަށް ވާއިރު، އެކަމުގެ ނަތީޖާ މުޅި މުޖުތަމައަށް ފޯރަނީ ވަރަށް ހިތްދަތި ގޮތަކަށެވެ. ގިނަ ކުށްވެރިންގެ ފަހަތުގައި ބަނޑުހައިހޫނުކަމާއި، އެކަނިވެރިކަމުގެ ހިތްދަތި މާޒީއެއް އޮވެއެވެ. މިއީ ކުރާ ކުށަށް އޮތް އުޒުރެއް ނޫނެވެ. ނަމަވެސް، ކުޑަކުދިންނަށް އިހުމާލުވުމާއި ކުށުގެ މާހައުލާ އޮތް ގުޅުން ދެނެގަތުމަކީ، ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި މައްސަލައިގެ އަސްލު ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އުފާވެރި ހަގީގަތަކީ، އިހުމާލުވުމަކީ ކުއްޖާގެ މުސްތަގުބަލު ކަނޑައަޅާ ހަމައެކަނި ގޮތް ނޫންކަމެވެ. ކުރިއާލާ އެހީތެރިކަން ފޯރުކޮށްދީފިނަމަ، ކުއްޖާގެ ދިރިއުޅުން ބަދަލުކުރެވިދާނެއެވެ.

އޯގާތެރި ޓީޗަރަކު ނުވަތަ އަޅާލާ އަވަށްޓެރިއަކު ފޯރުކޮށްދޭ އެހީތެރިކަމަކީ ކުއްޖާގެ ދިރިއުޅުމަށް ލިބޭ ވަރަށް ބޮޑު ހަމަޖެހުމެކެވެ. އިޖުތިމާއީ ހިދުމަތްތަކާއި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުން، ކުދިން ކުށުގެ މާހައުލަށް ދިއުން ހުއްޓުވިދާނެއެވެ. ކުށުން ސަލާމަތްކުރުމުގެ މަސައްކަތް ފެށެނީ ޕޮލިސް ސްޓޭޝަންތަކުންނެއް ނޫނެވެ. އެއީ ގޭތެރެއާއި، ސްކޫލްތަކާއި އަދި މުޖުތަމައުގެ ތެރެއިން ފެށެންޖެހޭ ކަމެކެވެ.

އެހެންކަމުން، މުޖުތަމައަކުން ކުށް މަދުކުރަން ބޭނުންނަމަ، ކުޑަކުދިން ރައްކާތެރިކުރުމަށާއި އާއިލާތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރަންޖެހެއެވެ. ކޮންމެ ކުއްޖަކީވެސް މުހިންމު، ލޯބިލިބޭ އަދި އަޅާލުން ލިބޭ ކުއްޖެއްކަން އިހުސާސްކޮށްދިނުމަކީ ކުށް މަދުކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅެވެ.

ކުޑަކުދިންނަށް ކުރާ އިހުމާލުގެ ސަބަބުން އުފެދޭ ނޭދެވޭ އަސަރުތައް ނައްތާލުމަށްޓަކައި، ތައުލީމީ ނިޒާމުގެ ތެރެއިންނާއި، ސިއްހީ ދާއިރާގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ކުއްޖާގެ ކިބައިން ފެންނަ ކުދިކުދި ބަދަލުތަކަށް ސަމާލުވެ، އެކުދިންނަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަކީ، އެ ކުއްޖާ ކުށުގެ ތެރެއަށް ވަނުމުގެ ކުރިން ސަލާމަތްކުރުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ.

މީގެ އިތުރުން، އާއިލީ ގުޅުން ބަދަހިކުރުމަށް މައިންބަފައިންނާއި ބެލެނިވެރިން ކުދިންނަށް ދޭ ސަމާލުކަމާއި ވަގުތު އިތުރުކުރުމާއި، ސްކޫލްތަކަކީ ހަމައެކަނި ކިޔަވައިދޭ ތަންތަނުގެ ބަދަލުގައި، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަޅާލާ ތަންތަނަށް ހެދުމާއި، ބޭނުންޖެހިފައިވާ އާއިލާތަކަށް ދައުލަތުގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން އަދި ކުޑައިރު ދިމާވާ ހިތްދަތި ތަޖުރިބާތަކުން އަރައިގަތުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް ކުރެވިދާނެ މުހިއްމު މަސައްކަތްތަކެކެވެ. 

ނިންމުން

ކޮންމެ ކުއްޖަކީވެސް މުޖުތަމައުގެ އުންމީދެވެ. އެކުދިންނަށް ރައްކާތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދިނުމަކީ، މާދަމާގެ ކުށްވެރިން މަދުކޮށް، އަމާން މުޖުތަމައެއް ބިނާކުރުމަށް އޮތް އެންމެ ކުރު މަގެވެ. އެއްވެސް ކުއްޖަކީ މުޖުތަމައަށް ބޭނުންނެތް، އެކަނިވެރި ކުއްޖަކަށް ވިޔަނުދިނުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. ކުށުގެ އަދަބު ދިނުމަށްވުރެ ބޮޑަށް، ކުށް އުފެދޭ އަސްލު ސަބަބުތައް ނައްތާލުމަށް އިސްކަންދިނުމަކީ މިއަދު އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެކެވެ. އެގޮތުން، ކުށުގެ މާހައުލުން ދުރުހެލިވެފައިވާ، އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ޖީލެއް ބިނާކުރެވޭނީ، ކޮންމެ ކުއްޖަކީވެސް އަގުހުރި، ބޭނުންތެރި އަދި މުޖުތަމައު ބަލައިގަންނަ ކުއްޖެއްކަމުގެ އިހުސާސް އެކުދިންނަށް ކޮށްދީގެންނެވެ. މިއީ ހަމައެކަނި ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތެއް ނޫނެވެ. މިއީ އިންސާފުވެރި، އޯގާތެރި އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. އެއްވެސް ކުއްޖަކީ ބާކީވެފައިވާ، އަޅާނުލެވި ހުރި ކުއްޖަކަށް ވިޔަ ނުދިނުމަކީ ކުށް މަދުކުރުމުގެ ހަގީގީ ފެށުމެވެ. މިއީ ހަމައެކަނި ކުށް މަދުކުރުމެއް ނޫނެވެ، މިއީ އިންސާނިއްޔަތަށްޓަކައި ކުރެވޭ އެންމެ މަތިވެރި އެއް ޚިދުމަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.