މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި 2231 މައްސަލައެއްގައި ދަޢުވާ އުފުލައި ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ. އެ ބައިން އެކަނިވެސް 451 މައްސަލައެއް ޝަރީޢަތަށް ފޮނުވާފައިވެއެވެ.
ހަމަ މި މުއްދަތުގެ ތެރޭގައި 2372 މައްސަލައެއް ޝަރުޢީ މަރުޙަލާ ނިމި ކޯޓުތަކުން ޙުކުމް އިއްވާފައިވާ ކަމަށްވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ތަޙުޤީޤީ އިދާރާތަކުން ފޮނުވި މައްސަލަތަކުގެ ތެރެއިން 1653 މައްސަލައެއް ރަސްމީކޮށް ބަލައިގެންފައިވެއެވެ. އެ އޮފީހުން ވަނީ ތަޙުޤީޤީ އިދާރާތަކަށް ޤާނޫނީ ލަފާ ބޭނުންވި 4970 މައްސަލައެއްގައި ލަފާ ދީފައެވެ. ދަޢުވާ ކޯޓަށް ފޮނުވާ މިންވަރު މަހުން މަހަށް އެވްރެޖްކޮށް އިތުރުވެފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނީ ރައްޔިތުންގެ މުދަލާއި އަބުރާއި މުޖުތަމަޢުގެ އަމަންއަމާންކަމާ ގުޅޭ މައްސަލަތައް ވީއެންމެ އަވަހަކަށް ތަޙުޤީޤުކޮށް ޝަރީޢަތަށް ހުށަހެޅުމަކީ އެ އޮފީހުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists