އެމްބިއުލާންސްއަށް ޖާގަ ނުދިން މީހާއަށް ވެހިކަލް ދުއްވުން މަނާކޮށް ލައިސަންސް ހިފަހައްޓައިފި
މާލޭގެ މަގަކުން ސައިރެން އަޅަމުން، ދަތުރުކުރި އެމްބިއުލާންސަކަށް ކުރިއަށް ނުދެވޭ ގޮތަށް، މަގު ބަންދުކޮށްގެން އޮތް ޕިކަޕް ދުއްވި މީހާއަށް އެއްވެސް ބާވަތެއްގެ ވެހިކަލް ދުއްވުން މަނާކޮށް ލައިސަންސް ހިފަހައްޓައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނުދުނު 10:30 ހާއިރު ފާށަނާ ކިލެގެ މަގުގައެވެ.
މި ހާދިސާއާ ގުޅޭ ވީޑިއޯއެއް މީސް މީޑިއާގައި އާންމުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހަނި މަގަކުން ދަތުރުކުރި އެމްބިއުލާންސެއްގެ ކުރިމަތީގައި ޕިކަޕެއް މަޑުކޮށްގެން އޮތުމުގެ ސަބަބުން އެމްބިއުލާންސަށް ކުރިއަށް ދެވޭގޮތް ވަނީ ނުވެފައެވެ. އެ ޕިކަޕުގެ ފަހަތުގައި އިތުރު ޕިކަޕާއި ކާރުވެސް ކިއުގައި އޮތްއިރު، އެމްބިއުލާންސް އޮތީ އެ އުޅަނދުތަކުގެ ފަހަތުގައެވެ.
ކާރުތަކުން ބަރުގޮނު އަޅަމުންދިޔައިރު، އެމްބިޔުލާންސްއިން ދިޔައީ ސައިރެން އަޅަމުންނެވެ. އަދި މަންޒަރު ދުށް ފަރާތުން ބުނެފައިވާގޮތުން، އެމްބިއުލާންސްގެ ސައިރަންގެ އެޅުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ސައިރަން މަޑުކޮށްލާފައި ޓޯން ބަދަލުކޮށް ބާރަށް ސައިރަން އަޅަންފެށިއެވެ.
ނަމަވެސް އެ ޕިކަޕު ދުއްވާލާފައި ވަނީ އެއިން މުދާ އަންލޯޑްކޮށް ނިންމައި ފައިސާވެސް ނެގުމަށްފަހުގައެވެ. އަދި ޕިކަޕު ދުއްވާފައި ދަމުން އެ ދުއްވަން އިން ޑްރައިވަރު "އެހެން ނުދެވޭނެ، މީ މުދާ" ކަމަށް ބުނާ އަޑުވެސް އިވެއެވެ.
ފުލުހުން މިރޭ ބުނީ އެ މީހާއަށް އެއްވެސް ބާވަތެއްގެ ވެހިކަލް ދުއްވުން މަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ބަލަން ޓްރާސްޕޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި މައްސަލަ މިހާރު އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި ހާދިސާ ހިނގާފައިވާ ގޮތް ތަހުގީގު ކުރުމަށްފަހު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް މިނިސްޓްރީގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މާލޭގެ މަގުތައް ތޮއްޖެހިފައިވާއިރު، ބަލިމީހުން އުފުލާ އެމްބިއުލާންސް ފަދަ އުޅަނދުތަކަށް މަގު ދިނުމަކީ ގާނޫނީ ގޮތުންނާއި އަދި އިންސާނިއްޔަތުކަމުގެ ގޮތުންވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ނަމަވެސް މިފަދަ ހާދިސާތައް ވަރަށް ގިނައިން ތަކުރާރުވާކަން ފާހަގަކޮށްލަންޖެހެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists