މި އަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމުގެ ނިސްބަތް 12.3 އިންސައްތައަށް ވެއްޓިފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
އެހެން ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާ ވަނީ ބޮޑު ވެއްޓުމެއް ތަޙައްމަލުކޮށްފައެވެ. މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ދާއިރާ މިދިޔަ އަހަރާ އަޅައިބަލާއިރު 34 އިންސައްތައަށް ދަށަށް ގޮސްފައިވެއެވެ. އޭގެ އިތުރުން ފަތުރުވެރީން ރާއްޖޭގައި ތިބޭ މުއްދަތު ވެސް ކުރުވެފައިވެއެވެ.
ހަނގުރާމައިގެ އަސަރުން ފަތުރުވެރީން އައުން މަދުވި ގޮތަށް އަދިވެސް އެ ޙާލަތުން އެއްކޮށް އަރައިނުގަނެވެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރީންގެ ޢަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު 3.9 އިންސައްތަ ދަށެވެ.
މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް ޖުމްލަ 1.5 މިލިއަން ފަތުރުވެރީން ޒިޔާރަތް ކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists