އެމްޕީއެލްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުަވައިފި އެވެ.
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
އޭސީސީން ބުނީ 2016 އަދި 2017 ވަނަ އަހަރު، އެމްޕީއެލްއިން 18 އެއާކޮންޑިޝަން ޔުނިޓް (އޭސީ)، އޭރު އެ ކުންފުނިން އަމަލު ކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދާއި ހިލާފަށް އާންމުކޮށް އިއުލާންކުރުމެއްނެތި އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ އަދި މި މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން، އެދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާއަށް ގަނެފައިވާ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާ ކަމަށެވެ.
މައްސަލަ ފުލުހަށް ފޮނުވީ 16 ސެޕްޓެންބަރު ގައި ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމާފައިވަނީ ޖުނައިދުގެ އިތުރުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައި އޭރު ހުރި އަބްދުލްވައްހާބުގެ މައްޗަށެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހެޅުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists