"ގޭގައި އުޅެނީ 3 މީހުން، އެކަމަކު ކަރަންޓު ބިލު އެހާ ބޮޑު": މިއޮތީ ހަގީގަތް

ކަރަންޓު ބިލުތަކެއް-- ފޮޓޯ/ ސްޓެލްކޯ

"މި ގޭގައި އުޅެނީ އެންމެ ތިން މީހުން. އެކަމު ކަރަންޓު ބިލު މިހާ ބޮޑުވަނީ ކީއްވެ؟"

މިއީ ކަރަންޓުގެ ޚިދުމަތްދޭ ފަރާތްތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރިމަތިވާ ސުވާލެކެވެ. މީގެ ސާދާ ޖަވާބަކީ، ކަރަންޓު މީޓަރަކީ މީހުން ގުނާ އެއްޗެއް ނޫން ކަމެވެ. ކަރަންޓު ސޮކެޓްތަކަށް ޖަހަނީ އިންސާނުންނެއް ނޫންކަމެވެ. ކަރަންޓު ބިލު ހިސާބުކުރެވެނީ ގޭގައި އުޅޭ މީހުންގެ އަދަދަކަށް ނޫނެވެ. މީޓަރުން ބަލަނީ ބޭނުންކުރާ ކަރަންޓުގެ މިންވަރެވެ. އެއިން ގުނަނީ ކިލޯވޮޓް-އަވާ ނުވަތަ ކަރަންޓަށް ޖަހާފައި ހުންނަ ހުރިހާ ތަކެއްޗަކުން ހޭދަކުރާ ހަކަތައިގެ މިންވަރެވެ.

އެއާކޮންޑިޝަން (އޭސީ)ގެ ފިނި ހޫނުމިން

އެންމެ ފުރަތަމަ އެއާކޮންޑިޝަނަށް ބަލާލަމާ ހިނގާށެވެ. އޭސީ 16 ނުވަތަ 18 ޑިގްރީ ސެލްސިއަސްގައި ބަހައްޓައިގެން ކަރަންޓު ބިލު ކުޑަވާނެ ކަމަށް އުންމީދު ކުރުމަކީ، ކާރުގެ ރޭސް ބާރުކޮށްލާފައި ތެޔޮ މަދުވާނެ ކަމަށް ހީކުރުން ފަދަ ކަމެކެވެ. ފިނިމިން ދަށްކުރި ވަރަކަށް، އޭސީ މަސައްކަތްކުރަން ޖެހޭ މިންވަރު އިތުރުވެ، މީޓަރު އެނބުރޭ ދުވެލި ހަލުވިވެއެވެ. އެއަރކޮންޑިޝަނަރަކީ ފިނިވައި އުފައްދާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ، ރިފްރިޖަރަންޓާއި، ކޮއިލް އަދި ކޮމްޕްރެސަރ ބޭނުންކޮށްގެން ކޮޓަރީގައި ހުންނަ ހޫނުވައި ބޭރަށް ފޮނުވާލައިގެން ކޮޓަރި ފިނިކޮށްދޭ ނިޒާމެކެވެ. މީގެ ތެރެއިން އެންމެ ގިނައިން ކަރަންޓު ހޭދަވަނީ ކޮމްޕްރެސަރަށެވެ. އޭސީގެ ފިނިހޫނުމިން 18 ޑިގްރީ ސެލްސިއަސް ފަދަ ދަށް މިންވަރަކަށް ބެހެއްޓުމުން، ކޮޓަރީގައި ހުންނަ ހޫނުވައި ބޭރުކުރުމަށްޓަކައި ކޮމްޕްރެސަރ މެދުކެނޑުމެއްނެތި ބުރަކޮށް މަސައްކަތްކުރަން ޖެހެއެވެ. އެހެންކަމުން، އޭސީގެ ޓެމްޕަރޭޗަރ ދަށްކުރާ މިންވަރަކަށް ކަރަންޓު ހޭދަވާ މިންވަރު އިތުރުވެއެވެ. ވުމާއިއެކު، އޭސީގެ ފިނިހޫނުމިން 24 އާއި 26 ޑިގްރީ ސެލްސިއަސްއާ ދެމެދު ބެހެއްޓުމަކީ، ކޮމްޕްރެސަރަށް މާ ބޮޑު ބުރައެއް ނުޖެހި، އެންމެ އެކަށީގެންވާ ގޮތެއްގައި ކޮޓަރި ފިނިކޮށްދޭނެ މިންވަރެކެވެ. މީގެ ސަބަބުން ކަރަންޓު ބިލު ކުޑަވުމަށް މަގުފަހިވެއެވެ.

އޭސީ ރިމޯޓެއް--

ރާއްޖެ ފަދަ ހޫނުގަދަ ޤައުމުތަކުގައި އޭސީތަކުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑެވެ. ހޫނު ގައުމުތަކުގައި ކަރަންޓު ބިލު ބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް މިއެވެ. މިފަދަ ތަންތަނުގައި އޭސީގެ ޓެމްޕަރޭޗަރަށް ގެންނަ ކުޑަ ބަދަލަކުންވެސް ކަރަންޓު ބޭނުންކުރާ މިންވަރަށް ބޮޑު ބަދަލެއް އާދެއެވެ. އެގޮތުން، އާންމު އުސޫލުން ބަލާއިރު، 24-26 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށްކުރާ ކޮންމެ 1 ޑިގްރީއަކަށް، ކަރަންޓު ހޭދަވާ މިންވަރު ގާތްގަނޑަކަށް %3 އާއި %5 އާ ދެމެދުގެ މިންވަރަކަށް އިތުރުވެއެވެ. މިސާލަކަށް، އޭސީ 24 ޑިގްރީގައި ބެހެއްޓުމުގެ ބަދަލުގައި 18 ޑިގްރީއަށް ދަށްކޮށްފިނަމަ، އެއީ 6 ޑިގްރީގެ ތަފާތެކެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު %18 އާއި %30 އާ ދެމެދުގެ މިންވަރަކަށް އިތުރުވެއެވެ. އެހެންކަމުން، އޭސީގެ ޓެމްޕަރޭޗަރ ދަށްކޮށްލުމުން ވަގުތުން ފިނިކަން އިހުސާސް ކުރެވުނު ކަމުގައިވިޔަސް، އޭގެ ސަބަބުން ކަރަންޓު މީޓަރު އެނބުރޭ ބާރުމިން އަވަސްވެ، ކަރަންޓު ބިލަށްވެސް އޭގެ އިހުސާސްކުރެވިގެންދާނެއެވެ. 

އޭސީގެ ފިލްޓަރުތައް ހަޑިވެފައި ހުރުމަކީވެސް ބިލު ބޮޑުވާން މެދުވެރިވާ ސިއްރު ސަބަބެކެވެ. ފިލްޓަރުތަކުގައި ހިރަފުސް ޖަހާފައި ހުރުމުން ވައި ދައުރުވުމަށް ހުރަސްއެޅެއެވެ. މީގެ ސަބަބުން ކޮޓަރި ފިނިކޮށްދިނުމަށްޓަކައި އޭސީން މާ ގިނައިން ކަރަންޓު ބޭނުންކުރަން ޖެހެއެވެ. އެގޮތުން، ފިލްޓަރު ހަޑިވެ ބެދުމުގެ ސަބަބުން، އޭގެ ހާލަތަށް ބަލައި، ކަރަންޓު ބޭނުންކުރާ މިންވަރު 5 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެގެންދެއެވެ. މީގެ އިތުރުން، މީގެ ސަބަބުން އޭސީގެ އިވެޕަރޭޓަރ ކޮއިލް ގަނޑުވުމާއި، ފިނިކޮށްދޭ މިންވަރު ދަށްވުމުގެ އިތުރުން، އޭސީގެ އުމުރު ކުރުވުމަށް ވެސް މެދުވެރިވެއެވެ. ގިނަ ގޭގޭގައި އޭސީ ރަނގަޅަށް ފިނިނުވަނީ ގޭހުގެ މައްސަލައެއް ދިމާވެގެން ކަމަށް ހީކުރެވުނަސް، ގިނަ ފަހަރަށް ދިމާވާ މައްސަލައަކީ ފިލްޓަރު ސާފުނުކޮށް ހުރުމެވެ. އެހެންކަމުން، ކޮންމެ މަދު ހަފުތާއަކުން އެއްފަހަރު، ޚާއްޞަކޮށް ހިރަފުސް ބޯ އަދި  އަތިރިމަތީ ސަރަހައްދުތަކުގައި ހަރުކޮށްފައި ހުންނަ ފިލްޓަރު ސާފުކުރުމަކީ ނުވަތަ ބަދަލުކުރުމަކީ އޭސީގެ ތެރޭގައި ވައި ދައުރުވުން ހަރުދަނާކޮށްދީ، ކޮމްޕްރެސަރަށް ކުރާ ބާރު ކުޑަކޮށްދީ، ކަރަންޓު ބިލު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހަޑިވެފައިވާ އޭސީ ފިލްޓަރެއް-- 

ބޭނުންކުރާ ބޮކި

ދެން އޮތީ ބޮކީގެ ވާހަކައެވެ. އެއަރކޮންޑިޝަނަރާ އަޅާބަލާއިރު، ބޮކި ދިއްލުމަކީ ކަރަންޓު ޚަރަދު ކުޑަ ކަމެއްގެ ގޮތުގައި ހީވި ނަމަވެސް، މިއީ މަޑުމަޑުން ކަރަންޓު ބިލު ބޮޑުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ކޮންމެ ދުވަހަކުވެސް ގިނަ ވަގުތުތަކެއް ވަންދެން ބޮކި ދިއްލާފައި ހުންނަނަމަ މިކަން ބޮޑަށް ފާހަގަވާނެއެވެ. ކުރިން ބޭނުންކުރި އާދައިގެ ބޮކި (އިންކެންޑެސެންޓް ބަލްބް) ތަކަކީ ހަކަތަ ވަރަށް ބޮޑަށް އިސްރާފުކުރާ އެއްޗެކެވެ. މިފަދަ ބޮކިތަކަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް %90 ބަދަލުވަނީ ހޫނަށެވެ. އެހެންކަމުން، ތަނެއް އަލިކުރުމުގެ ބަދަލުގައި، ހަޤީޤަތުގައި ފައިސާ މި ދެއްކެނީ ކޮޓަރި ހޫނުކުރުމަށެވެ. މީގެ ބަދަލުގައި، އެލް.އީ.ޑީ  ބޮކިތައް ފަރުމާކުރެވިފައިވަނީ ހަކަތައިގެ ބޮޑު ބައެއް އަލިކަމަށް ބަދަލުކޮށްދޭ ގޮތަށެވެ. އެއްވަރަކަށް އަލިކަން ފޯރުކޮށްދޭއިރު، އާދައިގެ ބޮކިތަކާ އަޅާބަލާއިރު އެލް.އީ.ޑީ ބޮކިން %75 އާއި %80 އާ ދެމެދުގެ މިންވަރަކަށް ކަރަންޓު ޚަރަދު ކުޑަކޮށްދެއެވެ. އަދި މިފަދަ ބޮކިތައް މާ ގިނަ ދުވަހު ހަލާކުނުވެ ހުރެއެވެ. މިސާލަކަށް، 60 ވޮޓުގެ އާދައިގެ ބޮތްކަކުން ލިބޭ އަލި، އެންމެ 9 ނުވަތަ 10 ވޮޓުގެ އެލް.އީ.ޑީ ބޮތްކަކުން ލިބޭނެއެވެ. މިކަމުގައި، ގިނަ މީހުންނަށް ހެދޭ ގޯހަކީ، އެލް.އީ.ޑީ ބޮކި ގަންނަން ލިބޭ އަގު ބޮޑުވުމުން އެކަމަށް އެކަނި ވިސްނުމެވެ. ނަމަވެސް އެލް.އީ.ޑީ ބޮކި ގަންނަ އިރު އަގު ބޮޑު ނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު މަހުން މަހަށް ހިނގާ ކަރަންޓު ބިލާއި، ބޮކި ބަދަލުކުރުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.

މީގެ އިތުރުން، ބޭނުމެއް ނެތި ބޮކި ދިއްލާފައި ބެހެއްޓުމަކީ ވެސް ބިލު ބޮޑުވާން ދިމާވާ އާދައެކެވެ. ޚާއްޞަކޮށް ދުވާލުގެ ގުދުރަތީ އަލިކަން ލިބޭ ވަގުތުތަކުގައި ބޮކި ދިއްލާފައި ބެހެއްޓުމަކީ ކަރަންޓު ބޭކާރުވުމަށް ދިމާވާ ކަމެކެވެ. ކޮންމެ ބޮތްކަކީވެސް ގިނަ ވަގުތު ދިއްލާފައި ހުރުމުން ކަރަންޓު ބިލަށް އޭގެ އަސަރު ފޯރާނެ އެއްޗެކެވެ. ގޭތެރޭގައި އެންމެ ގިނައިން ކަރަންޓު ހިނގާ ކަމަކީ ބޮކި ދިއްލުން ކަމަށް ނުވި ނަމަވެސް، ހަކަތަ އިސްރާފުވާ ބޮކި ބޭނުންކުރުމާއި ފަރުވާކުޑަކޮށް ބޮކި ދިއްލާފައި ބެހެއްޓުމަކީ، ކޮންމެ މަހަކުވެސް ނޭނގި ހުރެ ނަމަވެސް ކަރަންޓު ބިލު ބޮޑުވާން މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން، އެންމެ ބޮތްކެއް ހުރި ކޮޓަރިއެއް ގައި 3 މީހުން އުޅުނަސް، ނުވަތަ 103 މީހުން އުޅުނަސް، އެ ބޮކީގެ ސަބަބުން ކަރަންޓު ބިލަކަށް ބަދަލެއް ނާންނާނެއެވެ. 

އެލް.އީ.ޑީ ބޮތްކަކާއި އާދައިގެ ބޮތްކެއް--

"ސްޓޭންޑްބައި" ގައި ހުންނަ ތަކެތި

ދެން އޮތީ "ސްޓޭންޑްބައި" ގައި ހުންނަ ސާމާނެވެ. ޓީވީ، ގޭމް ކޮންސޯލް، ރައުޓަރު، މައިކްރޯވޭވް އަދި ޗާޖަރުތައް 24 ގަޑިއިރު ސްވިޗް އޮންކޮށްފައި ބެހެއްޓުމެވެ. ބޭނުން ނުކުރި ނަމަވެސް، މި ތަކެތިން ކަރަންޓު ދަމައެވެ. ގިނަ މީހުން ހީކުރަނީ ކަރަންޓު ހޭދަވަނީ ހަމައެކަނި ގޭގައި މީހުން ތިބޭ ވަގުތު ކަމަށެވެ. ނަމަވެސް މި ފަސަ އާލާތްތަކުގެ ސަބަބުން، "ފެންޓަމް ލޯޑް" ނުވަތަ ނޭނގި ހުއްޓާ ކަރަންޓު އިސްރާފުވާ ގޮތެކެވެ. މިފަދަ އާލާތްތައް ތައްޔާރީ ހާލަތުގައި ބެހެއްޓުމަށާއި، އަވަހަށް ހުޅުވޭ ގޮތް ހެދުމަށް ނުވަތަ ސެޓިންގްސްތައް ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި، އެ އެއްޗެހީގެ އެތެރޭގެ ކުދި ސާކަޓްތައް އަބަދުވެސް މަސައްކަތް ކުރަމުންދެއެވެ. އެހެންކަމުން، ވަކިވަކި ކޮންމެ އެއްޗަކުން ބޭނުންކުރާ ކަރަންޓުގެ މިންވަރު ކުޑަވި ނަމަވެސް، ގޭގައި މިފަދަ ގިނަ އާލާތްތައް ހުންނަ ނަމަ، ޖުމްލަ ގޮތެއްގައި ބޭކާރުވާ ކަރަންޓުގެ މިންވަރު ވަރަށް ބޮޑުވެއެވެ. ހާއްސަކޮށް، ރާއްޖެ ފަދަ ހޫނު ޤައުމުތަކުގައި، ކަރަންޓު ސާމާނުތައް ބޭނުންކުރާ މިންވަރު އިތުރުވުމާއެކު، މިގޮތަށް ބޭކާރުވާ ކަރަންޓަކީ ޖުމްލަ ބިލުގެ %5 އާއި %10 އާ ދެމެދުގެ މިންވަރަކަށް ވެދާނެއެވެ.

އާންމުކޮށް ގިނަ މީހުންނަށް ކުރެވޭ ކުށްހީއަކީ އެއްޗެއް ނިއްވާލުމުން ކަރަންޓު ބޭނުންކުރުން އެއްކޮށް ހުއްޓޭނެ ކަމަށް ހީކުރުމެވެ. ނަމަވެސް، ހަގީގަތަކީ ސޮކެޓަށް ޖަހާފައި ހުންނަ ކޮންމެ އެއްޗަކީ 24 ގަޑިއިރު މެދުނުކެނޑި ކަރަންޓު ބޭނުންކުރާ އެއްޗެކެވެ. އަމިއްލަ ފަސޭހައަށް އެއްވެސް ބަދަލެއް ނުގެނެސް، ކަރަންޓު ބިލު ކުޑަކުރުމަށްޓަކައި، ބޭނުންނުކުރާ ވަގުތުތަކުގައި ސޮކެޓުން ނައްޓާލުން ނުވަތަ ސުވިޗް ހުންނަ "ޕަވަރ ސްޓްރިޕް" ބޭނުންކޮށްގެން މިގޮތަށް ފާހަގަނުވެ ބޭކާރުވާ ކަރަންޓު ސަލާމަތް ކުރެވިދާނެއެވެ.

އެކްޓެންޝަން ބޯޑަކަށް ޖަހާފައިވާ ޗާޖަރުތަކެއް--

ފްރިޖު

ފްރިޖަކީ ގޭގައި ބޭނުންކުރާ މެދުނުކެނޑި ހިނގަހިނގާ ހުންނަ މަދު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗަކަށް ވުމާއެކު، މިއީ ވެސް ކަރަންޓު ބިލަށް އޭގެ އަސަރު ނުސީދާގޮތެއްގައި ވަރަށް ބޮޑަށް ފޯރުވާ އެއްޗެކެވެ. ފްރިޖްގެ މައިގަނޑު މަސައްކަތަކީ، އޭސީއެއްގައިވެސް ކަންކުރާ އުސޫލުން ކޮމްޕްރެސަރެއްގެ އެހީގައި ފްރިޖްގެ އެތެރޭގައި ހުންނަ ހޫނު ބޭރުކޮށް، ކާބޯތަކެތި ފިނިކޮށް ބެހެއްޓުމެވެ. ފްރިޖްގެ ދޮރު ހުޅުވާ ކޮންމެ ފަހަރަކު، އެތެރޭގައި ހުންނަ ފިނިވައި ބޭރުވެ، ބޭރުގެ ހޫނުވައި އެތެރެއަށް ވަދެއެވެ. މީގެ ސަބަބުން، ކަނޑައެޅިފައިވާ ފިނިމިނަށް ފްރިޖް ގެނައުމަށްޓަކައި ކޮމްޕްރެސަރު މާ ބޮޑަށް މަސައްކަތް ކުރަންޖެހި، ކަރަންޓު ހޭދަވާ މިންވަރު އިތުރުވެގެންދެއެވެ. ރާއްޖެ ފަދަ ހޫނު އަދި ތެތްފިނިކަން މަތި ގައުމުތަކުގައި، ބޭރުގެ ހޫނުމިން މަތިވުމުގެ ސަބަބުން މިކަމުގެ އަސަރު މާ ބޮޑަށް ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ފްރިޖަށް މާ ގިނައިން ތަކެތި އެޅުމުން ނުވަތަ ވައި ދައުރުވާން ހުރި ތަންތަން ބަންދުވުމުގެ ސަބަބުންވެސް ކޮމްޕްރެސަރު މާ ގިނައިރު ހިންގަންޖެހި، ކަރަންޓުޭނުންކުރާ މިންވަރު އިތުރުކުރެއެވެ. އަދި ފްރިޖްގެ ދޮރުގެ އަރިމަތީގައިވާ ރަބަރުގަނޑު ބޯވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން މެދުނުކެނޑި ފިނި ބޭރުވާނަމަ، ފިނި ހިފެހެއްޓުމަށްޓަކައި ފްރިޖް އަވަސްއަވަހަށް ހިނގަން މަޖުބޫރުވެއެވެ. މިކަމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު %10 އާއި %20 އާ ދެމެދުގެ މިންވަރަކަށް އިތުރުވެގެންދެއެވެ. އެހެންކަމުން، ކަރަންޓު ހޭދަވާ ވަރު ކުރުމަށްޓަކައި، ދޮރުގެ ރަބަރުގަނޑު ރަނގަޅަށް ހުރިތޯ ބެލުމާއި، ހޫނުކޮށް ހުންނަ ކާބޯތަކެތި ފްރިޖަށް ނުލުމަކީ މުހިންމު ކަމެކެވެ. އަދި ފްރިޖް މާ ބޮޑަށް ތޮއްޖެއްސުމެއް ނެތި އެކަށީގެންވާ މިންވަރަކަށް ތަކެތި ބެހެއްޓުމަށާއި، ބޭނުން ނިމުމުން ވީހާވެސް އަވަހަކަށް ދޮރު ލެއްޕުމަށް ސަމާލުކަން ދޭންޖެހެއެވެ. ކާނެ އެއްޗެއް ނިންމަންދެން އައިސްއަލަމާރީގެ ދޮރު ހުޅުވައިގެން ހުރުމަކީ ހަމައެކަނި ވަގުތު ދާ ކަމެއް ނޫނެވެ. އޭގެ ސަބަބުން އައިސްއަލަމާރީގެ ފިނިމިން ހިފެހެއްޓުމަށްޓަކައި އެ މެޝިން އިތުރަށް މަސައްކަތް ކުރަން މަޖުބޫރުވެ، ކޮމްޕްރެސަރަށް ކުރާ ބާރު ބޮޑުވެ، ކަރަންޓު ބިލު ބޮޑުވުމަށް މަގުފަހިކުރެއެވެ. 

ފްރިޖެއްގެ ދޮރު ހުޅުވާފައި-- 

ދޮންނަ މެޝިން

ދޮންނަ މެޝިނަކީ ވެސް ކަރަންޓު ބިލު ބޮޑުވުމަށް މެދުވެރިވާ، ނަމަވެސް ގިނަ ބަޔަކަށް ސަމާލުކަން ނުދެވޭ ދެ ވަސީލަތެވެ. ދޮންނަ މެޝިނުގައި އެންމެ ގިނައިން ކަރަންޓު ހޭދަވަނީ އަންނައުނު ހިއްކުމަށް ބޭނުންކުރާ ހީޓަރަށެވެ. މިއީ މެޝިން ހިންގުމަށް ބޭނުންވާ ޖުމްލަ ކަރަންޓުގެ ގާތްގަނޑަކަށް %80 އެވެ. މީގެ އިތުރުން، މަދު ހެދުންކޮޅެއް ކޮންމެ ފަހަރަކު ދޮވުމަކީވެސް މެށިނުން ބޭނުންކުރާ ކަރަންޓުގެ އަދަދު އިތުރުވާނެކަމެކެވެ. އެހެންކަމުން، ފަހަރަކު މަދު އެތިކޮޅެއް ދޮވުމުގެ ބަދަލުގައި، މެޝިނަށް އެޅޭނެ އެންމެ ގިނަ އަދަދަކަށް އަންނައުނު އަޅައިގެން ދޮވުމަކީ، ކަރަންޓު އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ ގޮތެކެވެ.

ދޮންނަ މެޝިނެއް-- 

ފެން ހޫނުކުރާ ޖަގު

ހަމައެފަދައިން، ދިރިއުޅުމުގެ އާދަކާދައިގައި ފެން ބޭނުންކުރާ ގޮތުންވެސް ކަރަންޓަށް ބޮޑު ނުފޫޒެއް ފޯރުވައެވެ. ބޭނުންވާ މިންވަރަށްވުރެ އިތުރަށް ފެން ކެއްކުމާއި، އެއް ފެނެއް ތަކުރާރުކޮށް ހޫނުކުރުމަކީ ބޭކާރު ގޮތުގައި ކަރަންޓު އިސްރާފުވާ ކަމެކެވެ. އިތުރަށް ބޭނުންކުރާ ކޮންމެ ލީޓަރަކީ މަސް ނިމޭއިރު ބިލަށް ބޮޑު އަދަދެއް އިތުރުވާނެ ކަމެކެވެ. ފެން ކައްކާ މެޝިނަށް ކޮންމެ ފަހަރަކު ފުރެންދެން ފެން އެޅުމުގެ ބަދަލުގައި، ހަމައެކަނި ބޭނުންވާވަރަށް ފެން ހޫނުކުރުން ފަދަ ކުދިކުދި އާދަތަކަކީވެސް، މަސް ނިމޭއިރު ބިލުން ބޮޑު ތަފާތެއް ފެންނާނެ ކަންކަމެވެ.

ވޯޓަރ ހީޓަރަކީވެސް މިފަދަ އެއްޗެކެވެ. މުޅި ދުވަހު ހީޓަރު ޖައްސާފައި ބެހެއްޓުމުން، ފެން ހޫނުކޮށް ބެހެއްޓުމަށްޓަކައި ހީޓަރު ތަކުރާރުކޮށް މަސައްކަތް ކުރެއެވެ. ފެން ބޭނުން ނުކުރާ ވަގުތުތަކުގައިވެސް ފެނުގެ ހޫނުމިން ދަށްވާ ކޮންމެ ފަހަރަކު ހީޓަރު އަމިއްލައަށް މަސައްކަތް ފަށައެވެ. އެހެންކަމުން، ބޭނުންވާ ވަގުތު އެކަނި ހީޓަރު ޖެއްސުމަކީ ކަރަންޓު އިސްރާފުވުން ހުއްޓުވޭނެ ކަމެކެވެ.

ފެން ހޫނުކުރާ ޖަގެއް--

އިސްތިރި

ދެން އިސްތިރި އަށް ބަލާލަމާ ހިނގާށެވެ. އިސްތިރީގައި ހުންނަ ހީޓަރަކީ ވަރަށް ބޮޑު "ވޮޓޭޖެއް" ބޭނުންކުރާ އެއްޗަކަށްވުމުން، އިސްތިރި ޖައްސާފައި ހުންނަ ކޮންމެ ސިކުންތަކީވެސް ކަރަންޓު ދަމާ ވަގުތެކެވެ. އިސްތިރި ޖައްސާފައި ބަހައްޓައިގެން އިސްތިރި ކުރަން ބޭނުންވާ ސާމާނު ހޯދާ ހަމަކޮށްގެން އަންނައިރު އިންތިހާއަށް ކަރަންޓު އޮންނާނީ އިސްރާފުވެފައެވެ. އަދި ހުރިހާ ހެދުމެއް އެއްފަހަރާ އިސްތިރި ކުރުމުގެ ބަދަލުގައި، އެކިފަހަރުމަތިން، ވަކިވަކިން އިސްތިރި ކުރުމަކީ ވެސް ކަރަންޓު މީޓަރުގެ ދުވެލި ބާރުކޮށްލާނެ ކަމެކެވެ. އެހެންކަމުން، އެކި ހެދުމަށް ބޭނުންވާ މިންވަރަށް ހޫނުމިން ބެހެއްޓުމާއި، ހެދުންތައް އެއްކޮށްލައިގެން އިސްތިރިކުރުމުގެ އިތުރުން، ބޭނުން ނުކުރާ ވަގުތު އިސްތިރި ނިއްވާލުމަކީ ކަރަންޓު ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ގޮތްތަކެވެ.

އިސްތިރިއެއް--

ކަރަންޓު ބިލަކީ އެއްދުވަހުން ކުއްލިއަކަށް ބޮޑުވާ އެއްޗެއް ނޫނެވެ. އެއީ ފަރުވާކުޑަކަމާއި، ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން ނުވަތަ ކަމާއިބެހޭ މައުލޫމާތު ނެތުމުގެ ސަބަބުން ވާކަމެކެވެ. ގޭގައި އުޅެނީ ތިން މީހުން ކަމަށް ވެދާނެއެވެ. ނަމަވެސް، ތިން އޭސީއާއި، ދެ ޓީވީއާއި، އަބަދު ޗާޖުކުރަން ޖަހާފައި ހުންނަ ތަކެއްޗާއި، އަބަދު ޖައްސާފައި ހުންނަ ވޯޓާ ހީޓަރަކީ މުޅިން ތަފާތު ވާހަކައެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ކަރަންޓު ބިލު ބިނާވަނީ ގޭގައި އުޅޭ މީހުންގެ އަދަދަކަށް ނޫނެވެ. އެއީ ބޭނުންކުރާ ކަރަންޓުގެ މިންވަރަށް ބިނާވާ އެއްޗެކެވެ. ރައްކާތެރިކަމެއް ނެތި ކަރަންޓު ބޭނުންކުރާ ތިން މީހަކު އުޅޭ ގެއެއްގެ ބިލު، ކަރަންޓަށް ސަމާލުކަންދީގެން އުޅޭ ބޮޑު އާއިލާއެއްގެ ބިލަށްވުރެ ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. މީޓަރުން ބަލަނީ ގޭގައި ކިތައް މީހުން އުޅޭތޯއެއް ނޫނެވެ. މީޓަރުން ބަލަނީ ކިތައް ސްވިޗް ޖައްސާފައި ހުރިތޯއާއި، އެ ސްވިޗްތައް ހުރީ ކިހާ ވަގުތަކު ޖައްސާފައިތޯއެވެ. 

އެހެންކަމުން، ބައެއް ފަހަރު ބިލު ކުޑަކުރުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ކުންފުންޏަށް ޝަކުވާކުރުމުގެ ބަދަލުގައި، ނުވަތަ ޖެހިގެން ހުރި ގެއާ އަޅާކިޔާ، ސޯޝަލް މީޑިއާގައި ކަރަންޓު ބިލު ބޮޑުވެގެން ޝަކުވާ ކުރުމުގެ ބަދަލުގައި، އަމިއްލަ އަތުގައި އޮތް ރިމޯޓު ކޮންޓްރޯލަށް ނަޒަރެއް ހިންގާލުމެވެ. ހުސްކޮށް ޖައްސާފައި ހުރި ސޮކެޓުތަކަށް ނަޒަރެއް ހިންގާލުމެވެ. އަމިއްލަ އަށް ގެންގުޅެވޭ އާދަކާދަތަކާއި، ކަރަންޓު އިސްރާފުވާވަރާއި މެދު ވިސްނާލުމެވެ. އެހެނީ، ގޭގައި އުޅެނީ ކިތައް މީހުންތޯ މީޓަރަކަށް މުހިންމެއް ނޫނެވެ. މީޓަރަށް މުހިންމީ ޖައްސާފައި ހުރީ ކިތައް ސްވިޗްތޯއެވެ.

ކޮމެންޓް